ރާއްޖެ ގަޑިން ހެނދުނު 9:30 ހާއިރު ސުނާމީގެ ބިޔަ އަދި ވަރުގަދަ ރާޅުތައް ދިވެހި ދޮންވެލި ގަނޑަށް އޭގެ ބާރުގަދަކަން ދައްކަމުން ބިންދާލީ ރައްޔިތުންނަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތިއެވެ. މިއީ އިންޑޮނޭޝިއާގެ ސުމްޓްރާ ކަނޑަށް އައި ބާރުގަދަ ބިން ހެލުމުގެ ސަބަބުން އުފެދުނު ސުނާމީއެއް ކަން އެނގުނު އިރު އެރާޅު ތަކުގެ ސަބަބުން އެތައް ބައެއް ދުނިޔެ ދޫކޮށް އެތައް އާއިލާ ތަކެއް ވަނީ ބިކަވެފައެވެ.
ރާއްޖޭގެ ނުވަ ރަށެއް ފިޔަވައި ދެން ހުރި ހުރިހާ ރަށަކަށް އެ ބިޔަ ރާޅުތަކުގެ އަސަރު ވަނީ ކޮށްފައެވެ. އެތައް ބައެއް ކުރި އެތައް ދުވަހެއްގެ މަސައްކަތް ވީރާނާވެ ވިއްސި ވިހާލިވެގެން ދިޔައީ މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ. އެތައް އާއިލާއަކުން އަދިވެސް އެހަނދާންތައް އާލާވާ ކޮންމެ ފަހަރަކު ލޮލުން ހިފެހެއްޓުމެެއް ނެތް ކަރުނަ އޮހޮރުވާލައެވެ.
މި ޖަޒީރާ ރާއްޖެއިން އެ ދުވަހުގެ ކާރިސާގެ ސަބަބުން 82 މީހުން މަރުވެ 26 މީހަކު ވަނީ ގެއްލިގެން ގޮސްފައެވެ. ގެއްލުނު މީހުން ފެނިފައި ނުވާތީ އެމީހުން ވެސް ފަހުން ރިޕޯޓު ކޮށްފައިވަނީ މިކާރިސާގައި މަރުވި ކަމަށެވެ.
ސުނާމީ ކާރިސާ ގެ ސަބަބުން 14 ރަށަކުން އެއްކޮށް މީހުން ހުސްކުރަން ޖެހުނުއިރު 70 ރަށަކަށް ފެނާއި ކަރަންޓުގެ ޚިދުމަތްތައް ލިބުމުގައި ދަތިތަކަކާއި ކުރިމަތިވިއެވެ. އެގޮތުން 79 ރަށަކުން ސާފު ބޯފެން ނުލިބުމާއި 26 ރަށަކަށް ކަރަންޓުގެ ހިދުމަތް ނުލިބުމުގެ އިތުރުން 24 ރަށަކުން ފޯނުގެ ޚިދުމަތް ކެނޑި ހަތަރު ރަށަކުން މުއާސަލާތީ ހުރިހާ ހިދުމަތެއް ކެނޑިފައިވެއެވެ.
އެދުވަހަކީ މަންމައިންނާއި ބައްޕައިން އެމީހުންގެ ދަރިން ސަލާމަތް ކުރަން ބިޔަ ރާޅުތަކުގެ ތެރެއަށް ފޭބި ހިތްދަތި ދުވަހަކެވެ. އެހެން ނަމަވެސް އެތައް މައިންބަފައިންނެއް ވަނީ އެމީހުންގެ ދެލޯ ފަދަ ދަރިންގެ ފުރާނަ ނެތް މަސްގަނޑު ރާޅުތަކުގެ ތެރެއިން ނަގައިގެން ގެނެސްފައެވެ. މިއީ ހިތްދަތި ކަމުގެ އިންތިހާއެވެ.
އަސަރުން ފުރިގެންވާ އެދުވަހު ރުގުއްޔާ ކުދިންގެ ކަންކަމުގައި އަވަދިނެތި އުޅެނިކޮށް އޭނާއަށް އަޑުއިވިގެން ދިޔައީ ބޮޑު އިމާރާތެއް ބިމާއި ހަމަވާ އަޑު ކަހަލަ އަޑެކެވެ. އެ އަޑާއި އެކު އޭނާ މަގުމައްޗަށް ނިކުން އިރު މީހެއްގެ ހިލަމެއް ނެތެވެ. އެހެން ނަމަވެސް ދެން އޭނާ އަށް ފެނިގެން ދިޔައީ ރަށު ތެރެއަށް ލޮނުގަނޑު އަރައިގެން އައި މަންޒަރެވެ. އެ އާއި އެކު އޭނާ އަވަސްވެ ގަތީ ދެ ދަރިން ގޮވައިގެން ސަލާމަތުގެ އައްސޭރިއަކަށް ދިއުމަށެވެ. އެގޮތުން އެ ގެ ކައިރީ ހުރި ގަރާޖެއް ތެރެއަށް އޭނާ ދެކުދިން ގޮވައިގެން ވަދެ ނޭވާ ފުރިހަމައަށް ނުލެވެނީސް ގަރާޖު ތެރެއަށް ރާޅު ވަދެ އޭނާގެ އަތުން ދެ ކުދިން ބީވެގެން ދިޔައެވެ.
