ތ.ތިމަރަފުށީ ކައުންސިލް ރައީސް އިސްމާއީލް އިބަރާހީމް ސީއެން އެމްއަށް ވިދާޅުވީ އިއްޔެ މެންދުރު އެހާދިސާ ހިނގާފައިވަނީ ގޭގައި ދެކުއްޖަކު ކުޅެން އުޅެނިކޮށް ކަމަށެވެ.
މިހާދިސާގައި ވަޅިހެރި އަނިޔާވެފައި ވަނީ އުމުރުން ހަތަރު އަހަރުގެ އިބްރާހިމް ލައިޝާން މުހައްމަދުގެ ވައަތު ލޮލަށެވެ. އެ ހާދިސާ ހިނގުމާއެކު އާއިލާއިން އޭނާ ގޮވައިގެން ދިޔައީ ތ. ވޭމަންޑޫއަށެވެ.
އެ އާއިލާއިން ބައެއް މީޑިއަ ތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެހާދިސާ ހިނގާފައިވަނީ ތަޅުދަނޑި ގެއްލިފައިއިން ދޮރެއް ހުޅުވަން ވެގެން ކުޑަ ދެކުދިން މަސައްކަތް ކުރަނިކޮށެވެ. ދެކުއްޖަކު ވަޅިއަކުން ދޮރު ހުޅުުވުމުގެތެރޭގައި ހިނގި ހާދިސާއެއް ކަމަށް އާއިލާއިން ބުނެއެވެ.
ވޭމަންޑޫން ފަރުވާ ދެވެން ނެތިގެން ރޭ 6:30 ހާއިރު ބަލި ކުއްޖާ ވަނީ މާލެއަށް ގެނެސް ފައެވެ.
ލައިޝާން ވަނީ އައިޖީއެމްއެޗްއަށް ދައްކައި، އަދި 12 ގަޑިއިރު ވަންދެން ނުކައި ބާއްވައި ޓެސްޓުތައް ހަދާފައެވެ.
މިއަދު މެންދުރު ޑޮކްޓަރު ވަނީ އެ ޓެސްޓުތަކާއި ގުޅޭ ނަތީޖާގެ މައުލޫމާތު އާއިލާއާ ހިއްސާކޮށްފައެވެ. ރަނގަޅަށް ހުރި ލޯ މަތީގައި އަތް އެޅުމުން އަނިޔާވި ލޮލުން ލައިޝާންއަށް ނުފެންނަކަން ޑޮކްޓަރަށް ވަނީ އެނގިފައެވެ.
ޑޮކްޓަރު މިހާރު ލަފާ ދީފައިވަނި ވީހާ އަވަހަކަށް ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށެވެ.