ފިލްމު ރިލީޒްކުރިތާ ދެ ދުވަސް ވީއިރު ގިނަ ސިނަމާތަކެއްގައި ފިލްމު ވަނީ ދައްކަން ފަށާފައެވެ. ބޮލީވުޑް ބޮކްސް އޮފީހުގައި ވެސް ވިދަމުން އަންނަ އެ ފިލްމަށް އެއް ދުވަހުން 3.75 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ.
މިހާތަނަށް ފިލްމީ ކްރިޓިކުންގެ ބޮޑު ތަރުހީބަކާއި ތައުރީފެއް ލިބެމުން އަންނަ އެ ފިލްމަށް ކުރިއަށް އޮތީ ފާގަތި ދުވަސްތަކެއްގެ ގޮތުގައި ފިލްމު ރޭޓް ކުރާ ފަރާތްތަކުން އިއްތިފާގުވެއެވެ.
އަޔުޝްމާން ކުރާނާ ލީޑު ރޯލު ކުޅެފައިވާ އެ ފިލްމުގެ ސްކްރީންޕްލޭ ވަރަށް ފުރިހަމަ ކަމަށާއި ހާއްސަކޮށް ފިލްމު ބިނާ ކޮށްފައިވާ ވާހަކަ ވަރަށް ތާޒާ ކަމަށް މަޝްހޫރު ކްރިޓިކުން އަންނަނީ ބުނަމުންނެވެ.
މި ފިލްމުގައި އަޔުޝްމާނާއެކު ލީޑުން ފެނިގެންދާ ބަތަލާ ވާނީ ކަޕޫރުގެ އެކްޓިން އަށް ވެސް ވަރަށް ބޮޑަށް ތައުރީފުކޮށް އެ ފަރާތްތަކުން ބުނަނީ މިއީ ނުބަލާ ދޫކޮށްލައިފި ނަމަ އެކަމާއި ފަހުން ދެރަވާނެ ވަރުގެ ރީތި ފިލްމެއް ކަމަށެވެ.
ކާމިޔާބު ރީތި ފިލްމުތަކެއް ގެނެސްދީފައިވާ އަބީޝެކް ކަޕޫރް ޑައިރެކްޓްކޮށްފައިވާ "ޗަންޑީގަޅް ކަރޭ އާޝިޤީ" ކިޔައިދެނީ ދެފަހަރެއްގެ މަތިން ބޮޑީ ބިލްޑިން މުބާރާތެއްގައި ވާދަކޮށް ނާކާމިޔާބާއި ކުރިމަތިލާން ޖެހުނު މަނިންދަރު މުންޖާލް (މަނޫ) އަށް މާންވީ ބްރާރް ނަމަކަށް ކިޔާ ޓްރާންސްޖެންޑާ އަންހެނަކު ދެކެ ލޯބިވެވޭ ހިސާބުން ހިނގާ ކަންތައްތަކެކެވެ.
ގިނަ ބައެއްގެ ތައުރީފާއި ތަރުހީބު ލިބެމުން އަންނަ އެ ފިލްމު އިތުރަށް ފުރިހަމަ ވަނީ އަބީޝެކް ބަޖާޖް އާއި ގޯތަމް ޝަރްމާ އާއި ލީނާ ޝަރްމާ ފަދަ ތަރިންތަކެއްގެ އެކްޓިންގެ ސަބަބުން ކަމަށް ވެސް ފިލްމު ބެލި މީހުން އަންނަނީ ބުނަމުންނެވެ.