ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ދެ އިންތިހާބު އެއްކުރަން ފެންނަ ނުފެންނަ ވޯޓް އޭޕްރިލް 4 ގައި ނަގަން ރައީސް އަންގަވައިފި
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާ ގަރާރު ނެރުއްވައިފިއެވެ
Advertisement

ރައީސް މުއިއްޒު އެދިވަޑައިގެން ގޮތަށް މައި ދެ އިންތިހާބު އެއްކޮށް ބާއްވަން ރައްޔިތުން މަޖިލީހުން ފާސްކުރީ މިމަހުގެ 10 ވަނަ ދުވަހުއެވެ. 

ރައީސް މުއިއްޒު މިއަދު ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓް ނެގުމަށް އަންގާ ގަރާރު ނެރުއްވާފައެވެ. 

ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލު 

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"

ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ކަނޑައަޅައިފައިވާ ތާރީހަކީ ކުރިޔަށް އޮތް "ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026" ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުކަމަށް ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވެއެވެ.

ދެ އިންތިހާބު އެއްކޮށްލުމުގެ ބިލްގައި ހިމެނޭ އިސްލާހުތަކަށް އަމަލު ކުރެވޭނީ ގާނޫނުއަސާސީގައިވާ ގޮތުން، ފެންނަ ނުފެންނަ ވޯޓުގައި، ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމައެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން، އެ އިސްލާހުތައް ގެންނަން ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސް އެ ބިލެއް ތަސްދީގު ކުރައްވައި، ގެޒެޓު ކުރައްވަން ޖެހެ އެވެ. ފެންނަ ނުފެންނަ ވޯޓުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ އޭގެ ނަތީޖާއަކީ އެ ބިލެއް އެ ހިސާބުން ބާތިލްވުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް