މި އެއްބަސް ވުމުގައި އަމޭން މޯލްޑިވްސްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޑިރެކްޓަރ އަލްފާލިލާ މުރުޝިދާ އަލިމަނިކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަދި އެކްޓިން ޕާމަނަންޓް ސެކެޓްރީ އަލްފާލިލް އަބްދުލް އަޒީޒް އިސްމާއިލްއެވެ.
365 ދުވަސްތެރޭގައި އިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގައެވެ.
ދިވެހި ދައުލަތުން 8.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފާ ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
2021 ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ހަމަޖެހިފަވާ ކަމަށްވެސް މިނިސްޓްރީން ވަނީ މައުލޫމާތު ދެއްވާފައެވެ.
މީގެ އިތުރުން މި މިސްކިތުގައި ފާހާނާ ބަރިއަކާއި، ވުލޫ ކުރާބަޔަކާ، ގުދަނެއްގެ އިތުރުން މުންނާރެއް ހުންނާނެއެވެ.