ވިލާ އެޑިއުކޭޝަނަލް ސަރވިސްގައި މަސައްކަތް ކުރަމުން ދިޔަ ދެ ޓީޗަރަކު ކަނޑާލާފައިވަނީ ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ހަމަ ނިމުނުތަނާހެނެވެ. ވަޒީފާއިން ވަކިކުރުމުން ދެ ޓީޗަކުންވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ވިލާއާ ދެކޮޅަށް ދައުވާ ކުރުމުން އެތަނުން މި އަހަރުގެ ކުރީކޮޅު ކަނޑައަޅާފައިވަނީ އެ ދެ ޓީޗަރުންވެސް މަގާމުން ވަކިކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި ދެ ޓީޗަރުންނަށް ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ހުކުމް ކުރުމުން، އެ ދެ ޓީޗަރުންނަށް ބަދަލު ދިނުމުގެ ބަދަލުގައި ވިލާއިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ވިލާއިން ހައިކޯޓުގައި މައްސަލަ އިސްތިއުނާ ކުރުމުން ހައިކޯޓުންވެސް ކަނޑައެޅީ ދެ ޓީޗަރުން މަގާމުން ވަކިކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންކަމުން ބަދަލު ދޭން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ހައިކޯޓުންވަނީ ބަދަލުގައި ދޭން ޖެހޭ މިންވަރު ޓްރައިބިއުނަލުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ކުޑަކޮށްފައެވެ. ހައިކޯޓުގެ ހުކުމާއެކު، ވިލާއިން ކަނޑާލި ދެ ޓީޗަރުން ކުރެ ކޮންމެ ޓީޗަރަށް ދޮޅު ލައްކައެއްހާ ރުދިޔާ ދިނުމަށް ވިލާ އެޑިއުކޭޝަނަލް ސަރވިސްގެ މައްޗަށްވަނީ އަމުރުކޮށްފައެވެ.