ސީއެންއެމް އަށް ވާހަކަ ދައްކަވަމުން އެރަށު ކައުންސިލް ރައީސް އަބްދުﷲ އާތިފް ވިދާޅުވީ، ކައުންސިލްގެ ހުއްދަ ނުދެނީސް މަސައްކަތް ކުރަމުންދިޔަ ޒުވާނުން މަސައްކަތް ހުއްޓާފައިވަނީ އީޕީއޭ އިން އެންގުމުން ކަމަށެވެ.
އާތިފް ވިދާޅުވީ، އީޕީއޭ އިން އަންގާފައިވަނީ ތަރައްގީ ކުރުމަށް ބޭނުންވާ ނޭޗާ ޕާކުގެ ކުރެހުންތަކާއި ތަފްސީލްތައް އީޕީއޭއަށް ހުށަހަޅަން ޖެހޭ ކަމަށާއި އޭގެ ފަހުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އީޕީއޭގެ ހުއްދަ ދޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ މީހުން ކިތަންމެ ވަރަކަށް ވާހަކަދެއްކި ނަމަވެސް މިކަމުގައި ސިޔާސީ ކުޅިގަނޑެއް ކުޅެފައި ނުވާނެ ކަމަށާއި ކައުންސިލުން ހުއްދަ ނުދީ ހިފަހައްޓަން ވެސް ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ކަންކަން ކުރާނީ ގާނޫނާއި އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ސިކުނޑި ކުޅީ" ގެ މަސައްކަތް މީގެ ދުވަސްކޮޅެއް ކުރިން ހުއްޓާލާފައިވާކަން ފާހަގަކޮށް އާތިފް ވިދާޅުވީ، އީޕީއޭއިން އަންގާ އެންގުމަކާއި އެކު މަސައްކަތް ފެށުމުގެ ހުއްދަ ކައުންސިލުން ދޭނެ ކަމަށެވެ.
މި ކުޅިއަކީ ރަށުގެ ގިނަ ބަޔަކު ދޮންނޫމަސް ބޭނުމަށް ބޭނުން ކުރާ، އެން ގިނަ އަދަދަކަށަ އާބާދުވާ ކުޅިއެއް ކަމުން މިހާރު ކުޅީގައި ކުރާ މަސައްކަތުން އެކަމަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރުން އެކަށީގެންވާ ކަމަށް ރަށުގެ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މި ކުޅީގައި ގަވައިދާއި ހިލާފަށް މަސައްކަތްކުރީ އެދާއިރާގެ މަޖިލިސް މެމްބަރު އަލީ ރިޒާ އިސްވެ ހުންނަވާ ކުރުވާ ކަމެއް ކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް ކުރިން ސީއެންއެމް އަށް ވާހަކަދައްކަވަމުން މެމްބަރު ރިޒާ ވިދާޅުވީ، ކުޅި (އެތަނު)ގެ މަސައްކަތަކީ ރިޒާގެ ހިއްސާ އެއްވެސް ވަރަކަށް އޮވެގެން ކުރަމުން އަންނަ މަސައްކަތެއް ނޫން ކަމަށާއި، އެހެން ނަމަވެސް ޒުވާނުން ކުރާ ކަންކަމަށް އަބަދުވެސް އެއްބާރުލުން ދެމުން އަންނާނެ ކަމަށެވެ. އަދި ރަށުގެ ތަރައްގީ އާއި ރަށުގައި ހިންގާ ކަންކަމަށް އަބަދު ވެސް ތާއީދު ކުރާނެ ކަމަށާއި، އެކަން ހުއްޓުވަން އެއްވެސް ބަޔަކު މަސައްކަތް ކޮށްގެން ނުވާނެ ކަމަށްވެސް ރިޒާ ވިދާޅުވިއެވެ.
"ސިކުނޑި ކުޅީ" ގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރި މައްސަލައިގައި ކުރިން އީޕީއޭއިން ބުނެފައިވަނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި އެކުޅި އަކީ ހާއްސަ ސިފަތަކެއް ލިބިފައިވާ ކުޅިއެއް ކަމަށެވެ.