ads
އަހްމަދު އަދީބް
އަދީބުގެ މައްޗަށް ކުރާ ދެ ދައުވާއެއްގެ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފި
ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން މާދަމާ ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މި އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:00 ޖަހާއިރު އެވެ. 

މާދަމާ ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައިވަނީ އަދީބުގެ މައްޗަށް ދައުވާކުރާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. 

އަދީބްގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ދެ މައްސަލައެއްގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް އެންމެ ފަހުން ތާވަލްކުރި ދެ އަޑުއެހުން ވެސް ކެންސަލް ކުރީ އަދީބްގެ ގާނޫނީ ވަކީލުން އެދިގެންނެވެ. އެގޮތުން މިމަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންދަން ތާވަލްކުރި އަޑުއެހުން ވެސް އަދީބްގެ ވަކީލުން އެދިގެން ކޯޓުން ވަނީ ކެންސަލްކޮށްފަ އެވެ. ނަމަވެސް އަޑުއެހުން ކެންސަލް ކުރަން ވަކީލުން އެދިވަޑައިގަންނަވާ ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. 

އަދީބްގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ގިނަ މައްސަލަތަކުގެ ތެރެއިން އެންމެ ފަހުން ކުށް ސާބިތުވީ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންނެވި މައްސަލާގައި އުފުލުނު ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެެ. މިދައުވާ ސާބިތުވެ ތިން މަހާއި 18 މަސް ދުވަހަށް އަދީބް ޖަލަށް ލުމަށް ކޯޓުން އިއްވި ހުކުމް އޭނާ ވަނީ ތަންފީޒުކޮށްފަ އެވެ. ނަމަވެސް އަދީބް މިވަގުތު ގޭބަންދުގައި ހުރީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ. 

އަދީބްގެ މައްޗަށް މީގެކުރިން ތަފާތު މައްސަލަތަކުގައި 33 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ނަމަވެސް އެ ހުރިހާ މައްސަލަތަކެއް ވެސް މަތީ މަރުހަލާގެ ކޯޓުތަކުން ވަނީ ބާތިލްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް