ads
ޖޭއެސްސީގެ ރައީސް ހިސާން އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ރިޒްނާ
ތަހުގީގު ބަޔާން ބަދަލުކުރި މައްސަލަ އިސްތިއުނާފު ނުކުރަން ޖޭއެސްސީން ނިންމައިފި
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި ތަހުގީގު ބަޔާންތައް ބަދަލު ކުރިކަން ފާހަގަކޮށްފައިވާ މައްސަލަ، އިސްތިއުނާފު ނުކުރަން ޖޭއެސްސީން ނިންމައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، މުވައްޒަފުންނާ ގުޅޭ ކަންކަން ބެލުމުގައި ހޯދޭ ބަޔާންތައް ބަދަލު ކުރާކަން ފާހަގަ ކުރެވުނީ ދެކުނުގެ މެޖިސްޓްރޭޓް ކޯޓެއްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލައާ ގުޅިގެން އެ މުވައްޒަފު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެއްގެ ތެރެއިންނެވެ.

މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިހާރު ނިންމައި، އެ މުވައްޒަފަށް އަލުން އަނބުރާ ވަޒީފާދޭން އަންގާފައިވާއިރު، އެ މައްސަލައިގެ ތެރޭގައި މުވައްޒަފު ދީފައިވާ ބަޔާން ޑީޖޭއޭއިން ބަދަލުކޮށްފައިވާ ކަމަށާއި، އެއީ ވަރަށް ނޭދެވޭ ކަމެއް ކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ބުނެފައިވެއެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުފު ކުރަން ޖޭއެސްސީން ނިންމައި، ހައިކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު މިހާރުވަނީ އަލުން އަނބުރާ މައްސަލަ ގެންގޮސްފައި ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ އިސްތިއުނާފު ނުކުރަން ޖޭއެސްސީންވަނީ ނިންމާފައެވެ.

މި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުގައި ބުނެފައިވަނީ، ޑީޖޭއޭއިން މުވައްޒަފުންގެ މައްސަލަތަކުގެ ބަޔާންތައް ބަދަލުކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެއީ ވަރަށް ނޭދެވޭ ކަމެއް ކަމަށް ޓްރައިބިއުނަލްގެ ހުކުމުގައި ބުނެފައިވެއެވެ.

މައްސަލަ ހުށަހެޅި ފަރާތާމެދު ކުރެވުނު ތުހުމަތުތަކާ ގުޅިގެން ތަހުގީގު ކުރުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފަރާތުން ބޭއްވުނު ބައްދަލުވުމުގެ އޯޑިއޯ ރިކޯޑިންގ އަޑުއެހުމުން މައްސަލަ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަހުގީގު ޓީމަށް ދީފައިވާ ބަޔާނަށް އުނިއިތުރުކަން ގެނެސްފައިވުމީ މައްސަލަ ހުށަހެޅި ފަރާތުގެ އެތައް ހައްޤުތަކެއް ގެއްލިގެންދިޔުމަށް މަހުފަހި ވެގެންދާނެ ކަމަކަށްވީހިނދު، މައްސަލަ ރައްދުވި ފަރާތުން މި ކޮށްފައިވާ އަމަލަކީ ވަރަށް ނޭދެވޭ އަމަލެއްކަން ފާހަގަކުރަމެވެ.

ޑީޖޭއޭއިން މުވައްޒަފުންގެ ތަހުގީގު ބަޔާން ބަދަލުކޮށް މުވައްޒަފަކު ވަޒީފާއިން ވަކިކުރި މި މައްސަލަ ނިންމާފައިވަނީ އޭނާއަށް އަލުން ވަޒީފާދޭން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް އަމުރުކޮށެވެ

މި މައްސަލައިގެ އިތުރުންވެސް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މުވައްޒަފުންނާ ގުޅޭ ބައެއް މައްސަލަތައް ގާނޫނުތަކާ ގަވާއިދުތަކާ ޚިލާފަށް ނިންމައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި އަދި އެ ނޫންވެސް ފިޔަވަޅުތައް އަޅާފައިވާ އެތައް މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލައި އެ މުވައްޒަފުންނަށް އަލުން ވަޒީފާދޭން އަންގާފައި އެބަހުއްޓެވެ. އަދި މިއިން ކޮންމެ ފަހަރަކު އެތައް ލައްކަ ރުފިޔާގެ ބަދަލު ވެސް ދޭން ވެސް ޖެހިފައިވެއެވެ. އެއީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އަމަލު ކުރަން ޖެހޭ ގަވާއިދުތަކާ ގާނޫނުތަކާ އެއް ގޮތަށް އަމަލުކޮށްފައި ނުވުމުގެ ސަބަބުންނެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އިދާރީ ކަންކަން އިންތިޒާމް ކުރުމާބެހޭ މައި އިދާރާއެވެ. އެއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމް ކުރެވިފައިވާ މެޖިސްޓްރޭޓް ކޯޓުތަކާ މާލޭގައި ހުންނަ ސުޕީރިއާ ކޯޓުތަކުގެ އިތުރުން ސުޕްރީމް ކޯޓާ ހައިކޯޓު އަދި ޖުޑީޝަލް އެކަޑަމީގެ އިދާރީ ބެލެނިވެރި ފަރާތެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް