ads
ފޮޓޯ: މީސްމީޑިއާ
އުފުލަށްޓަކައި ނެގީ ހިނދުކޮޅެއް، ނެތިގެން ދިޔައީ މުޅި ދިރިއުޅުން!
އެއީ މީގެ އެތައް އަހަރެއް ކުރިން ހިނގި ހާދިސާއެއް ނަމަވެސް އަދިވެސް އޭނާގެ ހިތުގައި އެކަންތައް އިއްޔެ ވީކަމެއްގެ ގޮތުގައި އާލާވެ އާލާވެ ހުރެއެވެ.
Advertisement

އޭރު އޭނާގެ އުމުރުން އެންމެ 15 އަހަރު ނަމަވެސް ހެވާއި ނުބާ އަންހަނަށް ވެސް އެނގެއެވެ. އެހެން ނަމަވެސް މަސްތީ މި ދުނިޔޭގެ ވަބާގެ ތެރެއަށް އޭނާ ގެނބިގެން ދިޔައީ،  އޭރުގެ އެކުވެރިންގެ ސަބަބުން، މޮޅު ގޮތް ހޯދުމުގެ ބޭނުމުގައެވެ. 

ދެކުނުގެ ރަށަކަށް ނިސްބަތްވާ އެ ޒުވާން ކުއްޖާ އޭރު ހީކުރީ، މަސްތުވުމަކީ ވަރަށް ސަޅި އަދި ކޫލް ކަމެއްގެ ގޮތުގައެވެ. އެއީ މާބޮޑު ކަމެއް ނޫންކަމަށް ވެސް އޭރު އޭނާ ގަބޫލް ކުރި އެވެ. ފަހުން ފާފަތަކަށް މާފު ހޯދާނީއޭ ހިތާ އޭރު ނުކުރާކަށް ކަމެއް ނެތެވެ. މަސްތުވާތަކެތި ހޯދަން ނުވިއްކާ އެއްޗެއް ނެތެވެ. އަމިއްލަ މައިމީހާގެ ފައްޓަރުބައިން ފެށިގެން އަމިއްލަ މީހާގެ ނަފްސު ވެސް އެކަމަށް އޭނާ ވިއްކީ މެވެ. 

"އަހަރުތަކެއް މިކަމުގެ ތެރޭގައި އަހަރެން ހޭދަކުރަމުން ދިޔައީ ވަރަށް އުފަލުން ހުރެ. އެހެން ނަމަވެސް އޭރު ވެސް ހިތުގެ ތެރޭގައި ކޮންމެސް ނުތަނަވަސްކަމެއް ހުރެ. އެ ނުތަނަވަސްކަން ފިލުވާލުމަށް އަވަހަށް އަހަރެން މަސްތުވެލަނީ،" ކުރީގެ ހަޔާތް އޭނާ ކިޔައިދެމުން ދިޔައީ ގިސްލާ ރޮމުންނެވެ. 

ކަންކަން ދިމާވަނީ، އަބަދު އެންމެ ރުހޭ ގޮތަށް ނޫނެވެ. އަދިވެސް އެދުވަސް ހަނދާނަށް އައުމުން އޭނާގެ ގައިން ހީބިހި ނަގައިގެންދާކަމަށް ވެ އެވެ. އޭނާ ހުއްޓުން އަރާ މީހާ އެއްކޮށް ފިނިވެގެންދާކަމަށް ބުންޏެވެ. 

ދުވަހަކީ އާދައިގެ މަތިން އޭނާ މަސްތުވާތަކެތި ހޯދުމަށް ލާރި ހޯދަން އުޅުނު ދުވަހެކެވެ. އަންހެން ކުއްޖެއް ކަމުން އޭނާއަށް ފައިސާ ހޯދުމަކީ މާބޮޑު ކަމެއް ނޫނެވެ. އެހެން ކަމުން ރައްޓެހި ފިރިހެން ކުއްޖަކަށް ގުޅާ ލާރިކޮޅެއް ދިނުމަށް އެދުނީމެވެ. ލާރި ލިބިދާނެއޭ މިވެނިކަމެއް ކޮށްލަން ކެރޭނެހޭ ބުންޏެވެ. ހަމަ ވަގުތުން އެކަމަށް ރުހި ގަބޫލްވެ އެކަމަށް ތައްޔާރުވީމެވެ. ގަޑިކިއީ އެރޭ 22:00 އަށް ކަމުން ނަލަވެލައިގެން ގެއިން ނިކުމެގެން ދިޔައީ، މިއީ ކިހާވަރެއްގެ ކަމެއްކަން ހިތަށް ނުވެސް އަރުވައެވެ. 

ގާތް އެކުވެރިޔާ ބުނި ތަނަށް ދިޔައިރު އެތަނުގައި އޭނާގެ އިސްތިގުބާލަށް ތިން ފިރިހެނަކު ތިބިކަމަށް އޭނާ ބުންޏެ އެވެ. އެ ތިން މީހުންނާ އެކު އޭނާ އެ ރޭ ހޭދަ ކުރުމުން 7500 ރުފިޔާ ލިބޭނެ ކަމަށް އެކުވެރިޔާ ކުރިން ބުނެފަ އޮތުމުން އެކަމަށް އޭނާ ހުރީ ކުރިން ވެސް ތައްޔާރަށެވެ. ކޮޓަރިއަށް ވަދެ އޭނާ އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައީ، އެއްވެސް ޖެހިލުމެއް ނެތިއެވެ. އެއީ ފައިސާގެ ބޭނުމުގަ އެވެ. 

