ސީއެންއެމް އާ ވާހަކަދައްކަމުން ސުނީ ބުނީ، މިއަހަރުގެ ސްކޫލް ބަންދުވުމާއެކު ކުދިން ނަކަތްގައި ލައްވަން (ހިތާނުކުރަން) ފަށަން ތައްޔާރުވުމާއެކު ޝޯތައް ކުޅެދިނުމަށް ދައުވަތު ލިބެން ފެށި ކަމަށާއި ފުރަތަމަ ޝޯ ފެށީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ކަމަށެވެ.
މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ރެޔާ ހަމައަށް މިހާރުވެސް ސުނީގެ ޝެޑިއުލް އޮތީ ފުރި ބާރުވެފައެވެ. ސުނީ ބުނީ އޭގެ ކުރިން ދަނޑިވަޅެއް ހޯދައިގެން ނަމަވެސް އިތުރު ގެޔަކަށް ޝޯއަކަށް މިދުވަސްތަކުގެ ތެރޭގައި ދެވެން ނެތް ކަމަށެވެ.
"ދެ ދުވަހަށް ފެމިލީ ކައިރިއަށް ގޮސްލާފަ އައި ގޮތަށް ހަމަ މިއުޅެނީ ނެށުމުގަ، އެންމެ ރެޔެެއް ވެސް ނެތް އަންނަ މަހުގެ ދެ ވަނަ ދުވަހާއި ހަމައަށް ހުސްކޮށްނެއް" ސުނީ ބުންޏެވެ.
ސުނީ ބުނީ، މިހާރުވެސް ބައެއް ރޭ ރޭ ދެ ގޭގައި ޝޯ ދޭ ކަމަށާއި ހުރިހާ ގެތަކަކުން ވެސް ލިބޭ ސަޕޯޓަކީ މިކަމުގައި ކުރިއަށް ދިޔުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.
"މިވަގުތު ހަމަ މާލެ އަދި ހުޅުމާލޭގައި މި ޝޯތައް މި ދެވެނީ. ރަށްރަށަށް ނުދެވެނީ ޝެޑިއުލް ބިޒީ ކަމުން. އެކަމަކު ވަރަށް ގުޅާ ރަށްރަށުން ވެސް" ސުނީ ބުންޏެވެ.
ސުނީ އިތުރަށް ބުނީ، ޖެނުއަރީ ދޭއްގެ ފަހުން މާލޭގައި އޮންނަ ހިތާނީ ތަކަށް ވެސް ގޮސްދިނުމަށް އެދި މީހުން ބުކިން ހައްދަން ގުޅާ ކަމަށާއި ވަގުތުވާ ވަރަކުން ގޭގެއަށް ގޮސް ޝޯ ކުޅެދޭނެ ކަމަށެވެ.
ނެށުމުގެ އިތުރުން އަމިއްލަ ވިޔަފާރިވެސް ކުރަމުން އަންނަ ސުނީ އެކަނިމާއެކަނި އީދު ތަކުގެ އިތުރުން ރިސޯޓްތަކުގައި ވެސް ނަށާތާ މިއީ 26 ވަނަ އަހަރެވެ. ސުނީސް ސްޕެޝިއަލް ބްރޭންޑުގެ ދަށުން ދިވެހިވަންތަ އުފެއްދުންތައް އުފައްދަމުން އަންނަނިކޮށް މި ފަހުން ސުނީއަށް ވަނީ އޭޝިއާ އައުޓްސްޓޭންޑިން ވުމެން އެޗީވްމަންޓު އެވޯޑާއި ސަރަހައްދީ އިތުރު އެވޯޑެއް ލިބިފައެވެ.
ސުނީގެ ޝެޑިއުލް ހަގީގަތުގައި ވެސް ވަރަށް ބިޒީއެވެ. ސުނި ބުނަނީ ދުވާލު އުޅެނީ ވިޔަފާރީގެ ކަންކަމުގައި ކަސްޓަމަރުންނަށް ޑެލިވަރީކޮށްދިނުމުގައެވެ. ރޭ ގަނޑު މުޅިން ވެސް އުޅެނީ ބެލުންތެރިންގެ މުނިފޫހިފިލުވައިދިނުމުގައި ޝޯތަކުގައެވެ.