ޕީޕީއެމްއިން ބުނީ މިހަރަކާތް މިއަދު ހަވީރު އެރަށުގައި ކުރިއަށް ގެންގޮސްފައިވާކަމަށާއި، އެ އެއްވުމުގައި އައްޑޫގައި މިވަގުތު ތިބި އިންޑިޔާ ސިގައިން ބޭރު ކުރުމަށް ގޮވާލާފައިވާ ކަމަށެވެ.
އެ ހަރަކާތް މިއަދު ޕީޕީއެމް އިން ކުރިއަށް ގެންގޮސްފައިވާއިރު، އިންޑިއާއިން ރާއްޖޭގެ ރައްޔިތުންނާއި ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅެއް އަޅައިފި ނަމަ އެކަމުގެ ގެެއްލުން ރައީސް ޔާމިނަށް ލިބިވަޑައި ނުގެންފާނެ ކަމަށާއި ނަމަވެސް ނިކަމެތި ރައްޔިތުންނަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ.
އިންޑިއާ އަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ވެސް ރާއްޖެއާ ގާތް ގުޅުމެއް ބާއްވައި، ކަމެއް ދިމާވެއްޖެ ނަމަ އެންމެ ފުރަތަމަ އެހީތެެރިކަން ފޯރުކޮށްދޭ ގައުމުކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ، އިންޑިއާ ދޭތެރޭ އެފަދަ ގޯސް ތަސައްވުރެއް ބިނާކުރަން މަސައްކަތް ކުރުމަކީ ރައީސް ޔާމިން ކުރައްވަމުން ގެންދަވާ، ބަލައިނުގަނެވޭނެ ކަމެއް ކަމަށެވެ.
އެހެންނަމަވެސް އިދިކޮޅު ޕީޕީއެމް އިން ބުނަނީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށާއި އެއީ ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ. ރައީސް ޔާމީން ޖަލުން މިނިވަންވުމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި "އިންޑިޔާ އައުޓް" ކެމްޕޭން ފުޅާ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް ސަރުކާރުން ބުނަނީ ރާއްޖޭގެ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހިންގަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމުގެކަމަށެވެ.
ދައުލަތުގެ މީޑިއާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ އިދިކޮޅުން ގައުމުގެ މަސްލަހަތު ނަގާލުމަށް ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރުމުގެ ފުރުސަތު ސަރުކާރުން ނުދެއްވާނެ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.