އެރެއަކީ އޭނާގެ ހަޔާތުގެ ކަޅު ސޮފުހާ ލިޔެވެން ފަށާނެ ރޭކަން އެނގުނު ނަމަ އެ ރޭ އެތަނަށް ދިއުމަށް ދެކޮޅު ހެދީހެ އެވެ. އެހެން ނަމަވެސް ތަގުދީރަކީ އެކަކަށް ވެސް އެނގޭނެ ކަމެއް ނޫނެވެ. އެ މީހުންނާ އެކުގައި ކޮޓަރިތެރޭ އުޅުމަށް ފަހު އުމުރުން އެންމެ 15 އަހަރުގެ ޒުވާނާ ގެއަށް ދާން އެތަނުން ނިކުތީ 04:45 ހާއިރު އެވެ. އޭރު މަގުތަކުގައި މީހުން މަދު ނަމަވެސް ކޮންމެސް ވަރަކަށް މީހުން އުޅުނު ކަމަށް އޭނާ ބުންޏެ އެވެ. 

ގެ އާއި ދިމާލަށް މިސްރާބު ބަހައްޓައިގެން ލިބުނު ފައިސާއިން "ބޯލާނެ" ޝަރާބެއް އޭނާ ވިސްނަމުން ދިޔައީ މަގަށް މާބޮޑު ސަމާލުކަމެއް ނުބަހައްޓައެވެ. މަގު ހުރަސް ކުރަން އޭނާ މަގަށް ފޭބީ، އޭނާގެ ގައިގައި އެއްޗަކުން ޖެހުނުކަން އެނގުނެވެ. 

ހޭ އެރި އިރު އޭނާ އޮތީ ހޮސްޕިޓަލްގައި އޭޑްމިޓް ކޮށްފައެވެ. އޭނާގެ ގައިގެ އެތައް މިތަނަށް އެކި ސައިޒުގެ ހޮޅި ގުޅާފައެވެ. އެއީ އެ ރޭ އެކްސިޑެންޓުވެގެން ލިބުނު ގެއްލުމުގެ ސަބަބުން ގުޅާފައި ހުރި އެއްޗެހިކަން ޑޮކްޓަރު ބުންޏެވެ. އެހެން ނަމަވެސް އޭނާގެ ކަނާތުފައިގެ އިހުސާސް ނުކުރެވޭކަން އޭނާއަށް ފާހަގަވި ކަމަށް އޭނާ ބުންޏެ އެވެ. ގައިމަތީ ފޮތިގަނޑެއް އަޅާފައި އޮތުމުން ވެފައި ވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. 

ޑޮކްޓަރު އޭނާ ކައިރީ ބުނި ވާހަކައިން އެ ޒުވާން އުމުރުގައި އޭނާއަށް މުޅި ދުނިޔެ އެއްކޮށް ބަނަވެގެން ދިޔައެވެ. އެކްސިޑެންޓުގެ ސަބަބުން ފަޔަށް ލިބުނު ގެއްލުމުގެ ސަބަބުން ފަލަމަސްގަނޑުން ތިރި ބުރިކޮށްލަން ޖެހުނު ވާހަކަ ޑޮކްޓަރު ބުނުމުން އޭނާ އެއްކޮށް ގަނޑުވެ އެ ރޭ ބޭރަށް ނުދެވުނު ނަމައޭ ހިތައް އެރިއެވެ.

އެހެން ނަމަވެސް އޭރު ވަގުތު ފާއިތުވެގެން ހިނގައްޖެ އެވެ. ކުޅެދޭ މީހަކުން ނުކުޅެދޭ މީހަކަށް ވެގެންދިޔައީ މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ. މަސްތުގެ ދުނިޔެއިން ލިބުނު އުފާތަކުގެ ބޭނުމެއް ނެތެވެ. ލިބުނު ހިތްހަމަޖެހުމެއް ނެތެވެ. ވީ މޮޅެއް ނެތެވެ. 

މިއަދު އޭނާ ހުރީ މަސްތުގެ ވަބާއިން ސަލާމަތްވެ ކުރެވުނު ފާފަތަކަށް ހިތާމަ ކޮށް ތައުބާވެގެންނެ އެވެ. އެހެން ނަމަވެސް އޭނާގެ ހިތި އެ މާޒީ އޭނާއަށް ކޮންމެ ދުވަހަކު މަލާމާތް ކުރާ ކަހަލައެވެ. އެއީ އޭނާގެ ބަދު ނަސީބެވެ. ޒުވާން އުމުރުގައި އުޅެވުނު ގޯސް ދިރިއުޅުމުގެ ހިތި ރަހަ، އޭނާގެ ކަރުބުޑުގައ ކޮންމެ ދުވަހަކުވެސް އެ ދަނީލަމުންނެވެ.

26%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް