ads
ފަތުރުވެރިން އާއްމުތަނެއްގައި ބިކިނީ ލައިގެން ހިގާފައި ދަނިކޮށް ނަގާފައިވާ ފޮޓޯއެއް———ފޮޓޯ: ސޯޝަލް މީޑިއާ
ފަތުރުވެރިން ބުނަނީ ބިކިނީ ލައިގެން އުޅެނީ އެއީ މަނާކަމެއްކަން ނޭނގޭތީ ކަމަށް
އާ އަހަރަކަށް މަރުހަބާ ކީ އިރު ދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަމާ އެކު ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އޮތީ ފެނުމަތީގަ އެވެ. ކަނޑައެޅި ހުރިހާ ޓާގެޓުތަކެއް ފުރިހަމަކޮށް އާ އަހަރަކާއި ބައްދަލުކުރި އިރު އޮތީ ފަތުރުވެރިކަމުގެ ރަން ޒަމާނެއް ފެންނަން ފަށާފަ އެވެ. އެހެން ނަމަވެސް ހަމަ އެއާ އެކު ރާއްޖެ ފަދަ އިސްލާމީ ގައުމަކާ ނުގުޅޭ އެތައް މަންޒަރެއް މި ފަތުރުވެރިކަމުގެ ތެރެއިން ރަށްފުށުން ވެސް ދިއައީ ފެންނަމުންނެވެ.
Advertisement

ފަތުރުވެރިން ބިކިނީގައި އާއްމުން ދިރިއުޅޭ ސަރަހައްދުތަކުގައި އެއްވެސް ބިރެއްނެތި އަމާންކަމާ އެކު ހިނގާލާފައި ދަނީ އެވެ. ކްރިސްމަސް ފާހަގަ ކުރަނީ އެވެ. މިފަދަ އެތައް މަންޒަރެކެވެ. 

ފަތުރުވެރިން ރަށުތެރޭ އުޅޭއިރު ނިވާކަން ކުޑަ ހެދުން އެޅުން އިތުރުވާތީ އެކަން ހުއްޓުވަން އެންމެ ފުރަތަމަ އިސްނެގި ރަށަކީ އއ. ތޮއްޑޫ އެވެ. އެރަށުގައި ވެސް އެފަދަ މަންޒަރުތައް ފެންނަ މިންވަރު ދުވަހެެއް ދުވަހަކަށް އިތުރުވަމުން ގޮސް އެންމެ ފަހުން ރައްޔިތުންގެ ޝަކުވާތައް ވެސް އިތުރުވަމުންދިޔަ އެވެ. އެހެންކަމުން މިމަހުގެ ހަތަރު ވަނަ ދުވަހު، ކައުންސިލުގެ ފަރާތުން އެކަން ހުއްޓުވުމުގެ ގޮތުން ރަށުގެ އެކި ތަންތަނުގަ އާއި، ގެސްޓު ހައުސްތަކުގައިވެސް ނޯޓިސް ހަރުކުރި އެވެ. 

ނިވާކަން ކުޑަ ހެދުން އަޅައިގެން ފަތުރުވެރިން އުޅޭ މައްސަލަ އާ މެދު "ސީއެންއެމް" އާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލުގެ ރައީސް އަހްމަދު ކަރަމް ވިދާޅުވީ، ހަގީގަތުގައި އެކަން ބެލިބެލުމުން ފާހަގަކުރެވުނީ ފަތުރުވެރިން އެކަން ކުރަނީ އެވަރުގެ ހޭލުންތެރިކަމެއް ނެތުމުން ކަމަށެވެ. 

"ފަތުރުވެރިން ގާތުގައި އެއީ މަނާކަމެއްކަމަށް ބުނީމަ ހަމަ ވަގުތުން އެކަން ރަނގަޅު ކުރޭ. އަސްލު ގިނަ ފަތުރުވެރިން ބުނަނީ އެކަން އެގޮތަށް ކުރަނީ އެއީ މަނާކަމެއްކަން އެމީހުންނަށް ނޭނގޭތީ ކަމަށް. އެހެން ވީމަ އަޅުގަނޑު ދެކެނީ ހޭލުންތެރި ކުރުވުން އެއީ އަޅުގަނޑުމެން ކުރަންޖެހޭ އަޅުގަނޑުމެންގެ ޒިންމާއެއްގެ ގޮތުގައި. އޭރުން އިރާދަކުރެއްވިޔާ މިކަން ހުއްޓޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އަހްމަދު ކަރަމް ވިދާޅުވިއެވެ.

your imageތޮއްޑޫ ކައުންސިލުން ދަނީ ފަތުރުވެރިން އުޅޭ ސަރަހައްދުތަކުގައި ނޯޓިސް ހަރުކުރަމުން

