ads
ޓެރަރިޒަމް ގާނޫނަށް ގެނެވުނު ތިންވަނަ އިސްލާހު ރައީސް ވަނީ މިއަދު ތަސްދީގު ކުރައްވާފައި
ބައެއް ހާލަތްތަކުގައި ކޯޓުއަމުރެއްނެތި ހައްޔަރު ކުރެވޭގޮތަށް ޓެރަރިޒަމް ގާނޫނު ހަދައިފި
ބައެއް ހާލަތްތަކުގައި ކޯޓުއަމުރެއްނެތި މީހުން ހައްޔަރު ކުރެވޭގޮތަށް ޓެރަރިޒަމް ގާނޫނަށް ގެނައި ތިންވަނަ އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެއިސްލާހުގައިވާ ގޮތުން އެ ޤާނޫނުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާއި 12 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރަން އުޅޭކަމުގެ ތުހުމަތުކުރެވޭ ފަރާތަކާމެދު ވަގުތުން ފިޔަވަޅު ނާޅައިފިނަމަ، އެފަދަ ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކޮށްފާނެކަމަށް ބެލުމަށް ބުއްދިއަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެނަމަ، ކޯޓު އަމުރަކާ ނުލައި އެމީހަކު ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެން ވެއެވެ.

އެ މާއްދާ ތަކުގައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި، އެފަދަ އަމަލެއް ހިންގުމަށް ރޭވުމާއި ، ނުރައްކާތެރި ހަތިޔާރު ނުވަތަ ފަނާކުރަނިވި މާއްދާއެއް ހިމެނޭ އެއްޗެއް އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި އެހެން މީހަކަށް ދިނުމާއި، އެހެންތަނަކަށް ގެންދިއުމާއި އެއިން ވިޔަފާރިކުރުން ފަދަ ކަންކަމެވެ. އަދި  ގޮވާތަކެތި އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި އެހެންމީހަކަށް ދިނުމާއި، އެހެންތަނަކަށް ގެންދިއުމާއި އެއިން ވިޔަފާރިކުރުމުގެ އިތުރުން ގޭންގް ނުވަތަ ގްރޫޕް ހަދައިގެން އެފަދަ ކަންކަން ކުރުމެވެ. 

މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލަށް ގެނައި އިސްލާހުތަކުގެ ތެރެއިން ޓެރެރިޒަމްގެ ކުށްތައް ތަހްގީގު ކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ލިބި، އެފަރާތްތަކަށް ލިބިދޭ ބައެއް ބާރުތަކުގެ ދާއިރާ އަލުން ކަނޑައަޅުއްވާފައި ވެއެވެ. 

އަދި މި އިސްލާހުގައި ދިވެހިރާއްޖެއިން ބޭރުގައި ޓެރެރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިއުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށްޓަކައި މި ގާނޫނުގެ އަށްވަނަ ބާބުގައި ބަޔާންކުރާ ހަނގުރާމަވެރިންނާ ގުޅޭ ހާއްސަ އިޖުރާއަތުތަކަށް ބަދަލުގެނެސްފައިވެއެވެ. ހަމަ އެއާއެކު، މި އިސްލާހުގައި ޓެރަރިޒަމްގެ އަމަލުތައް ކުރާ ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތްތަކަށް ހިންގަންޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި ގެންނަން ޖެހޭ މުހިންމު ކަންކަން ބަޔާން ކޮށްފައިވެއެވެ. މީގެ އިތުރުންވެސް މި އިސްލާހުގައި ޓެރަރިޒަމާ ގުޅުންހުރި ކަންކަމުގައި ފިޔަވަޅު އެޅުމުގައި އަމަލުކުރަންވީ މުހިންމު ކަންކަން ބަޔާންކޮށްފައިވެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް މި ގެންނެވި އިސްލާހާއި ގުޅިގެން މި ޤާނޫނަށް ޢަމަލުކުރަންފަށާތާ 30 ދުވަސްތެރޭގައި، ޤާނޫނުގެ 60-15 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލަންޖެހޭ ރީހެބިލިޓޭޝަން އެންޑް ރީ-އިންޓަގްރޭޝަން ކޮމިޓީ، މިނިސްޓަރ އެކުލަވާލަންވާނެކަމުގައި ކަނަޑައަޅުއްވާފައިވެއެވެ. ހަމަ އެއާއެކު މި ޤާނޫނަށް ޢަމަލުކުރަންފަށާތާ 30 ދުވަސްތެރޭގައި، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ގާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް