އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން ފަތުވާއަކަށް އެދުނު ހަބަރާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ކުރިމަތިވަމުންދާތީ އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ އާންމު ސިއްހަތު ރައްކާތާރިކަމުގެ މަސްއޫލިއްޔަތު ގާނޫނީ ގޮތުން އޮންނަނީ އެޗްޕީއޭއަށް ކަމަށެވެ.
އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ދީނުގައި އޮންނަ ގޮތް އޮޅުން ފިލުވަން ބޭނުންވީ އެޗްޕީއޭއިންކަން ފާހަގަކޮށް ބަޔާނުގައި ބުނީ ދީނީގޮތުން މައްސަލައެއް އޮޅުންފިލުވުމަށް ފަތުވާ މަޖިލީހުގައި ހަމައެކަނި އެދެވޭނެ ފަރާތަކީ، އެއިރެއްގައި އިސްލާމިކް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނަވާ އެންމެ އިސްފަރާތް ކަމަށެވެ.
އެހެންވެ އެޗްޕީއޭގެ އެދުމުގެ މަތިން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވަނީ ދީނީގޮތުން އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން އޮންނަ ރައުޔު ބަޔާންކޮށްދެއްވުމަށް ފަތުވާ މަޖިލީހަށް ހުށަހަޅުއްވާފައި ކަމަށްވެސް ބަޔާނުގައިވެ އެވެ.
އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން ފަތުވާއަކަށް އެދުނު ހަބަރާއެކު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އަންހެން ކުދިން ހިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށާއި އެހެންކަމުން އެކަމުގައި ލަފައެއް ހޯދަންޖެހޭ ހާލަތެއް އޮތް ކަމަށް ނުދެކޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު މިމަހުގެ ފަސްވަނަ ދުވަހު، ފަތުވާ މަޖިލީހަށް ފޮނުއްވި އެ ސިޓީގެ ޖަވާބު އަދި ލިބިފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގައި ބައެއް އަންހެން ކުދިން ހިތާނުކުރާ ކަމަށް އާންމުންގެ ތެރޭގައި ވާހަކަދެކެވެ އެވެ. އަންހެން ކުދިން ހިތާނުކުރުމަކީ ސިއްހީ ތަފާތު މައްސަލަތައް ކުރިމަތިވާ ކަމަކަށްވާތީ ސިއްހީ މާހިރުން ގެންދަވަނީ އެކަން ނުކުރުމަށް އިލްތިމާސް ވެސް ކުރައްވަމުންނެވެ.