ads
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ
ބަންގްލަދޭޝް މީހުން ގައުމަށް ފައިސާ ފޮނުވަން ޑޮލަރު ހޯދަން ނުޖެހޭ ގޮތް ހަދަނީ
ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެކަމަނާގެ ސަރުކާރުން ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މިއަދު ވިދާޅު ވެއްޖެއެވެ.
Advertisement

ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުން އެކަމަނާއަށް ދެއްވި ރިސެޕްޝަނެއްގައި އެކަމަނާ ވިދާޅުވީ ރާއްޖޭގެ ރައީސާއެކު ކާމިޔާބު ބައިލެޓްރަލް މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންނަށް  ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމުގެ ހައްލު ހޯދުމަށް މި މަޝްވަރާގައި ވަރަށް ބޮޑަށް އަލިއަޅުވާލެވުނު ކަމަށެވެ. 

ބަންގްލަދޭޝް މީހުން އެމީހުންގެ ބުރަ މަސައްކަތުން ހޯދާ ދިވެހި ފައިސާ، ސީދާ ޑޮލަރަށް ބަދަލުނުކޮށް، އަނބުރާ ފޮނުވާލެވޭނެ ގޮތެއް ހޯއްދެވުމަށް، އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ޝައިހް ހަސީނާ ވިދާޅުވިއެވެ. އެފައިސާ ޑޮލަރަށް ބަދަލު ކުރަން ޖެހުމުގެ ސަބަބުން އެމީހުންނަށް ގެއްލުމާ ކުރިމަތިލާން ޖެހޭ ކަމުގައި ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

މިމައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް، ބަނގްލަދޭޝް ބޭންކް ހިމެނޭ ހެން އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް އެކަމަނާ ވަނީ އަންގަވާފައެވެ. 

ބޮޑުވަޒީރު ވިދާޅުވީ ރާއްޖޭގައި އެސަރުކާރުގެ ބޭންކް ބްރާންޗަކާއި މަނީ އެކްސްޗޭންޖް ގާއިމްކުރުމާ މެދު ވިސްނަވާނެ ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ މީހުންގެ މައްސަލަތަކާ ބެހޭގޮތުން އެގައުމުގެ ފޮރިން އަދި ފޮރިން ވެލްފެއާ މިނިސްޓަރުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އަދި މައްސަލަތައް ހައްލުކުރުމަށް އެކަމަނާގެ ސަރުކާރުން އެގޮތުގެ މަތިން ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ވަޢުދުވެފައިވާ ވަޒީފާތައް ނުލިބުމާއި މުސާރަ ކުޑަވުން ފަދަ ކަންކަން ދިމާވާތީ ބްރޯކަރުން ގާތަށް ދިއުމުގެ ބަދަލުގައި، ޤާނޫނީ ޗެނަލްތައް މެދުވެރިކޮށް ވަޒީފާތަކަށް ދިއުމަށް އެކަމަނާ ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިދާޅުވީ ބޭރަށް ދިއުމަށް އެއްވެސް މީހެއްގެ ގެއެއް ނުވަތަ ބިމެއް ވިއްކާކަށް ނުޖެހޭނެ ކަމަށާއި،  އެކަމަށް އެގައުމުގެ ޕްރޮބާސީ ކަލްޔަން ބޭންކުން ލޯނު ނެގޭނެ ކަމަށެވެ.

48%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
35%
ވަރަށް ސަލާމް
ކޮމެންޓްސް