ads
ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް---
އާރަށު މައްސަލަ: ވަކީލަކު ހަމަޖައްސަން ނައީމަށް 10 ދުވަސް
ވ. އާރަށް ގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުކޮށްފައިވާ ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ ފަރާތުން ވަކާލާތު ކުރާނެ ވަކީލަކު އައްޔަން ކުރުމަށް 10 ދުވަސް ދީފި އެވެ.
Advertisement

އާރަށު މައްސަލައިގެ ޝަރީއަތް ފަށާފައިވަނީ މިއަދު 13:00 ގައެވެ. އެކަމަށްޓަކައި މިއަދު ރައީސް ޔާމީންއާއި، ނައީމު ކޯޓަަށް ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި މައްސަލައިގެ ލިޔެކިޔުންތައް ލިބިއްޖެތޯ ޔޫސުފް ނައީމް ގާތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އެއްސެވުމުން، ވަކީލަކާ ނުލާ ޖަވާބުދާރީވާން އޭނާ ވަނީ އުޒުރުވެރިވެވަޑައިގަންފައެވެ.

އަދި އޭނާ ވަނީ ވަކީލަކު ހަމަޖައްސަން ތިން ހަތަަރު ހަފްތާގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ. ނަމަވެސް، ގާޒީ ޝަކީލު ނިންމެވީ 10 ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ. 

މިއަދުގެ އަޑުއެހުމުގައި އޮތީ ހައްގުތައް ކަށަވަރުކުރުމެެވެ. ރައީސް ޔާމީންގެ ފަރާތުން ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ކޯޓުގައި ވިދާޅުވީ، ބައެއް ލިޔެކިޔުންތައް ލިބިވަޑައިގަތީ މިއަދު ކަމަށެވެ. އެހެންކަމުން އެލިޔުންތައް ބަލައި ދިރާސާކުރަން އެކަށީގެންވާ ވަގުތު ލިބިވަޑައިނުގަންނަވާ ކަމަށެވެ.

އެހެންކަމުން އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ ހައްގުތައް ކަށަވަރުކުރުމަށާއި އަދި ދައުވާ ސާފުކޮށްދިނުމަށް މިމަހު އިތުރު ދެ އަޑުއެހުމެއް ބޭއްވުމަށެވެ. އެގޮތުން އެކަމަށްޓަކައި މިމަހުގެ 13 އަދި 27 ވަނަ ދުވަހުގެ ހެނދުނު 9:30 އަށް އިތުރު އަޑުއެހުންތަކެއް ބާއްވަން ވަނީ ނިންމާފައެވެ. 

މި މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. އަދި ނައީމުގެ މައްޗަށް އުފުލާފައިވަނީ ރައީސް ޔާމީނަށް ރިޝްވަތު ދިން ކަމުގެ ދައުވާއެވެ. މި ދައުވާތައް އުފުލާ ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން އެމައްސަލަ ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. 

ވ.އާރަށަކީ އެއަތޮޅު ތިނަދޫ ކައިރިން އޮންނަ ކުޑަ ފަޅުރަށެކެެވެ. ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކުރިން އެރަށް ދީފައިއޮތް ނަމަވެސް ތަސްމީނުގެ އަތުން އެރަށް ވަނީ 2015 ވަނަ އަހަރު އަތުލާފައި ކަމަށްވެއެވެ. އެރަށް ތަސްމީނު އަތުން އަތުލީ އޮގަސްޓު މަހުއެވެ. އެފަހުން އެއާއި ޖެހިގެން އައި ސެޕްޓެމްބަރު މަހު އެއަތޮޅުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ  "ޓޫޖީ" ނަމަކަށް ކިޔާ ކުންފުންޏަކަށް އެ ރަށް ހަވާލުކުރިކަމަށް ވެއެވެ.

ނައީމްއަކީ ރައީސް ޔާމީންގެ ގާތްގުޅުމެއް އޮންނަ މީހަކަށްވާއިރު، އޭނާ ވަނީ ހަމައެމަހު އެރަށް އެއް މިލިއަން ޑޮލަރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލާ ރައީސް ޔާމީންގެ އެކައުންޓަށް އޭގެ ބަދަލެއްގެ ގޮތުން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައި ކަމަށް ވެއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް