މަކުނުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލްކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ކިޔާ ކުންފުންޏަކާއެވެ.
ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އައުޒަމް ވިދާޅުވީ، އެންމެ ފަހުގެ މަސައްކަތްތަކާއި ބެހޭގޮތުން ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވެސް ބައިވެރިވެވަޑައިގަތް ބައްދަލުވުމެއްގައި އަލްޓެކްގެ ފަރާތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
އެގޮތުން މިހާރު އެ މަސައްކަތް ފެށުމަށް އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް ކުރަމުންދާކަމަށް އައުޒަމް ވިދާޅުވިއެވެ.
މީގެ ކުރިން މަކުނުދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމަށް ސާވޭ ކުރުމުގެ މަސައްކަތް ވެސް ކޮށްފައިވާކަން ފާހަގަކޮށް އައުޒަމް ވިދާޅުވީ، މިހާރު ވަނީ ޑިޒައިނިން ވެސް ނިމި ފައިނަލް އެޕްރޫވަލްއަށް ފޮނުވާފައި ކަމަށް އަލްޓެކުން މައުލޫމާތު ދިން ކަމަށެވެ.
އިތުރަށް އައުޒަމް ވިދާޅުވީ އެ މަސައްކަތަކީ މަކުނުދޫގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި އެކަމުގެ ސަބަބުން އިގްތިސާދީ ގޮތުން ރަށަށް އެތައް ފައިދާއެއް ކުރާނެ ކަމަށެވެ.
އައުޒަމް ވިދާޅުވީ، މިހާރު މިފަދަ ބޮޑެތި މަސައްކަތްތަކާއި ހަވާލުވާ ކުންފުނިތަކުގެ އަމާޒަކީވެސް ރަށުގެ ޒުވާނުން ވެސް މި މަސައްކަތްތަކުގައި ބައިވެރިކޮށްގެން ކުރިއަށްދިޔުން ކަމަށާއި މަކުނުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށުމުން މަކުނުދޫގެ ފަރާތްތަކަށް ވެސް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މި ފަސް އަހަރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާ ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިހާރުވެސް ބައެއް ރަށްރަށުގައި މި މަސައްކަތް އެއްކޮށް ނިމިފައިވާއިރު ގިނަ ރަށްރަށުގެ މަސައްކަތްތައް ދަނީ ބާރު ސްޕީޑުގައި ކުރެވެމުންނެވެ.