ads
ހާމިދު އޭނާގެ 10 ދަރިންނާއެކު
މުޅި އުމުރު އަޅުކަމާއި އެހީތެރި ކަމުގައި ހޭދަކުރި، ހާމިދުގެ ނިމުން މައްކާގެ ބިމުގައި
ނ. ހޮޅުދޫ/ ސާދާގެ، ހާމިދު މުހައްމަދު (ލޯނު ހާމިދު) މުޅި އުމުރު އަޅުކަމުގައި ހޭދަކުރީ ދުނިޔޭގެ އެއްވެސް މަންފާއަކަށް އެދުމަކަށް ނޫނެވެ. ހާމިދު އޭނާގެ ދިރިއުޅުން ހޭދަކުރީ އަޅުކަމާއި އިންސާނީ އެހީތެރި ކަމުގައެވެ. އުމްރާ ފުރިހަމަކުރުމަށްފަހު މިއަދު މައްކާގެ ބިމުން އެ އަލްވަދާއުކީ އެތައް ބަޔަކަށް މަންފާއާއި، އެހިތެރިކަން ހޯދަދިން އެންމެންގެ ބަހުންނަމަ އެންމެންގެ އެކުވެރި "ލޯނު ހާމިދު" އެވެ.

ކޮންމެ އިންސާނަކުވެސް މިފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔާނެއެވެ. މި ފަނާވަނިވި ދުނިޔޭގެ ނިމުމާއި ބައްދަލު ނުކުރާނެ އެއްވެސް އިންސާނަކު ނުހުންނާނެއެވެ.  

ހާމިދުގެ ކުރު އެހެނަސް އުފާވެރި ހަޔާތް އޭނާ ހޭދަކުރީ ރަށުގެ ރައްޔިތުންގެ އިތުރުން އޭނާ ނިސްބަތްވާ ނ. އަތޮޅަށް އެހިތެރިވި، އެހީތެރިޔެއްގެ ލަގަބާއިއެކުއެވެ. އުމުރުގެ ފަހު ދުވަސްތައް ހޭދަކުރީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމާއި، އެހެން މީހުން އުމުރާއަށާއި ހައްޖަށް ގެންގޮސް އެހީތެރިވެދީ އެކަމަށް މީހުން ހޭލުންތެރި ކުރި ޖަމާއަތްތެރިއެއްގެ ގޮތުގައެވެ. އޭނާ އެކަން ކުރީ ކުންފުންޏަކުން އައްޔަންކޮށްގެން މަހު މުސާރައަކަށް ނޫނެވެ. ހައްޖުވެރިންނާއި އުމްރާވެރިން އަޅުކަން އަދާކުރަންދާ ގުރޫޕްތަކުގައި އަމިއްލައަށް އެދިގެން އިސްނަގައިގެން ދަނީ އެވެ. މިގޮތަށް ހައްޖަށް އެއްފަހަރު އަދި އުމްރާއަށް ތިން ވަަރަކަށް ފަހަރު ހާމިދު ގޮސްފައިވެއެވެ.

މިފަހަރުވެސް ހާމިދު މައްކާއަށް ދިޔައީ އުމުރާގެ އަޅުކަން އަދާ ކުރުމަށެވެ. އެގޮތުން މިފަހަރު އޭނާ އާއިއެކު އުމްރާގެ އަޅުކަމުގައި އަނބިމީހާވެސް ގެންދެވިއެވެ. އަޅުކަމުގެ ހުރިހާ ކަމެއްނިމި، ޖެނުއަރީ ފަހެއްގައި ފުރަން އޮތީ ނިމިފައެވެ. ނަމަވެސް ރޭ ހާމިދު ނިދި ގޮތަށް ހޭނުލައިގެން އަންހެނުން ފާތުމަ (ދޮން ފާތުމަ) ބެލިއިރު ހާމިދު މިފަނާ ވަނިވި ދުނިޔެއާއި ވަކިވެއްޖެއެވެ. އުމްރާއެއް ފުރިހަމަކުރުމަށްފަހު އަރާމު ނިންޖަކުން އަބަދުގެ އަބަދަށް ނިދީއެވެ. ހާދަ އުފާވެރި ނިމުމެކެވެ.

