ބަންގްލަދޭޝްގެ ބޮޑުވަޒީރު މިހާރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވައިފައެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ގުޅިފައިވާ ބަޔާން ދެއްވަމުން، ދެ ލީޑަރުން ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ޒަމާންވީ ތާރީހީ ގުޅުމާއި އަވަށްޓެރި މި ދެ ގައުމުން ގަބޫލުކުރާ އެއްގޮތް އުސޫލުތަކާއި އާދަކާދަތަކާއި އަދި ހިއްސާކުރާ އެއްގޮތް ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ފާއިތުވި އަހަރުގެ ތެރޭގައި ދެ ގައުމުގެ ސަރުކާރުގެ އިސްބޭފުޅުން ދެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަކަމަށެވެ.
އެ ބައްދަލުކުރެއްވުމުގެ ތެރެއިން ރައީސް ވަނީ، އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ދާއިރާއިން ބަންގްލަދޭޝް އިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އދ ގެ އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން އަރައިގަނެ ތަރައްގީ ވަމުން އަންނަ ގައުމަކަށް ބަދަލުވުމަށް އެ ގައުމުން ކުރާ މަސައްކަތްތަކަށް ރައީސް ވަނީ ތައުރީފު ކުރައްވާފައެވެ.
މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށް ރިއާޔަތްކުރައްވައި ބޮޑުވަޒީރު ޝެއިހް ހަސީނާ ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އުންމީދުގައި، ދެ ގައުމުގެ ދެމެދު ސީދާ ވައިގެ ދަތުރުތައް އިތުރުކުރެވިފައިވާ ކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެކަމަނާ ވިދާޅުވީ، ކޯވިޑް-19 ޕެންޑެމިކްގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ހަމަ ޖެހޭނެ ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އާއި މަތީ ތައުލީމުގެ ދާއިރާ އާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ދާއިރާގެ އިތުރުން ދިފާއީ ދާއިރާއިން ރާއްޖެއަށް ބަންގްލަދޭޝް އިން ދޭ އެއްބާރުލުން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް މިލިޓަރީ އުޅަނދުތަކެއް ހަދިޔާކުރެއްވުމާއި، ސިއްހީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއެކު މަތީ ތައުލީމަށް ފުރުސަތު ތަނަވަސްކޮށްދިނުމާއި ބަންގްލަދޭޝްގައި ތިބި ދިވެހި ދަރިވަރުންނަށް ވޮކޭޝަނަލް ތަމްރީނާއި ހުނަރުވެރިކަން ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުންފަދަ ކަންކަމަކީ ދެ ގައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަންތައްތަކެއްކަމަށް ރައީސް ވަނީ ބައްދަލުކުރެއްވުމުގެ ތެރެއިން ފާހަގަކުރައްވާފައެވެ.
ގުޅިފައިވާ ބަޔާންދެއްވަމުން ރައީސް އަދި ޝެއިހް ހަސީނާ ވަނީ އދ. އާއި އެހެނިހެން ބައިނަލްއަގްވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމުގައި ވިދާޅުވެފައެވެ.