ފަސް ވަރަކަށް މިނެޓުގެ ހާސް ކަމާއި ބިރުވެރި ކަމަށް ފަހު ގަރާޖުން އޭނާ ނިކުމެގެން އެންމެ ފުރަތަމަ ވެސް އަވަސްވެ ގަތީ އޭނާގެ ދަރިން ހޯދުމަށެވެ.
އެތަން މިތަން ހޯދާ ބަލަނިކޮށް އޭނާ އަށް ފެނުނީ އޭނާގެ އަންހެން ދަރިފުޅު ގެ އެއްގެ ފުރާޅު މަތީ މަރުވެފައި އޮތްވައެވެ. މީހާ ގަނޑުވެ ހޭ ފިލައިގެން ދާން ފެށުމުން ހިތްވަރު ކުރުމަށް ފަހު ދޮޅު އަހަރުގެ ތުއްތު ފިރިހެން ދަރިފުޅު ހޯދަން އޭނާ މިސްރާބު ޖެހިއެވެ.
ތުއްތު ދަރިފުޅު ފެނުނީ ރުޖިއްޔާ އާއި އޭނާގެ ދެ ކުދިން ސަލާމަތްވާން ވަން ގަރާޖުގެ ފުރާޅުގެ ދަށުންނެވެ. ކުއްޖާގެ ހަރަކާތް ހުއްޓިފައި އޮތަސް ވިންދު ޖަހަމުން ދާކަން އެނގުމުން ރުގިއްޔާ ވަނީ އެދަރިފުޅަށް އަވަސް ފަރުވާ ދީފައެވެ. ތުއްތު ދަރި އޮތީ އޭރު ލެއިން ފޯވެފައެވެ. އަނގައިންނާއި ނޭފަތުން ހިފެހެއްޓުމެއް ނެތި ލޭފައިބަމުން ދިޔައެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށުމުން ކުއްޖާގެ ހާލު މަޑުމަޑުން ރަނގަޅުވާން ފެށިއެވެ.
މި ހިއްސާ ކޮށްލީ އެދުވަހުގެ ބިރުވެރިކަން އޭގެ އެންމެ ގާތުން ތަޖުރިބާ ކުރި އެކަކުގެ ވާހަކައެވެ. މިއީ މަޔަކަށް ކެތްތެރިވާން އުނދަގޫވި ދުވަހެކެވެ.
ރާޅުތައް ރައްތަކުގެ އެތައް ތަނެއް ސުންނާފަތި ކޮށްލާ ރަށުން ފައިބައިގެން ދާނެ ނެގީ މަދު ވަގުތު ކޮޅެކެވެ. އޭގެ ފަހުން ދެން ފެނިގެން ދިޔައީ ދިވެހިންގެ އެއްބައި ވަންތަކަމާއި އަހުވަންތަ ކަމެވެ. ދިވެހިންގެ ރިވެތި ނަމޫނާ މުޅި ދުނިޔެއަށް އެދުވަހު ދިވެހިން ދެއްކިއެވެ.
އާއިލާއެއް ތިމާގެ މީހެއް ނުބަލާ އެމީހަކަށް ވެވުނު އެހީއެއް އެދުވަހު އެކަކު އަނެކަކަށް ދިވެހިން ދިނެވެ. ރަށުގެ ގެތަކުން ކިރިޔާވެސް ނިދާލާނެ ތަންކޮޅެއް އޮތް ނަމަ ބޭނުން ޖެހިފާވާ މީހާއަށް އެތަން ދިނީ އެކުވެރިކަން އިސްކޮށްގެނެވެ.
މާލޭއަށް ގެނައި ހާލުގައި ޖެހުނު ފަރާތްތަކަށް މާލޭ ރައްޔިތުންގެ ލޯއްބާއި އެއްބާރުލުން އޮއްސާލީ އެއްބަނޑު އެއްބަފާ ބަޔަކު އައުމުން ކަންކުރާ އުސޫލުންނެވެ.
މިއީ ދިވެހިން ދިވެހިންގެ ގޮތުގައި ތިބުމުގެ ރިވެތި މިސާލެކެވެ. އަހުވަންތަކަމުގެ ނަމޫނާ ގައުމެއްކަން ދުނިޔެއަށް ދައްކަވައި ދިނެވެ.
ސުނާމީ ކާރިސާގެ ސަބަބުން މަރުވެ ދިޔަ އެންމެހާ ފަރާތްތަކަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާ އާއިލާތަކަށް ކެއްތެރިކަން ދެއްވާށީ.. އާމީން!