މިއަދު ނައްތާލާފައިވަނީ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެއްޗެވެ.
ދޫނިދޫގައި މިއަދު ނައްތާލެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 1048 ރަބަރު ޕެކެޓާއި، 154 ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި 90 ދަޅާއި، 15 ބިޑީއާއި ދެ ބޭސް ގުޅައިގެ އިތުރުން އެހެނިހެން 2171 އައިޓެމެކެވެ.
މިއަދު ހެނދުނު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ މިހާރު ދިވެހިރާއްޖޭގައި އޮތް އިޖުތިމާއީ އެންމެބޮޑު މައްސަލަ ކަމަށާ އަދި މި މައްސަލަ ހައްލުކުރުމަށް ފުލުހުން އެކަނި މަސައްކަތްކޮށްގެން އެދެވޭ ނަތީޖާއެއް ނުނުކުންނާނެ ކަމަށެވެ. އަދި މި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ވެރިންނަށާއި ހާއްސަ ގޮތެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުންނަށް މިނިސްޓަރު ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުން އަމަލުކުރަމުންދާ އުސޫލުގެ ދަށުން އަދި ގާނޫނީ ހަމަތަކުގެ ތެރެއިން އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ނައްތާލުމަކީ ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާ ކަމެއް ކަމަށެވެ. އަދި ފާއިތުވި ތިން އަހަރެއްހައި ދުވަސްތެރޭގައި ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ހިންގި ހަރަކާތްތައް ހުއްޓުވައި އަދި ޓްރެފިކް ކުރުމުގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތި އަތުލައިގަތުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ހަމީދު ފާހަގަކުރެއްވިއެވެ. އަދި އެކަމުން ރަމްޒުކޮށްދެނީ ދިވެހި ފުލުހުންގެ ހިދުމަތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ފުޅާވެފައިވާ ކަމުގައި ކަމަށް ކޮމިޝަނާ ވިދާޅުވިއެވެ.
މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު މީޑިޔާތަކަށާއި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް އާންމު ރައްޔިތުން ހުޅުވާލި ފުރުސަތުގައި ނަންނޯޓުކުރި މީހުންނަށް ފުރުސަތުދީފައިވެއެވެ. މި ހަރަކާތުގެ ތެރެއިން، މީޑިޔާތަކާއި އޮބްޒާވަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި މަސްތުވާތަކެތިން ސާމްޕަލް ނަގައި ޓެސްޓް ކުރުމަށްފަހު އެ ތަކެތީގެ ބާވަތް ބުނެދީފައެވެ.
މިއަދު ދޫނިދޫގައި މަސްތުވާތަކެތި ނައްތާލުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ބޯޑުގެ ނައިބު ރައީސް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވިކަން ފާހަގަކޮށްލެވެއެވެ.