ads
ރައީސް ގޮއިދޫ ކައުންސިލާ ބައްދަލުކުރެއްވުން ފޮޓޯ ރައީސް އޮފީސް
ގޮއދޫ ކައުންސިލުން ބޭނުންވަނީ ރަށާ ކައިރިން ރިސޯޓެއް ތަރައްގީ ކުރުން
ރަށާ ކައިރިން ރިސޯޓެއް ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ރަށުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ޢިމާރާތްކުރުމަށް ބޭނުންވާކަމުގައި ށ ގޮއިދޫ ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާ އަށް ހުށަހަޅައިފިއެވެ.

ގޮއިދޫ ކައުންސިލް ރައީސް އިބްރާހީމް ޝާހިދު ސީއެންއެމް އަށް ވިދާޅުވީ އެންމެ އިސްކަން ދީގެން ރައީސަށް ހުށަހެޅުއްވި އެއްކަމަކީ ރަށާކައިރިން ރިސޯޓެއް ހެދުން ކަމަށެވެ. 

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި، ކައުންސިލުން ވަނީ ށ އަތޮޅުގެ އުތުރު ބިތުގައި މާގިނަ ފަޅުރަށްތަކެއް ނެތުމާއެކު،  ރަށާ ކައިރީގައި އޮތް ފުށިފަރު ރިސޯޓަކަށް ހެދުމަށް އެދިފައެވެ.

ޝާހިދު ވިދާޅުވީ އެރަށުގެ ޒުވާނުންގެ 70 އިންސައްތަ މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުން ކަމަށެވެ. 

މި ބައްދަލުކުރެއްވުމުގައި ބަނދަރާއި ސްކޫލުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ފާހަގަ ކުރައްވާފަ އެވެ. އަދި ރަށުގައި އެމްބިއުލާންސެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، އާ ޞިއްޙީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުންތައްވެސް ކައުންސިލުން ފާހަގަކުރިއެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ގޮއިދޫ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތަކާއި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާއިހިއްސާ ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރައްވާ އެކަންކަން ބައްލަވައިދެއްވާނެ ކަމުގައިވެސް ވިދާޅުވެފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ކައުންސިލުން ވަނީ މި ބައްދަލުވުމުގައި ރައީސް ދެއްވި އުންމީދީ ޖަވާބުތަކެއްކަން ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން ގޮއިދޫ ކައުންސިލުންވަނީ މި ސަރުކާރުން ރިޔާސީ ކެމްޕެއިންގައި ވަޢުދުވީ ފަދައިން ފެނާ ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ގޮއިދޫގައި ތަރައްޤީ ކުރަމުންގެންދާތީ، ކައުންސިލާއި ރައްޔިތުންތިއްބެވީ ވަރަށް ހިތްހަމަޖެހިފައިކަމުގައި ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް