އެ އަންހެން މީހާ ﷲގެ ޒާތަށް ބަދުބަސް ބުނެ މުރުތައްދުވާ ފަދަ ވާހަކަތަކެއް ދައްކާ ވީޑިއޯއެއް ވެސް ދާދި ފަހަކުން ވަނީ އާންމުވެފައެވެ.
އޭނާ ބުރުގާވެސް ނާޅާ މަގުމަތީ އުޅެ ތަންތަނަށް ގެއްލުންދޭ ވީޑިއޯ އެއްވެސް ވަނީ މިފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.
ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އިސްމާއީލް އިބްރާހިމް ވިދާޅުވީ، ޝަހުދާގެ މައްސަލަ ފުލުހުން ބަލަން ފެށި ކަމުގައި ވިޔަސް ރަށު ރައްޔިތުންގެ ކަންބޮޑު ވުމަކީ އޭނާ އަދިވެސް ހައްޔަރުނުކުރާތީ ކަމަށެވެ.
އިތުރަށް އިސްމާއިލް ވިދާޅުވީ، ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ފުލުހުންގެ ކޮމާންޑަރުވެސް އައިސް އެމީހުންނާ ބައްދަލުކޮށްފައިވާ ކަމަށާއި މިހާރު ޖެންޑާ މިނިސްޓްރީންނާއި ފުލުހުން ގުޅިގެން އެ އަންހެން މީހާ ދެއްކުމަށް ނަފްސާނީ ބަލީގެ ޑޮކްޓަރެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ދީފައިވާ ކަމަށެވެ.
އެ އަންހެން މީހާގެ ވާހަކަ ދައްކަމުން އެރަށުގެ ފަރާތަކުން ނަން ނުޖެހުމަށް އެދި ބުނީ، ފުލުހުން އެ މައްސަލަ ބަލަން ފަށަނީ އޭ ބުނުމަކުން ހިތައް ހިތްހަމަ ޖެހުމެއް ނުލިބޭ ކަމަށާއި މާދަން ގެއްލުންދޭނީ ކާކުގެ މުދަލަކަށް ކަމެއް ނޭނގޭ ކަމަށެވެ. އަދި ހައްޔަރު ނުކޮށް ހުރުމުން އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ.
އެރަށުން ވާހަކަ ދެއްކި ފިރިހެނަކު ބުނީ، ޝަހުދާ އަކީ މޮޔައެއް ކަމަށް ނުވަތަ ބުއްދި ގޯސް މީހެއް ކަމަށް ބުނި ނަމަވެސް އޭނާ ހައްޔަރުކޮށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން އެކަން ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި ހެއްދެވި ފަރާތައް މަލާމާތްކޮށް ބަދުބަސް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އޭނާ މީހުންގެ މުދަލަށް ގެއްލުންދީފައިވާތީ މި ހުރިހާ ކަމެއް ހިމެނޭހެން އެ އަންހެން މީހާ އަށް އަދުބު ކަނޑައެޅެން ޖެހޭ ކަމަށް ވެސް ސީއެންއެމް އަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.
ޝަހުދާ މިހާރު އިނީ ބަލިވެ ކަމަށް ރަށު ތެރޭގައި ވަނީ އަޑުތައް އަރާފައެވެ. އަދި އޭނާ އަކީ މަސްތުވާތެކެތި ބޭނުން ކުރާ މީހެއް ކަމަށާއި އެގޭގައި އުޅޭ ގިނަ މީހުންނަކީ އެކަމުގެ ތެރޭގައި ޝާމިލުވާ ބައެއް ކަމަށް އެރަށު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި އެކި ކަހަލަ ފާހިޝް އަމަލުތައް ވެސް އެމީހުން ކުރާ ކަމަށް ހަބަރު ވަނީ ލިބިފައެވެ.