ކަރިނާ އާއި ސައިފް އަކީ ކައިވެންޏަށް ފަހު ގިނައިން އެކުގައި ވަގުތު ހޭދަކޮށް މަޖާކުރުމުގައި އުޅޭ ދެ ފަންނާނުންނެވެ.
ޕާޓީއެއްގެ ތެރެއިން ކަރީނާ އަށް ކޮވިޑް ޖެހި ކަރަންޓީނު ފުރިހަމަ ކުރަމުންދާ ގެ ކައިރި ކޮފީތަށި ހިފައިގެން ދުރުގައި ހުންނަ ފޮޓޯ އެއްވެސް ވަނީ އާންމު ވެފައެވެ.
އެކަމާއި ގުޅިގެން ކަރީނާ ބުނެފައިވަނީ މިވަގުތު ދުރުގައި ތިބެން ޖެހުނަސް ދެ މީހުންގެ ދޭތެރޭ އޮތް ލޯތްބަށް ބަދަލު ނާންނަ ކަމަށެވެ.
ކަރީނާ އާ އެކު ދެ ދަރިން ވެސް އެކުގައި ތިބީ ކަރަންޓީނުގައި ކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އެހެން ކަމުން ސައިފް ވަރަށް ގިނައިން އެ ގޭ ދޮށަށް އަންނާނެ ކަމަށް މީހުން މިވަނީ ދެކެން ފަށާފައެވެ.
ކަރީނާ ކަރަންޓީނުގައި ހުންނަ އިރު ރަހުމަތްތެރިންނާއި އާއިލާ މީހުން އެކި ކަހަލަ ހަދިޔާ އޭނާ އަށް ފޮނުވާ ކަމަށް ހަބަރުތަކުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކަރީނާ ވެސް ވަނީ އޭނާގެ ރައްޓެހި ރިއާ ކަޕޫރާއި މަންމަ ސުނީތާ ކަޕޫރު ވަރަށް މީރު ޗޮކްލެޓްތަކެއް ހަދިޔާ ކުރުމުން އެކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
ކަރީނާ އާ އެކު ބަތަލާ އަމްރިތާ އަރޯރާ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ޝަނާޔާ ކަޕޫރު އަދި މަންމަ މަހީޕް ކަޕޫރު ވެސް ވަނީ މީގެ ދެ ދުވަސް ކުރިން މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ކަރީނާ ކަރަންޓީނު ވުމާއެކު އޭނާގެ ފިލްމީ މަސައްކަތް ވަނީ އެއްކޮށް ހުއްޓިފައެވެ. ބަލިން ރަނގަޅުވެ މަސައްކަތަށް އެނބުރި ނުކުންނާނެ ތާރީހެއް އަދި އޭނާ ނާންގައެވެ.