މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށައަޅުއްވާފައި ވަނީ ގިނަ ދީނީ އިލްމުވެރިން އެކުވެގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުންނެވެ.
ސީއެންއެމް އަށް ވާހަކަދައްކަވަމުން ދިޔާނާ ވިދާޅުވީ، ދީނީ އިލްމުވެރިންގެ ޓެގް އެޅިފައި ތިބޭ މީހުން ދައްކަވާ ވާހަކަތައް ވަރަށް އަވަހަށް މީހުން ގަބޫލުވެސް ކުރާނެ ކަމަށާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ އަފްރާޝީމް އަލީ ވެސް ގަތުލުކޮށްފައިވަނީ އެބޭފުޅާއާ ދޭތެރޭ އުފެއްދި ނަފްރަތުތަކާއި ގުޅިގެން ކަމަށެވެ.
"ދެން ރައީސް ނަޝީދުގެ ވާހަކަ. އަބަދުވެސް އެމަނިކުފާނާ މެދު ނަފްރަތު އުފެއްދުމަށް އަބަދުމެ މަސައްކަތްކުރައްވާ. އެކަމުގެ ސަބަބުން އެމަނިކުފާނުގެ ފުރާނަފުޅަށް އެތައް ހަމަލާއެއް ރައްދުވެއްޖެ. މިފަހަރުވެސް ﷲގެ ރަހުމަތްފުޅުން ކިރިޔާ ސަލާމަތްވެފައި ހުންނެވީ" ދިޔާނާ ވިދާޅުވިއެވެ.
ހަމަ އެކަނި ރައީސް ނަޝީދު ނޫން ކަމަށާއި އެއްވެސް ބޭފުޅަކާމެދު ނަފްރަތު އުފައްދަވަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ފަރާތްތަކުން ކުރަމުންދާ ކަންކަން ހުއްޓާލުމަށް ދިޔާނާ ވަނީ ގޮވާލައްވާފައެވެ. އަދި މިފަހުން ރައީސް ނަޝީދުގެ މައްސަލަ ފުލުހަށް ވެއްދުމުން އެ ސިޓީ ފުލުހުންގެ އިދާރާއިން ބަލައިގަނެފައިވާތީ އެކަމަނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސް ނަޝީދުގެ މައްސަލަ ފުލުހަށް އިއްތިހާދުން ހުށައެޅީ، ކްރިސްޓިއަނުން ފާހަގަ ކުރާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ އަނެއްކާވެސް ރައީސް ނަޝީދު ޓުވިޓާ މެދުވެރިކޮށް އެކި ފަރާތްތަކަށް އަރިސް ކުރުމުންނެވެ.
ދިޔާނާ ޓްވީޓް ކުރައްވާ ވިދާޅުވީ، އެއްވެސް ބޭފުޅެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅޭގޮތަށް އެ ބޭފުޅަކާމެދު ނަފްރަތު އުފައްދަމުން ދިޔުމަކީ ބޮޑު ކުށެއް ކަމަށާއި އެ ކުށުން އުފެއްދި ނަފްރަތު ނިމުނީ މެއި 6ވަނަ ދުވަހު ބޮމުގެ ހަމަލާއަކުން ކަމަށެވެ.
އިތުރަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ އިއްތިހާދޭ ބުނެ ރައްޔިތުން މީގައި ޝާމިލުވާ ކަމަށް ދެއްކުމަކީ ވެސް ވަރަށް ބޮޑު ގޯހެއް ކަމަށާއި އެބޭފުޅުން އެ ކުރައްވަނީ ހަމަ ބަޔަކު މީހުންގެ މެދުގައި ނަޝީދާއި މެދު ނަފްރަތު އުފެއްދުން ކަމަށެވެ.
ރައްޔިތުންގެ އިއްތިހާދުން ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ހިލާފު ކަންކަން ރައީސް ނަޝީދު ތަކުރާރުކޮށް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުވެސް ރައީސް ނަޝީދު ދީނީ އެއްބައިވަންތަކަން ގެއްލޭފަދަ ވާހަކަފުޅު ދައްކާފައިވާ މައްސަލަ ފުލުހަށް ހުށައެޅުއްވި ކަމަށާއި، އެހެންނަމަވެސް އެކަން ބަލާ އެކަމަށް ޖަވާބުދާރީ ކުރުވާފައި ނުވާކަން ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.
އެ ފަހަރު ވެސް ރައްޔިތުންގެ އިއްތިހާދުން ހުށައެޅީ ކްރިސްމަސް އައުމާއި ގުޅިގެން އެދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ޓުވިޓާގައި އާއްމުކޮށް ފެންނަން ހުންނަހެން ހިއްސާ ކުރި މައްސަލައެކެވެ.