ads
ޖާދުގެ "ތިޔަ ސޫރަ" އާޝާގެ "ޝިކާރަ" އަށް ގޮންޖަހާފާނެބާ؟
ދިވެހި ފިލްމީ ދާއިރާގައި ވީޑިއޯ ލަވަތައް ބެލުންތެރިންނާ ހަމައަށް ގެނެސްދޭލެއް މިހާރަކަށް އައިސް ވަނީ ބޮޑުތަނުން މަދުވެފައެވެ. އެހެން ނަމަވެސް ބައެއް ޕްރޮޑިއުސަރުންނާއި ހުނަރުވެރި ފަންނާނުން އަންނަނީ ކޮންމެވެސް މުނާސަބަތަކާއި ގުޅިގެން އާންމުންގެ އުފަލަކަށް ލަވަތައް ކުޅެ އާންމު ކުރަމުންނެވެ.
Advertisement

މިފަހުން ފިލްމީ ދާއިރާއަށް ނުކުތް އާ ފަންނާނުންގެ ރީތި ލަވަތަކެއް ދާދި ފަހުން ނެރެފައިވާކަން ފާހަގަ ކޮށްލެވެއެވެ. ދާއިރާގެ ފުންނާބު އުސް ތަރިން އެ ތަރިންނަށް އިތުރަށް ފުރުސަތުތައް ފަހިކޮށްދެމުން އަންނަނީ އެ ކުދިންނަކީ ދާއިރާގައި ފާހަގަކޮށްލެވޭ ބަޔަކަށް ހެދުމުގެ މާތް މަގުސަދުގައެވެ.

މި އަހަރުގެ ފެށުން ފެށިގެން އައީ ވެސް ވަރަށް ހިތްގައިމު ދިވެހި ލަވަ އަކުންނެވެ. މަޝްހޫރު ފެހުންތެރިޔާ ޖާދުﷲ އާއި"އެހެނަސް" އިން ވިދާލި ޝަރާގެ ހިތްގައިމު "ތިޔަ ސޫރަ" ބެލުންތެރިންނަށް ދޫކޮށްލިތާ އަދި މިވީ ދެ ދުވަހެވެ. ތުރުކީގެ ހިތްގައިމު ލޮކޭޝަން ތަކުގައި ކުޅެފައިވާ އެ ލަވަ ހަގީގަތުގައި ވެސް ވަރަށް ޗާލެވެ.

ނިމިދިޔަ އަހަރު އެންމެ ފަހުން ނެރުނު އެންމެ ފާހަގަ ކޮށްލެވޭ ވީޑިއޯ ލަވަ އަކީ "ގޮށްރާޅު" ފިލްމުން ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރި އާޝާ އާއި އާނަންދުގެ "ޝިކާރަ" އެވެ. އެ ލަވަ  ރިލީޒްކުރިތާ ހަތަރު މަސް ވަރުވީ އިރު ބެލުންތެރިން ވަނީ އެ ލަވަ ވެސް ބޮޑުތަނުން ބަލައިގަނެފައެވެ.

އާޝާ އާއި އާނަންދުގެ ލަވަ ކުޅެފައިވަނީ ކަނޑުމައްޗާއި، ހުޅުމާލޭގެ އިތުރުން މާފުށީގެ ހިތްގައިމު މަންޒިލް ތަކުގައެވެ. އެ ލަވައިގައި ރާއްޖޭގެ ރީތިކަން ފުރިހަމައަށް ދައްކުވައިދިން އިރު މިހާތަނަށް ލަވަ ބެލި މީހުންގެ އަދަދު 350000 އަށްވުރެ ގިނަ އެވެ. ޖާދުއާއި ޝަރާގެ ލަވައަށް ދެ ދުވަސް ތެރޭ 27000 އަށްވުރެ ގިނަ ވިއުސް ޔޫޓިއުބުން ލިބިފައި އެބަހުއްޓެވެ.

"ޝިކާރަ" ލަވަ ނުކުތީންސުރެއް އެ ލަވައިގެ އަވައިގައި ޖެހި ކެފޭ ރެސްޓޯރެންޓުތަކުގެ އިތުރުން މަގުބޫލު އެޕް ޓިކްޓޮކްގައިވެސް އެ ލަވަ ފަތުއަޑު ކިޔާފައި ދިޔައީ ހިނގަމުންނެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ޖާދުގެ "ތިޔަ ސޫރަ" ވެސް ޓިކްޓޮކްގެ އިތުރުން މާލެ ތެރޭގެ ދުއްވާ ޓެކްސީ ތަކުގެ ތެރެއިން އިވެން ފަށާފައިވާ ކަމެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަމުން ޖާދު ބުނީ ދެ ދުވަސް ތެރޭގައި ބެލުންތެރިންގެ ފަރާތުން ލަވައަށް ލިބުނު ތާއީދަށް ނުހަނު އުފާ ކުރާ ކަމަށާއި ޖާދުމެން ހުރިހާ ވެސް މަސައްކަތެއް ކޮށްދެނީ ހަމަ ފޭނުންނަށްޓަކައި ކަމަށެވެ. ވަކި ބަޔަކަށް ވުރެން ކުރިއަރާ ދިޔުމަށް ފިލްމީ މަސައްކަތް ކުރުން އެއީ އޭނާ ކުރާނެ ކަމެއް ނޫންކަން ތަކުރާރުކޮށް ބުނަމުން ޖާދު ވަނީ "ތިޔަ ސޫރަ" އަށް ތައުރީފްކުރަމުން އަންނަ އެންމެހާ ފަރާތްތަކަށް ޝުކުރުއަދާ ކޮށްފައެވެ.

މީގެ ކުރިން ސީއެންއެމް އަށް ދިން އިންޓަވިއުއެއްގައި އާޝާ ބުނީ، ގިނަ އަދަދެއްގެ ބަޔަކު އޭނާގެ ލަވަ ބަލާފައިވުމީ އާޝާ އާއި އާނަންދުގެ ލަވަ ބެލުންތެރީން ބަލައިގެންފި ކަމުގެ ދަލީލެއް ކަމަށާއި ބެލުންތެރިންގެ ސަޕޯޓަށް އަބަދުވެސް ފަހުރުވެރިވާ ކަމަށެވެ.

އެންމެ ފަހުން ނުކުތް މި ދެލަވަ ވެސް ނެރުނު ތަނާހެން ވަރަށް ބޮޑަށް މިވަނީ ހިނގަން ފަށާފައެވެ. ހިތްގައިމު އަޑު ތަކަކުން ކިޔާފައިވާ ވަރަށް ރީތި ދެ ލަވައެވެ. "ޝިކާރަ" ވީ މީގެ ހަތަރު މަސް ކުރިންނެވެ. ބެލި މީހުންވެސް އަދަދުން ގިނައެވެ. "ތިޔަ ސޫރަ" އިން ފިދާވާން ފެށީ އިއްޔެ މެންދުރު އެވެ. ބަލަމުން އަންނަ ފަރާތްތައް ނިސްބަތުން ވަރަށް ގިނައެވެ. ސުވާލަކީ ޖާދުގެ "ތިޔަ ސޫރަ" އާޝާގެ "ޝިކާރަ" އަށް ގޮންޖަހާލަފާނެބާއެވެ. ގޮތް ނިންމާނީ ލަވަތައް ބަލާ ބެލުންތެރިންނެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
55%
ވަރަށް ސަލާމް
ކޮމެންޓްސް