ދުނިޔޭގައި ހާމިދުގެ 10 ދަރިން އެބަތިއްބެވެ. ދެ އަންހެން ދަރިންނާއި އަށް ފިރިހެން ދަރިންނެވެ. ކާފަ އަރާމު ނިންޖަކުން ނިދިކަމުގެ ހިތާމަވެރި އަދި އުފާވެރި ހަބަރު، ކާފަދެކެ ލޯބިވާ މުހައްމަދު ތޮލާލު (ތޮލާލު މާލިމީ) އަށާއި މުޅި އާއިލާއަށް ލިބުނީ ރޭދަންވަރު ސައުދީ ގަޑިން 12:45 އެއްގައެވެ.

"ސީއެންއެމް"އާއި ވާހަކަދައްކަމުން ތޮލާލު ބުނީ ކާފަ މަރުވި ހަބަރު ލިބުމުން ބަޔާންކުރަންވެސް ނޭނގޭވަރުގެ ހިތްދަތިކަމެއް އިހްސާސްވި ނަމަވެސް ދުނިޔެ ދޫކުރީ ކާފަ އަބަދުވެސް ބޭނުންވި ފަދައިން ހޮޔޮ މަރަކުން ކަމުން އެ ހިތްހަމަ ޖެހުން އިހްސާސް ކުރެވޭ ކަމަށެވެ.

your imageހާމިދު ކާފަ ދަރި މުހައްމަދު ތޮލާލު އާއެކު:އެއާޕޯޓްގައި

އުމްރާއަށް ދާން ކާފަ ރަށުން ފުރުވާލީ ތޮލާލެވެ. އެދުވަހު ކާފަ ދިން ނަސޭހަތުގެ ވާހަކަ ހަނދާން ކުރަމުން ތޮޮލާލު ބުނީ ކާފަގެ އެންމެ ފަހުގެ ނަސޭހަތަކަށްވެސް ވީ އަމިއްލަ އަށް ކުރާ ހަލާލު މަސައްކަތުން ކައިބޮއި އުޅުމަށް ދެއްވި އަގުހުރި ނަސޭހަތް ކަމަށެވެ. 

"އަބަދުވެސް ބުނުއްވާނެ ވައްކަން ނުކުރައްޗޭ ދުވަހަކުވެސް. ދަރިފުޅާއޭ ގޯސް ކަމެއްނުކުރައްޗޭ. މީހަކަށް ނުދަރާ އަމިއްލައަށް ކުރާ ހަލާލު މަސައްކަތުން ދިރިއުޅެވޭތޯ ބަލައްޗޭ. މީހުންނަށް އަޅާލާ، އަޅުކަންތައް ކުރުމުގައި ސާބިތުވައްޗޭ" ތޮލާލު ބުންޏެވެ.

ތޮލާލު ހަނދާން ހުންނަން ފެށީއްސުރެ ވެސް ކާފަ އަބަދުވެސް އުޅެނީ ކޮންމެވެސް މީހަކަށް އެހީވުމަށް ނުވަތަ މާތްﷲގެ މަގުގައި ހޭދަކުރެވޭތޯކަމަށް އޭނާ ބުންޏެވެ. ކާފަގެ އުމުރުން 70 އިން މަތިވެފައިވާއިރުވެސް އުމުރާއަށް މީހުން ގެންދިއުމަށާއި އެމީހުންނަށް އެހީތެރުވެދޭން އަމިއްލައަށް އެދިގެން ދާތީ އެކަން އެގޮތަށް އެއުމުރުގައި ކުރަނީ ކީއްވެތޯ ސުވާލުކުރުމުންވެސް ކާފަ ބުނީ ހެޔޮކަންތަކާއި އަޅުކަންތައް ކުރެވޭނީ ދުނިޔޭގައި ހުރި ދުވަސްކޮޅު ކަމަށް ވުމުން ކަމަށެވެ.

