ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ހައްގުތައް ކަށަވަރުކުރުމުގެ ބައެވެ. ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ކޯޓުގައި ވިދާޅުވީ، ބައެއް ލިޔެކިޔުންތައް ލިބިވަޑައިގަތީ މިއަދު ކަމަށެވެ. އެހެންކަމުން އެލިޔުންތައް ބަލައި ދިރާސާކުރަން އެކަށީގެންވާ ވަގުތު ލިބިވަޑައިނުގަންނަވާ ކަމަށެވެ.
އެހެންކަމުން އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ ހައްގުތައް ކަށަވަރުކުރުމަށާއި އަދި ދައުވާ ސާފުކޮށްދިނުމަށް މިމަހު އިތުރު ދެ އަޑުއެހުމެއް ބޭއްވުމަށެވެ. އެގޮތުން އެކަމަށްޓަކައި މިމަހުގެ 13 އަދި 27 ވަނަ ދުވަހުގެ ހެނދުނު 9:30 އަށް އިތުރު އަޑުއެހުންތަކެއް ބާއްވަން ވަނީ ނިންމާފައެވެ.
މި މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. މި ދައުވާތައް އުފުލާ ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން އެމައްސަލަ ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލީ ރައީސް ޔާމީން އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑަ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ގައެވެ.
މިމައްސަލާގައި ޔޫސުފް ނައީމްގެ މައްޗަށް ޕީޖީ އޮފީހުން ދައުވާ އުފުލީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.
ވ. އާރަށާއި ގުޅޭ މައްސަލައަކީ، ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ އެޕްރީލް މަސް ތެރޭގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ. ޖިނާއީ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އެމައްސަލަ ފޮނުވީ، ކޮވިޑް-19އާއި ގުޅިގެން ރައީސް ޔާމީން ގޭބަންދަށް ދޫކޮށްލާފައި ވަނިކޮށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު ޕީޖީ އޮފީހަށް މިމައްސަލާގައި ޖިނާއީ ދައުވާއެއް ރައީސް ޔާމީންގެ މައްޗަށް ކޮށްދިނުމަށް އެދި ފޮނުވާފައި އޮތީ ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ކުށުގެ ތުހުމަތުކޮށެވެ.
ވ.އާރަށަކީ އެއަތޮޅު ތިނަދޫ ކައިރިން އޮންނަ ކުޑަ ފަޅުރަށެކެެވެ. ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކުރިން އެރަށް ދީފައިއޮތް ނަމަވެސް ތަސްމީނުގެ އަތުން އެރަށް ވަނީ 2015 ވަނަ އަހަރު އަތުލާފައި ކަމަށްވެއެވެ. އެރަށް ތަސްމީނު އަތުން އަތުލީ އޮގަސްޓު މަހުއެވެ. އެފަހުން އެއާއި ޖެހިގެން އާ ސެޕްޓެމްބަރު މަހު އެއަތޮޅުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ "ޓޫޖީ" ނަމަކަށް ކިޔާ ކުންފުންޏަކަށް އެ ރަށް ހަވާލުކުރިކަމަށް ވެއެވެ.
ނައީމްއަކީ ރައީސް ޔާމީންގެ ގާތްގުޅުމެއް އޮންނަ މީހަކަށްވާއިރު، އޭނާ ވަނީ ހަމައެމަހު އެރަށް އެއް މިލިއަން ޑޮލަރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލާ ރައީސް ޔާމީންގެ އެކައުންޓަށް އޭގެ ބަދަލެއްގެ ގޮތުން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައި ކަމަށް ވެއެވެ.