ތެދެކެވެ. ހަގީގަތުގައި އެ ފަތުރުވެރިން ރާއްޖެ އަންނަނީ މިތަނުގެ ހިތްގައިމު މާހައުލުގައި ހިތްހަމަ ޖައްސާލާ ޗުއްޓީ ހޭދަކޮށްލުމަށްޓަކަ އެވެ. މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ފަތުރުވެރިކަމެއްގެ ތެރެއިން މިތަނަަށް އަންނަނީ ހަމައެކަނި އިސްލާމީ މިންގަނޑުތައް އެނގޭ ނުވަތަ އެއް ދީނެއްގެ ބަޔެއް ވެސް ނޫނެވެ. އެހެންކަމުން މިތަނުގެ ދީނީ މިންގަނޑުތަކާއި، ސަގާފަތް އެމީހުންނަށް ނޭނގުމަކީ ވެދާނެ ކަމެކެވެ. އަދި ކޮންމެ މީހަކު އަންނާނީ ފަތުރުވެރިކަމުގެ ގަވާއިދު އެއްކޮޅުން އަނެއްކޮޅަށް ކިޔައިގެނެއްވެސް ނޫނެވެ. އެހެން ކަމުން މިތަނުގެ މުޖުތަމައުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް އެމީހުންނަށް އެގުމަށްވުރެ ގާތީ ނޭނގުމެވެ. 

ތަނެއްގައި ކަމެއް ފަށައިގަންނައިރު އެކަމަކާއި ވިދިގެން އަންނަ ގަވާއިދުތަކާއި ގާނޫނުތަކެއް އެކުލަވާލަން ޖެހެނީ އެހެންވެ އެވެ. އަދި އެއްޗެއް އެކުލަވާލާ ގަނޑުތަކެއްގައި ލިޔެވިފައި އޮތަސް ވެސް އެހާ ހިސާބަކުން ނުނިމެވެ. އެކަން ތަންފީޒު ކުރުން އަދި ތަންފީޒުކުރޭތޯ ބެލުން އެއީ ވެސް އޮންނަ ޒިންމާއެކެވެ. އެކަމަށްޓަކައި އެކި ނަންނަމުގައި މީހުން ހަމަޖައްސާފައި ހުންނަންޖެހެ އެވެ. ހުރޭ ވެސް މެއެވެ. މައްސަލައަކީ އެކަން ތަންފީޒު ނުކުރެވުމެވެ. "މަށަކާއި މަށެއް"ވާން ދޫކޮށްލެވުމެވެ. 

އެކަމަކު މުޅި ދިނުޔެއަށް ހުޅުވިގެން ކުރިއަރައިގެންދާ ފަތުރުވެރިކަމެއްގެ ސިނާއަތެއްގެ ތެރެއިން ދިވެހިން ކަހަލަ ދީނީ ރިވެތި އުސޫލުތަކެއް އޮތް ގައުމަކަށް "މަށަކާއި މަށެއް" ނުވަތަ "ގާނޫނަކާއި ގާނޫނެއް" ވެގެން ފަރުޖެއްސޭކަން ނޯންނާނެ ނޫންތޯއެވެ.

އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އާއްމުންގެ ތެރޭގައި ބަރަހަނާވެގެން ނުވަތަ ނިވާކަން ކުޑަ ހެދުން އަޅައިގެން ފަތުރުވެރިން އުޅެނީ އެމީހުންނަށް އެތަނުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ނޭނގިގެން ކަމަށް ވަންޏާ މިއީ ޒިންމާ ނަގަން ތިބޭ މީހުން ވެސް ފައިލްވުމެއް ނޫންތޯއެެވެ. 

ރަށްރަށަށް ދާ ފަތުރުވެރިން ނިވާކަން ކުޑަ ފޭރާމުގައި ރަށުތެރޭގައި އުޅޭ ކަމުގެ ޝަކުވާ މިއީ އާ ވާހަކަ އެއް ވެސް ނޫނެވެ. ފަތުރުވެރިން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އުޅޭ އިރު ފޭރާން އަޅަން ޖެހޭ މިންގަނޑު ގަވާއިދުގައި ބަޔާންކޮށްފައި އޮންނައިރު، މި މިންގަނޑުތައް ދަށްވެގެން 2019 ވަނަ އަހަރު ވެސް އާއްމުންގެ ޝަކުވާތައް ބޮޑުވިއެވެ. 

އެ ފަހަރު ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ އެ ގަވާއިދު ފަތުރުވެރިންނަށް ކިޔައިދޭން ޖެހޭ ކަމަށާއި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން އެކަންކަމަށް ރިއާޔަތް ކުރަންޖެހޭނެ ކަމަށެެވެ. އަދި އެ މިންގަނޑުތަށް ހުރިހާ ފަރާތްތަކުން ވެސް ފަތުރުވެރިންނަށް އިންފޯމްކޮށްދީ، އެ މިންގަނޑުތައް ފޮލޯ ކުރުވުމަށް އެފަހަރު އިލްތިމާސް ކުރިއެވެ.

ގެސްޓްހައުސް ވިޔަފާރި ހިންގާ ބައެއް ރަށްރަށުގައި ފަތުރުވެރިންނަށް ހާއްސަ ބީޗު ސަރަހައްދުތައް ހުރެ އެވެ. އެހެން ނަމަވެސް، އެ ސަރަހައްދުތަކުން ބޭރަށް ނިވާކަން ކުޑަ ހެދުމުގައި ފަތުރުވެރިން ނުކުންނާތި އެކަމާ ބައެއް ރަށްރަށުގެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅު ކުރެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް