ads
ހަނިމާދޫ އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވާ ހުންނާނެ ގޮތުގެ ކުރެހުމެއް ---
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އެޅުމަށް ބީލަމަށް ހުޅުވާލައިފި
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް އިންޑިއަން އެގްޒިމް ބެންކުގެ ފަރާތުން ޝޯޓްލިސްޓްކޮށްފައިވާ ފަރާތްތަކަށް މި މަޝްރޫޢަށް ބީލަން ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 25 ޖަނަވަރީ 2022 އެވެ.މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމްބެންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. 

އެ މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 46.2 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 3.1 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތް ކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ. 

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވިގެން ދާނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤާއުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. 

ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިޔަށް ގެންދަމުންދާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫޢެކެވެ. 

މިގޮތުން މި މަޝްރޫޢަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫޢެކެވެ. މީގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިކަމާއި މިނޫންވެސް ތަފާތު އެކި ސިނާޢަތްތައް ތަރައްޤީކޮށް، އުތުރުގެ އިޤްތިޞާދު ފުޅާކުރުމަށް މި މޝްރޫޢު މުހިއްމު ދައުރެއް އަދާކުރާނެއެވެ. 2022 ވަނަ އަހަރުގެ މެދުތެރޭގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެއެވެ.

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް