މިމަހުގެ ތިން ވަނަ ދުވަހު ފ. ފީއަލިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ “އަލަމާ 5” ދޯނި ވ. އަތޮޅު ފުއްސަރު ފަޅާ ދިމާލު ހަތަރު ނޯޓިކަލް މޭލު ބޭރުން މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ދޯނި ދިޔަވެ، އަޑިއަށް ގޮސް އޭގެން ދަތުރު ކުރި ތިން މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ބިދޭސީ ދެ ފަޅުވެރިންނެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ބުނީ، އަލަމާ-5 ދޯނިން ގެއްލުނު ފަޅުވެރިންގެ ތެރެއިން ދެމީހުން ވަނީ މިއަދު ހެނދުނު 06:50 ހާއިރު ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރިން ކޯސްޓްގާޑް ސީއެމްބިއުލާންސް-34 އަށް ނަގާފާ ކަމަށެވެ.
މީމީހުން ހޯދުމަށްޓަކައި ކޯސްޓްގާޑް ޝިޕް ހުރަވީ، ކޯސްޓްގާޑް ސީ އެމްބިއުލަންސް-34، މޯލްޑިވްސް ޕޮލިސް ސަވިސް، ދޯނީގެ ވެރިފަރާތާއި އަދި މީގެ އިތުރުން ވައިގެ މަގުން އެސަރަހައްދުގައި ޓީއެމްއޭގެ 10 ސީޕްލޭންއާއި ފްލައިމީގެ މަތިންދާބޯޓެއްވެސް ހަރަކާތްތެރި ވެފައި ވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ދޯނިން ދަތުރުކުރި ދެ ބިދޭސީ މީހުން ފެނުނީ، އަޑިއަށް ދިޔަ ދޯނިން އޮޔާދިޔަ ހަންތަކެއްގައި އެލިގެން ތިއްބަައެވެ. އެމްއެންޑީއެފުން ބުނީ އެދެމީހުންނަށް ގުޅޭކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ދިނީ ކުންފުނީގެ ފަރާތުން ރޭ 22:12 ގައި ކަމަށާއި، އެމީހުންނާއި ކޯސްޓުގާޑަށް ގުޅުނީ 22:29 ގައި ކަމަށެވެ.
ދޯނިން ދަތުރުކުރި ދެ ބިދޭސީ މީހުން ފެނިފައި ވީނަމަވެސް ދޯނީގެ ކައްޕި އާދަމް ޝަފީޤް އަދި ފެނިފައެއް ނުވެއެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.