ޝީލާ އެރަށަށް ގޮސްފައިވަނީ އިއްޔެ އެވެ. މިފަހަރު ވެސް ދެ ދަރިން އޭނާގެ ޗުއްޓީގައި ބައިވެރިވި ނަމަވެސް ފިރިމީހާ ފިލްމީތަރި މަނިކު ބައިވެރިއެއް ނުވެއެވެ.
ސީއެންއެމް އަށް ޝީލާ ބުނީ، ގޮއިދޫއަށް ޗުއްޓީ ހޭދަކޮށްލަން މިފަހަރު ދިޔައީ ހަފްތާއެއްހާ ދުވަހަށް ކަމަށާއި މަންމަ ވެސް ގޮވައިގެން ގޮސްގެން އުޅޭ ކަމަށެވެ.
މަނިކު ޗުއްޓީގައި ބައިވެރި ނުވީ ކީއްވެތޯ އެހުމުން ޝީލާ ބުނީ، މިދުވަަަސްކޮޅު މަނިކު ތަންކޮޅެއް މަސައްކަތުގައި ބިޒީކޮށް އުޅޭތީ ބައިވެރިނުވެވުނީ ކަމަށެވެ.
ޝީލާ އިތުރަށް ބުނީ ގޮއިދޫގެ ވަރަަށް ގާތް ގެޔެއްގެ ކުއްޖެއްގެ ކައިވެނި ވެސް އޮތުމުން މި ދަތުރު އަންނަން ނިންމި ކަމަށާއި އެ ރަށަކީ އޭނާގެ "ސެކަންޑް ހޯމް" ކަމަށެވެ.
"މިއީ އަތޮޅުތެރޭ ރަށްތަކުގެ ތެރެއިން ޝީލާގެ ހަމަ ފެވަރިޓް. ކުދިން ވެސް ވަރަށް އުފަލުގަ އުޅޭނީ މިރަށަށް އާދެވުނީމަ،" ޝީލާ ބުންޏެވެ.
މީގެ ކުރިން ވެސް އެތައް ފަހަރަކު ގޮއިދޫއަށް އާއިލާ ގޮވައިގެން ޗުއްޓީ ހޭދަ ކުރަން ޝީލާ ގޮސްފައިވާއިރު ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުން ރާއްޖެ ލޮކްޑައުންކޮށްލި އިރުވެސް ޝީލާގެ އާއިލާ ތިބީ އެރަށުގައެވެ.
އަރާ ފޭބުން މަނާކުރުމުން އެރަށުގައި އެ ފަހަރު މަޑުކުރަން ޖެހުނު ގޮތަށް އެނބުރި މާލެ އައީ ތިން މަހަށް ވުރެ ގިނަ ދުވަސްކޮށްފައެވެ. އެ ދަތުރުގެ ތެރެއިން ޝީލާ ވަނީ ތަފާތު ތަޖުރިބާތަކެއް ވެސް ކޮށްފައެވެ.
ރަށްފުށުގެ ދިރިއުޅުންތަކުގެ ފޮނިމީރުކަން ލިބިގަތުން އެއީ ޝީލާ އަށް އަބަދު ވެސް ވަރަށް ހިތްހަަމަޖެހުން ގެނެސްދޭ ކަމެއް ކަމަށް ބުނާއިރު އޭނާ ބުނަނީ ގޮއިދޫގައި ގިނައީ ހަމަ ގާތްތިމާގެ މީހުން ކަހަލަ މީހުން ކަމަށެވެ.
ފިލްމުތަކުން ބެލުންތެރިންގެ ހިތް ރަނގަޅަށް ވެސް ދަމައިގަނެފައިވާ ޝީލާ އަދި މަނިކު އަކީ ދަރިންނާއެކު އަބަދުވެސް އުފާވެރި ވަގުތު ހޭދަކުރާ ދެމަފިރިންނެވެ. މި މީހުން އަބަދު ވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ އިތުރުން ބޭރުގެ ގައުމު ތަކަށް ވެސް ދަތުރުކުރެއެވެ.