އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ޗައިނާއިން ވަނީ އިންޑިއާ ޗައިނާ ގުޅޭ ލަޑަކް ބޯޑަރު ކައިރިއަށް ގިނަ އަދަދެއްގެ ރޮބޮޓް ސިފައިން ފޮނުވާފައެވެ.
ރޮބޮޓް ސިފައިންނަކީ ރިމޯޓްކޮށް ކޮންޓްރޯލް ކުރެވޭ ގޮތަށް ހަތިޔާރު ހަރުކޮށްފައި ހުންނަ މެޝިންތަކެކެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ދަތުރުކުރަން އުދަގޫ ފަރުބަދަ މަތީ އުސް ފިނި ތަންތަނުގައި އުޅެން ޗައިނާ ސިފައިންނަށް ވަނީ އުދަގޫވެފައެވެ. އެހެން ކަމުން ޗައިނާއިން ރޮބޮޓް ސިފައިން ފޮނުވާފައިވަނީ އެމީހުންނަށް ލުޔެއް ދިނުމުގެ ގޮތުންނެވެ.
ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އިން ވަނީ ލަޑަކް ބޯޑަރު ކައިރިއަށް ގިނަ އަދަަދެއްގެ މީހަކާ ނުލާ އޮޕަރޭޓްކުރާ ވެހިކަލްތައް ފޮނުވާފައެވެ. އޭގެ އިތުރުން ޓިބެޓް ސަރަހައްދަށް 88 ވެހިކަލް ފޮނުވާފައިވާއިރު، އޭގެ ތެރެއިން 38 ވެހިކަލް ފޮނުވާފައިވަނީ ހުޅަނގު ސަރަހައްދަށެވެ. ޝާޕް ކްލޯ ނަމަކަށް ކިޔާ އެ ވެހިކަލް ވަޔާލެސްކޮށް ކޮންޓްރޯލް ކުރެވޭނެއެވެ.
މީހާކާނުލާ ބޭނުންކުރެވޭ ވެހިކަލްތަކުގެ އިތުރުން ޕީއެލްއޭއިން ވަނީ މައިން ރެސިސްޓެންޓް ވެހިކަލްްތައް ވެސް އެ ސަރަހައްދަށް ފޮނުވާފައެވެ. އެއީ އެ ސަރަހައްދަށް ސަލާމަތާއެކު ސިފައިން ފޮނުވުމަށް އަދި އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ވެހިކަލެކެވެ.
އޭގެ އިތުރުން އެއްގަމުގެ ހުރިހާ ވައްތަރެއްގެ މަގުތަކުގައި ވެސް ދުއްވޭ ގޮތަށް ފަރުމާކޮށްފައިވާ 200 ވަރަކަށް ވެހިކަލް އެ ސަރަހައްދަށް ފޮނުވާފައިވެއެވެ. އެއީ އެއާ ޑިފެންސް ސިސްޓަމްގެ އިތުރުން ސަޕްލައި އުފުލަން ބޭނުންކުރާ ވެހިކަލްތަކެކެވެ.
ޗައިނާއިން ބޯޑަރު ކައިރިއަށް ރޮބޮޓް ސިފައިން ފޮނުވުމުން އިންޑިއާއިން އަންނަނީ އެކަމާ ކަންބޮޑުުވުން ފާޅުކުރަމުންނެވެ. އިންޑިއާއިންވެސް އަންނަނީ ޗައިނާ ބޯޑަރު ކައިރީ އަސްކަރީ ބަރު ހަތިޔާރު ބަހައްޓައި ތަމްރީންތައް ކުރިއަށް ގެންދަމުންނެވެ.