ads
ރައީސް ސޯލިހު
ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް ކުރިއަށް ވުރެ ރަނގަޅުވާން ޖެހޭ: ރައީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޓްރޭނިންގ ޔުނިޓާއި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް ގުޅިގެން، 2 އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދަން މިއަދު ފެށި ސަރުކާރުގެ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ތަމްރީނު ޕްރޮގްރާމުގެ ނަތީޖާއަކަށް ވާނީ، ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެގެން ދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ހިންގުމުގެ ދާއިރާގެ އިސްމުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާހްކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ސަރުކާރުގެ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމު ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޓްރޭނިންގ ޔުނިޓާއި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް ގުޅިގެން، 2 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވައިފައިވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރުމާ ހަވާލުވީ، ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ އަސާސީ އަދި އިޖްތިމާއީ ހިދުމަތްތަކެއް، ވަކި މުއްދަތުތަކެއްގައި ފުރިހަމަކޮށްދޭން ވައުދުވެގެންކަމަށާއި، އެއީ ވަކި ފަރުދަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެކަނި ފުރިހަމަކުރެވޭނެ ވަޢުދުތަކެއް ނޫންކަމުގައެވެ. އެހެންކަމުން މި ސަރުކާރުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ހާސިލްކޮށް އެ ނަތީޖާ ނެރެވޭނީ ސަރުކާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން، އެއް މިސްރާބަކަށް ދަތުރުކޮށްގެން ކަމުގައި ރައީސް ވިދާޅުވިއެވެ.

މިގޮތުން ގައުމީ ތަރައްގީއާ ގުޅިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައްޔާއި، މި ސިޔާސަތުތައް ތަންފީޒުކުރުމުގައި އެންމެ ކުރީ ސަފުގައި ތިއްބަވަންވީ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައި ތިއްބެވި ބޭފުޅުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ، ކަންކަމުގައި ބަސްކިޔައި ގޮތް ނިންމުމާ އެކީ އަމަލީ ގޮތުން ކަންކަން ކުރަން ޖެހޭ ބޭފުޅުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އާންމު ރައްޔިތުންނާއި ސަރުކާރާ ދެމެދު މުއާމަލާތްކުރުމަށް މިހާރު މިއޮތީ ވަރަށް ފުޅާ މަގެއް ގާއިމުކުރެވިފައިކަމަށާއި، މިގޮތުން އެމީހަކު ހުރި ރަށަކުން ހުރި ތަނަކުން، އިންޓަނެޓްގެ ޒަރީއާއިން ގަވް.އެމްވީ މެސެޖުގެ ހިދުމަތް މެދުވެރިކޮށް މިހާރު ސަރުކާރާ މުއާމަލާތު ކުރެވޭނެ ކަމަށެއެވެ. އަދި، ޓެކްނޮލޮޖީގެ ޒަމާން އަރާ ހަމަކޮށްފައިވާއިރު، ސަރުކާރު ހިންގުމުގެ ދާއިރާއަށް ޓެކްނޮލޮޖީގެ ލުއިފަސޭހަތައް ތައާރަފް ކުރިޔަސް، އެކަމުގެ ލުއިފަސޭހަކަން ލިބޭނީ، ހިދުމަތް ދޭން ތިބޭ މުވައްޒަފުން ޓެކްނޮލޮޖީއަށް އަހުލުވެރިވި މިންވަރަކުންކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ހިދުމަތް ދިނުމުގެ ވައްޓަފާޅިއަށް ވެސް އަދި އުސޫލުތަކަށް ވެސް މިހާރު މިއޮތީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިކަމުގައި ވިދާޅުވެ ސަރުކާރު އޮފީސްތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ، ސަރުކާރު އޮފީސްތަކުގެ ސަރވިސް ޗާޓަރުތައް ތައްޔާރުކޮށް އާންމުކުރުންކަމުގައި ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް