ވިމެން އިން މެނޭޖްމަންޓްގެ "ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2021" ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއެކު ސަރުކާރުގެ ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަލް ޕްލޭނުގެ އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންކަން ދެ އަހަރުގެ ތެރޭގައި ތަންފީޒުކުރުމަށް، ނޭޝަނަލް ރެސިލިއަންސް އެންޑް ރިކަވަރީގެ ނަމުގައި، ވަކި ލިސްޓެއް އެކުލަވާލެއްވިކަމަށެވެ.
" އެ ލިސްޓުގައި ކުރަން ކަނޑައަޅާފައިވާ އެއްކަމަކީ، ދައުލަތް ހިންގުމުގެ އިސް ސަފުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އަމާޒުކޮށްފައިވާ ޕްލޭން ކަމުގައިވާ "ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން" ތަންފީޒު ކުރުން. އަދި މި ޕްލޭންގެ މުހިންމު އެއް ބަޔަކީ ގައުމީ ފެންވަރުގައި ހިންގާ ކޮންމެ ހަރަކާތެއްގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުން،" ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި މިންތީގެ ތަފާތުތައް ނައްތާލައި، ސިޔާސީ އަދި އިޖްތިމާއީ މައިދާނުގައި، އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތަކީ ސަރުކާރުން މިހާރުވެސް ތަންފީޒު ކުރަމުން އަންނަ މުހިންމު ވައުދެއްކަން ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ގްލޯބަލް ޖެންޑަ ގެޕް އިންޑެކްސްގައި ފާހަގަކޮށްފައިވާ، ރާއްޖެ ހޯދާފައިވާ ބައެއް ކުރިއެރުންތަކުގެ މައްޗަށް ވެސް ރައީސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާގައި ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވަމުން މިހާރު މިންތީގެ ތަފާތުތައް އެންމެ ބޮޑު ދާއިރާކަމުގައިވާ ސިޔާސީ އަދި އިޤްތިޞާދީ ދާއިރާގައި މިތަފާތުތައް ކުޑަކުރުމަށް، ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންގެ ވިސްނުންތަކާއި ހުށަހެޅުންތައް، ތަންފީޒީ މަރުޙަލާގެ މޭޒު ދޮށަށް ގެނައުންކަމުގައެވެ.
މި ރަސްމިއްޔާތުގައި، އެންމެ ޝަރަފުވެރި އެވޯޑްތައް ހާސިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް އަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ވިމެން އިން މެނޭޖްމަންޓުގެ ރާއްޖޭގެ ގޮތްޕެވެ. އެޖަމުޢިއްޔާއިން ދެމުން އަންނަ ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑަކީ ރާއްޖޭގެ ޕްރޮފެޝަނަލް އަދި ވަޒީފާގެ ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަނބަލުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.