ތޮލާލު ބުނީ، މި ހަފްތާ ތެރޭގައިވެސް ކާފައާއި ވާހަކަދެއްކުނު ކަމަށާއި ގުޅާފައި ވާހަކަދެއްކިއިރު، މައްކާ ގައި ފިނިގަދަ ވާހަކަ އާއި ފިނި ގަދަވުމުގެ ސަބަބުން ކުޑަކޮށް ކެއްސާ ކަމަށް ބުނިކަމަށެވެ. ނަމަވެސް އަނެއްހެން އެއްވެސް ވަރަކަށް ބަލި ނޫންކަމަށް، ބުނިކަމަށް ތޮލާލު ބުންޏެވެ. 

your imageހާމިދު އުމުރާ އަށް ފުރަން އެއާރ ޕޯޓްގައި، ދެދަރިންނާއެކު

ހާމިދަކީ ނ. ހޮޅުދޫ މާލިމީ އާއިލާ އަށް މަޝްހޫރު އެއްމެންގެ މާލިމީއެވެ. ނ.ރ.ބ.ޅ މި ހަތަރު އަތޮޅުގައި ކުރީގެ ބޭންކުތައް ގާއިމުނުކުރެވޭ ދުވަސްވަރު މާލޭގައި ހުންނަ ބޭންކުގެ ފަރާތުން ރަށްރަށަށް ވަޑައިގެން އެ ހިދުމަތް ފޯރުކޮށްދިން ބޭފުޅެކެވެ. މިއަދުވެސް އޭނާގެ ހިދުމަތް މީހުން ހަނދާން ކުރެއެވެ. އޭގެ ހެއްކަކީ ގިނަ ބަޔަކު ހާމިދު ދަންނަނީވެސް "ލޯނު ހާމިދު"ގެ ނަމުން ކަމަށް ވުމެވެ. 

އެމަސައްކަތުން ރިޓަޔާ ކުރެއްވުމަށްފަހު ދެން ހާމިދު ފެށީ އާހިރަތުގެ ނަސީބު ހޯދުމުގެ މަސައްކަތެވެ. ހާމިދުގެ މުޅި އުމުރު އޭނާ ހޭދަކުރީ އެހީތެރިއެއްގެ ގޮތުގައެވެ. ފަހު ދުވަސްތައް އެ ހޭދަކުރީ ﷲގެ މަގުގައި މަދުދުވެރިއެއްގެ ގޮތުގައި ސުވަރުގެ އެދިގެންނެވެ. 

ފައިސާ ލިބޭ ފަރާތްތަކުގެ ގާތަށް ގޮސް ފައިސާ (ފަންޑު) ހޯދައިގެން ހިނަވާގެ ވެސް އަތޮޅުގެ ގިނަ ރަށްރަށުގައި ހާމިދު ހެއްދެވިއެވެ. އެގޮތުން އަމިއްލަ ރަށް ހޮޅުދޫގަ އާއި، އުގޫފާރާއި ޅޮހީގައި ވެސް ހިނަވާގެ ހާމިދު ހެއްދެވިއެވެ. 

މިއަދު ހާމިދު މިފަނާވަނިވި ދުނިޔެއިން ވަކިވެ ދިޔަޔަސް އޭނާ އެދިޔައީ އަގުނުކުރެވޭ ހިދުމަތްތަކެއް އަތޮޅަށާއި ރަށަށް އަދި އެތައް ބަޔަކަށް ކޮށްދީފައެވެ. ދިގުދެމިގެންވާ ސަދަގާތާއެކު ހާމިދުގެ ކަށްވަޅު އަމާން ކަން ލިބިގެންވާ ފިނި ތަނެއްކަމުގައި ލައްވާންދޭވެ. އާމީން. 

90%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް