ads
އިންސާނީ ހައްގުތަކުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަަވަނީ ފޮޓޯ ރައީސް އޮފީސް
އިންސާނީ ހައްގުތައް ހިމާޔަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ރާއްޖޭގެ ޒުވާނުންގެ އުންމީދަކީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް އެހައްގުތައް ފުރިހަމައަށް ލިބުންކަމަށް ވުމުން ، އެ އުންމީދު ފުރިހަމަކޮށްދިނުމަށްޓަކައި، ސަރުކާރުން ފުރިހަމައަށް ޒިންމާ އަދާކުރަމުންދާނެ ކަމުގެ ޔަގީންކަން ރައީސްއިބްރާހީމް މުޙައްމަދު ސޯލިހު، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރުވައިފިއެވެ.

މިރޭ ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކުގެ ދުވަހާއި، އެޗް.އާރް.ސީ.އެމް.އަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުން އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރައްޔިތުންގެ ބަސް އިއްވެވުމަަށް ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއްވެސް ނޫފޫޒެއް ބިރުވެރިކަމެއް ނެތި މަސައްކަތްކުރެއްވޭނެކަމަށާއި، އަދި އެ މެންބަރުންނަށް ސިފައިންނާއި ފުލުހުން ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައި ވާކަން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ނޫސްވެރިކަމަށް ފުރިހަމައަށް މިނިވަންކަން ދޭނެކަމަށާއި އެކަމުން ސަރުކާރަށް ލިބެނީ ފައިދާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ހަމަ އެއާއެކު، އިންސާނާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދާ ކަމަށާ، އަދި އިތުރު މަޝްރޫޢުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަސާސީ ހިދުމަތްތައް ލިބިދޭންޖެހޭ ކަމަށް ކުރީގެ ސަރުކާރުތަކަށް ޤަބޫލު ނުކުރެވުނު ކިތަންމެ ރަށެއްގައި، މި ސަރުކާރުން އަންނަނީ އެ ހިދުމަތްތައް ގާއިމުކުރަމުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މީގެ ކުރިން ހަމައެކަނި ލިޔުމުގައި ބަޔާންކޮށްފައިވާ ހައްގުތައް މިހާރު ރައްޔިތުންނަށް ފުރިހަމައަށް ލިބޭ ހައްގުތަކަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގައުމުގައި އެންމެ ނާޒުކު ހާލަތުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދެންޖެހޭ ހައްގުތައް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން އަންހެނުންނާއި، ކުޑަކުދިން އަދި ޢުމުރުން ދުވަސްވީ މީހުންނަށް ގޯނާކުރުމަކީ މި ސަރުކާރުން ތަހައްމަލުކުރާނެ ކަމެއް ނޫންކަމަށާއި، ދައުލަތުގެ ހުރިހާ ހަކަތައެއް ބޭނުންކޮށްގެންވެސް، އެ ފަރާތްތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވެވިއެވެ.

މީގެ އިތުރުން، މި ރަސްމިއްޔާތުގައި ރައީސް ވަނީ އިންސާނާގެ ޒާތާ ގުޅިފައިވާ އަދި އިންސާނާގެ ވަށައިގެންވާ މާހައުލުގެ އެންމެހައި ކަންކަމުގެ ތެރެއިން، ވެށި ހިމާޔަތްކުރުމަށް ސަމާލުކަން ދިނުމަށް ބާރު އަޅުއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ދެއްކެވިވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއަރުވައި ރައްކާތެރިކޮށް ދެމެހެއްޓުމަށް، ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން މަސައްކަތް ކުރައްވާއިރުވެސް، އިންސާނީ ހައްގުތަކާ ގުޅިފައިވާ ހުރިހާ ދާއިރާތަކަށް މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދެއްވައިގެން އެ މަސައްކަތް ކުރެއްވުމަށް ބާރުއަޅުއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް