ads
ރައީސް އަދި ޝެއިހް ހަސީނާ ގުޅިފައިވާ ބަޔާން ދެއްވަނީ..ފޮޓޯ/ރައީސް އޮފީސް
ހަސީނާގެ ދަތުރުފުޅު:ގަވާއިދާ ހިލާފަށް ތިބި ބަންގްލަދޭޝް މީހުން ތިބޭނީ އަދިވެސް އެހެންތަ؟
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ދަތުރުފުޅުގެ ރަސްމީ ބައި މިހާރު ނިމިއްޖެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެކަކު ބުންޏެވެ. "ރަސްމީ ބައި ނިމުނީމަ ނުރަސްމީ ބައިގެތެރެއިން ނަމަވެސް ހެނދުނުކޮޅު މާލޭގެ މަޖީދީގު އެކަމަނާއަށް ދައްކާލުން ރަނގަޅުވާނެ"

އޭނާގެ ވާހަކައިގައި އެއިޝާރާތްކުރީ ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގެ އެކި ހިސާބު ހިސާބުގައި އެއްވެފައިތިބޭ ބަންގްލަދޭޝްގެ މީހުންނަށެވެ. އެއީ ދިވެހީންނަށް ބޮޑު މައްސަލައެކެވެ. ގަވައިދާ ހިލާފަށް އެތައް ބަޔަކު މިރާއްޖޭގައި އުޅެމުން އެބަގެންދެއެވެ. 

ބިދޭސީންގެ މައްސަލައަކީ ދިގު ޒަމާންވީ މައްސަލައެކެވެ. 90ގެ އަހަރުތަކުން ފެށިގެން މިމައްސަލައަށް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާންމުންގެ ފަރާތުންނެވެ. އެކަމަކު އޭރުވެސް ސަރުކާރުގެ ފަރާތުން މިކަމަށް އަޅާލެވުނު ކަމަކަށް ނުވެއެވެ.

ރައީސް މައުމޫނުގެ ވެރިކަން ބަދަލު ކުރީ ބިދޭސީންގެ މައްސަލައާއެކު އެތައް މައްސަލަތަކެއް ގައުމުގައި ހިނގަމުންދާކަމަށް ބުނެ ރައީސް މައުމޫނު ކުށްވެރި ކުރަމުންނެވެ. މައުމޫނުގެ ވެރިކަން ވެއްޓި ދެން ވެރިކަން ލިބުނީ އެމްޑީ ޕީ އަށެވެ. އެޕާޓީންވެސް ބުނީ ބިދޭސީންގެ މައްސަލަ ހައްލު ކަރާނެ ކަމަށެވެ. ދެއަހަރާއި ބައިގެ ވެރިކަމުގައި ބިދޭސީންގެ މައްސަލައަށް ގެނެވުނު މާ ބޮޑު ބަދަލެއް ނެތެވެ. މިއީ އޭގެ ސާދަވަރަކަށް ފަހެވެ. ލިބުނު ކުރިއެރުމެއް ނެތެވެ. އޭގެ ބަދަލުގައި މައްސަލަ ދަނީ ގޯހުން ގޯހަށެވެ. މިއީ އާންމުންނަށް ބޮޑު މައްސަލައަކށް ވިޔަސް އިދާރާ ތަކަށް މާބޮޑު ކަމެކޭ ހީވެސް ނުވެއެވެ. 

your imageބިދޭސީންތަކެއް ހިދުމަތް ހޯދުމަށް ކިއު ޖެހިފައި --

އެކަން އެނގެނީ މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގާ ޖިނާއީ ކޮންމެ މައްސަލައެއްގައިހެން ބިދެސީންގެ ބައިވެރިވުން އޮންނާތީއެވެ. އިހަކަށްދުވަހު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަށްޓަކައި ދިވެހި ގައުމުން ރަތްދޫލަ ނިއުޅާލިއިރު މިއަހަރުގެ އޮކްޓޫބަރު 14 ވަނަދުވަހު، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހެއްގެ އަތުން ކުށެއްނެތް ދިވެއްސެއްގެ ރަތްލޭ ވަނީ އޮހޮރުވުމަށްފަހު ދުނިޔެއިން ވަކި ކޮށްލާފައެވެ. މިފަދަ އެތައް ކަމެއްގައި ބިދޭސީން، ހާއްސަކޮށް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން ބައިވެރި ވެއެވެ. ޑޮލަރުގެ ކަޅުބާޒާރާއި، މަސްތުވާތަކެއްޗާއި، މާރާމާރީއާއި، ފޭރުމާއި ވައްކަމުގެ އިތުރުން މިހާރު އާންމު ވަމުންދާ ރަހީނު ކުރުމުގެ މައްސަލަތަކުގައިވެސް ބިދޭސީން ދަނީ ހަރަކާތްތެރި ވަމުންނެވެ. 

ޝެއިހް ހަސީނާ މިހާރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ ދެމެދު ހަތަރު އެއްބަސްވުމެއްގައި މިހާރުވަނީ ސޮއި ކުރެވިފައެވެ. އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު އާއި، ޝައިހް ހަސީނާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދެގައުމުގެ ދެމެދުގައި ސޮއި ކުރި އެއްބަސްވުންތަކުގެ ތެރެއިން ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ގާބިލު ސިއްހީ ހިދުމަތްތެރިން ހޯދުމަށް "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތް ޕްރޮފެޝަނަލްސް" ހިމެނެ އެވެ. ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ވެފައިވާ އެއްބަސްވުން އާ ކުރުމަށް "ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އިން ދަ އޭރިއާސް އޮފް ހެލްތްކެއަ އެންޑް މެޑިކަލް ސައިންސް" ގައި ވެސް ދެ ގައުމުން  ސޮއި ކުރިއެވެ. މިއީ ސިއްހީ ދާއިރާއިން މީހުން ބަންގްލަދޭޝުން ގެނައުމާއި، ސިއްހީ ދާއިރާއިން ކިޔަވާ ކުދިންނާއި އެދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ތައުލީމާއި ތަމްރީނު ދިނުމަށްޓަކައި ސޮއި ކުރެވުނު އެއްބަސްވުން ތަކެކެވެ. ރަނގަޅެވެ. ގެންނަން ވީއެވެ. ގާބިލުމީހުންވެސް ގެންނަން ވީއެވެ. އެކަމަކު ގަވައިދާ އެއްގަޮތަށެވެ.

your imageމަހުމޫދު މަރާލި ކަމަށް ބުނާ ސާލިމް.. ފޮޓޯ މިހާރު ނޫސް

ދެ ގައުމުގެ ދެމެދު ކުޅިވަރާއި ޒުވާނުން ތަރައްގީ ކުރުމުގެ ރޮނގުން ގުޅުން ބަދަހި ކުރުމަށް " މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް" ނަމުގައިވެސް އެއްބަސްވުމެއް އެކުލަވާލިއެވެ. އޭގެ އިތުރުން ޓެކްސްއަށް މަކަރު ހެދުމުގެ ފުރުސަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމަށް ވެސް އެއްބަސްވުމެކެވެ. 

އެއްބަސްވުންތަކެއް ހެދިޔަސް ނެހެދިޔަސް ގަވައިދާ ހިލާފަށް މިރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލައަކީ ޔަގީނުންވެސްއާންމުން ކަންބޮޑުވާ މައްސަލައެކެވެ. ސަރުކާރުން ކަންބޮޑުވަނީ ކޮންމިންވަރަކަށް ކަމެއް ނޭނގެއެވެ. އެހެންނަމަވެސް މިދަތުރުފުޅުގެ ރަސްމީ ބައި ނިމިގެން ދިޔައިރުވެސް އެކަހަލަ ވާހަކައެއްގެ ހިލަމެއް އަދިއެއް ނުވެއެވެ. ރައީސް އޮފީހުންވެސް އަދި ރަސްމީ އިދާރާއަކުން ވެސް މިކަމާގުޅޭ ގޮތުން މާބޮޑު ވާހަކަތަކެއް އިވިފައެއް ނެތެވެ. 

އެއްފަހަރަކު ސިފައިން ބުނެފައިވަނީ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ދަރަޖައަށް ގަވައިދާ ހިލާފަށް ރާއްޖޭގައި ބިދޭސީން އުޅެމުންދާ ކަމަށެވެ. އެކަމަށް ބާރުދޭ އެތައް މަންޒަރެއް އެކިފަހަރުމަތިން ރާއްޖޭގެ އެކި ހިސާބުތަކުން ވަނީ ފެނިފައެވެ. އެހެންނަމަވެސް އެކަމަށް ސަމާލުކަން ދެވެނީ ކިހާވަރަކަށް ބާވައެވެ. ގަވައިދާ ހިލާފަށް ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުން ގަވައިދަށް ފެއްތުމަށް މަސައްކަތް ކުރާނެ ކަމަށާއި އެކަމުގެ ވާހަކަތައް ދިވެހި ސަރުކާރާއެކު ދައްކާނެކަމަށް ބަންގްލަދޭޝް ސަރުކާރުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އޭގެ ހަބަރެއް އަދިއެއް ނުވެއެވެ. 

ޔަގީންވާ އެއްކަމަކީ ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލުކުރުމުގެ ކަރުދާހެއް އޮތް މޭޒެއްގެ ދެކޮޅުގައި ދެގައުމުގެ ވެރިން ތިއްބަވާ މަންޒަރު، އެހެންބަޔަކު ބަލަން ބޭނުން ނުވިޔަސް، ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ބަލަންބޭނުން ވާނެކަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް