ކުންފުނީގެ ބުރަ މަސައްކަތުން ހަގީގަތުގައި ވެސް ރައްޔިތުންގެ އިތުބާރު ކަށަވަރުވިއެވެ. އެންމެ ކުދި ޕްރޮޖެކްޓްތަކުން ފެށިގެން ބިޔަ ޕްރޮޖެކްޓްތަކުގެ މަސައްކަތާއި ހަވާލުވެ ކުރަމުންދިޔައީ އެފަދަ ދެވަނައެއް ނެތް ބައެކޭ ނުބުނެވޭ ފެންވަރުގައެވެ.
އެމްޓީސީސީ އުފެދިގެން އައިއިރު ކުންފުނިން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ކަނޑާއި، ވަޔާއި، އެއްގަމުގައި ދަތުރުފަތުރު ކުރުމާބެހޭ ކަންތައް ހިންގައި ކުރިއެރުވުން، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ މަސައްކަތްކުރުމާއި އެކަންކަން ކުރިއެރުވުން، އިމާރާތްކުރުމާއި، އިންޖިނިއަރިން މަސައްކަތާއި، ބަނދަރުގެ ޚިދުމަތް ތަކާއި، މުދަލާއި ތަކެތިގެނެސް ގެންދިޔުމުގެ ހިދުމަތްތައް ކުރުމާއި މިކަންކަން ކުރިއެރުވުން، ޓުއަރިޒަމާއި އަދި މިނޫންވެސް ފައިދާހުރި މަސައްކަތްތައް ކުރުމާއި މިކަންކަން ކުރިއެރުވުމެވެ.
އެހެން ނަމަވެސް ފަހުން ފަހުން އައިސް ކުންފުނީގެ މަސައްކަތުގެ ދުވެލި މުޅިން އެހެން މިސްރާބަކަށް ބަދަލުކޮށްލައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏަށް ވަނީ ވެފައެވެ. 41 އަހަރުވީ ދިގު މުއްދަތުގެ ތެރޭގައި ކާމިޔާބު ކަމާއެކު ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމްވެސް ހޯދިއެވެ.
ބަނދަރު ހެދުމާއި ބިންހިއްކުމުގެ މަޝްރޫޢުތަކުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ޝީޓް ޕައިލިން، ނަރުދަމާ އެޅުމުގެ މަސައްކަތާއި ސާރވޭ ކުރުމުގެ މަސައްކަތަކީ ވެސް އެމްޓީސީސީން ކުރަމުންދާ މަސައްކަތްތަކުގައި ކުންފުނީގެ ދުވެލި ބާރުކޮށްލައި ރާއްޖޭގެ ގިނަ ރަށްރަށުގައި ވެސް އެމްޓީސީސީގެ އަޑުތައް ގަދަކޮށްލިކަން ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން މަހާ ޖައްރާފު މި ލިސްޓުގައި ނުހިމަނައިފިނަމަ އެއީ ވެވޭ ބޭއިންސާފެކެވެ.
ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް ހިންގޭ ބޮޑެތި މަޝްރޫއުތަކުގެ މޭސްތިރިއަކަށް ވެފައިވާ އެމްޓީސީސީން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ވެސް ބިޔަ މަޝްރޫއުތަކެއް ވަނީ ކާމިޔާބު ކަމާއެކު ނިންމާފައެވެ. މަގު ހެދުމާއި، ތާރު އެޅުމާއި، އެއާރޕޯޓް ތަރައްޤީ ކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެމްޓީސީސީން ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ. އަދި މިއަދު އެމްޓީސީސީއަކީ އެއްފަހަރާ އުމްރާނީ ތަރައްގީގެ 70 މަޝްރޫއުއެއް ހުއްޓުމެއްނެތި ކުރުމުގެ ގާބިލްކަން ލިބިފައިވާ ކުންފުންޏެކެވެ.
މިހާރުވެސް ކުރިއެކޭ އެއްގޮތަށް އެ ކުންފުނިން އަންނަނީ މާލެ ސަރަހައްދު ހިމެނޭހެން އަތޮޅުތަކުގެ ގިނަ ރަށްތަކުގެ ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ގިނަ ރަށްތަކެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުތައް ޕްލޭނިން މިނިސްޓްރީން ވެސް ހަވާލުކޮށްފައިވާ އެއް ކުންފުންޏަކަށް އެމްޓީސީސީ ވާނެ އެވެ. މީގެ އިތުރުން ވެސް ހުޅުމާލެ އަދި މާލެ އަށް ބަހުގެ ހިދުމަތް ދިނުމާއި ފެރީގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ދެމުން އަންނަ އިރު އަތޮޅުތަކަށް ހައި ސްޕީޑު ފެރީގެ ހިދުމަތް ފެށުމަށް މިހާރު ދަނީ ފައްކާ ކުރަމުންނެވެ. މީގެ އިތުރުން ވެސް ސަރުކާރުގެ އެކި ވުޒާރާތަކާއި ގުޅިގެން މަސައްކަތުގެ ދާއިރާއަށް މީހުން ތަމްރީން ކުރުން ވެސް މިއީ އެމްޓީސީސީގެ ދިގު ދަތުރުގައި ފަށާފައިވާ "ސަޅި" ކަމެކެވެ.
41 އަހަރު މިއީ ކުރު މުއްދަތެއް ނޫނެވެ. ކުންފުނީގެ އިތުބާރު ދަމަހައްޓައި ހުއްޓުމެއްނެތި ރައްޔިތުންގެ އިތުބާރު ކަށަވަރު ކުރުމުގެ ފަހަތުގައި ތިއްބެވީ ކުންފުނީގެ އިސްވެެރިންނާއި އެ ކުންފުނީގެ ހީވާގި މުވައްޒަފުންކަން ޔަގީނެވެ. ކާމިޔާބާއި ފޮނިމީރު ކަން ހޯދުގައި އެ ފަރާތްތަކުން ކުރަމުން އަންނަ ބުރަ މަސައްކަތާއި ވަމުން އަންނަ ބޮޑު ގުރުބާނީ ހަގީގަތުގައި އަންދާޒާވެސް ނުކުރެވޭނެއެވެ.
އެމްޓީސީސީއަށް 41 އަހަރު ވުމާއެކު ކުންފުނީގެ ދުވެއްޔަށް މަޑެއް ގެންނާކަށް އެކުންފުނިން ބޭނުމެއް ނޫނެވެ. އެމްޓީސީސީގެ އަމާޒަކީ ހިކުމަތްތެރިކަމާއެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިޔުމެވެ. ކަސްޓަމަރުންނާއި ހިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއި ޢާއްމު ރައްޔިތުން، ވޭތުވެދިޔަ 41 އަހަރު ދެގޮތެއްނުވެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމެވެ. އިތުރު ބިޔަ މަޝްރޫއުތަކާއެކު މަސައްކަތްތައް މެކުހަށް ޖެހުމެވެ.