ads
ސިޔާސީ ޕާޓީތައް ވަމުންދާ ތައްޔާރީތައް
ޕާޓީތަކުގެ ފޯކަސް ކޮމަންޑޫއަށް، ފޯރި އެބަހުރި!
ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވީ، މެމްބަރު ކަމުގައި ހުންނެވި ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި އަވަހާރަވުމާއި ގުޅިގެންނެވެ.
Advertisement

މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ހުސެއިން ވަހީދު ނިޔާވުމާއި އެކު ޖެހިގެން އާ ދުވަހު އިވެންފެށީ އެދާއިރާއިން ހުސްވި ގޮނޑިއަށް ސިޔާސީ ޕާޓީތަކުން އަވަސްވެގަތް އަޑެވެ. 

މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެދާއިރާގެ އިންތިހާބު ބޭއްވުމަށް ނިންމަވާފައި ވާކަން އިއުލާން ކޮށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލުމާއިއެކު އެމްޑީޕީ، ޕީޕީއެމް، އަދި އަލަށް އުފެދިގެން މިހާރު ހަލުވިމިނުގައި ކުރިއަށް ދާ އެމްއެންޕީވެސް ވަނީ ކުރިމަތިލާފައެވެ. 

ކޮމަންޑޫގެ ބައި އިލެކްޝަނަށް ޕާޓީތަކުން ނެރެފައިވާ ކެޑިޑޭޓުން:

  • އެމްޑީޕީ( ށ. ފޯކައިދޫ، ޔުނިވާސް، މުހައްމަދު ރާޝިދު)

ރާޝީދު 10 އަހަރު ވަންދެން ފޯކައިދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމު ފުރުއްވުމަށް ފަހު މިހާރު ހުންނަވަނީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. އޭނާއަކީ ފޯކައިދޫގެ އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ އިތުރުން އެމްޑީޕީ ކޮމަންޑޫ ދާއިރާގެ ނައިބު ރައީސް އެވެ. 

  • ޕީޕީއެމް( ގާނޫނީ ވަކީލު މުސާ ފަތުހީ)

ފަތުހީ އަކީ ށ. އަތޮޅު ރައީސްކަން ކުރެއްވި ބޭފުޅެއްގެ އިތުރުން ށ. އަތޮޅު އަތޮޅު ވެރިޔާގެ އިސް އެހީތެރިޔާގެ މަގާމު ވެސް މީގެ ކުރިން ފުރުއްވި ބޭފުޅެކެވެ.

  • އެމްއެންޕީ( ށ. ކޮމަންޑޫ އަބްދުލް ހަންނާން އިދުރީސް) އޭނާ އަކީ ތައުލީމީ ދާއިރާގައި ހޭދަކުރެއްވި 32 އަހަރު ގިނަ ސްކޫލްތަކެއްގެ ޕްރިންސިޕަލްކަން ކުރެއްވި ބޭފުޅެކެވެ. 2013-2019އަށް ވިލާ ކޮލެޖްގެ ޝަރިއްޔާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރަކަށް ހުންނެވުމަށް ފަހު މިހާރު އެއީ ވިޔަފާރިވެރިއެެކެވެ. އަދި އޭނާއަކީ އެމްއެންޕީއަށް ފުރަތަމަ ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. 

މި ކެމްޕެއިންތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކުގެ ފޯކަސް ކޮމަންޑޫއަށް ހުއްޓިފައިވާއިރު، މި ދުވަސްކޮޅަކީ އެ ރަށަށް މިގޮތުން ވަރަށް ބާރު ބޮޑު އެހާމެ ވާދަވެރި އަދި ފޯރިގަަަދަ ދުވަސްކޮޅަކަށް މިއޮތީ ވެފައެވެ. 

ފެބްރުއަރީ ފަސްވަނަ ދުވަހު ބާއްވާ ބައި އިލެކްޝަނަށް ވޯޓު ހޯދުމަށް ހުރިހާ ޕާޓީތަކުގެ މިސްރާބު އޮތީ ކޮމަންޑޫއަށް ޖަހާފައެވެ. ދަތުރުތައް ހަދައިގެން ކެމްޕެއިން ޓީމުތަކާއިއެކު އެ ރަށަަށް ހުރިހާ ސިޔާސީ ޕާޓީތަކުން ކެނޑިޑޭޓާއިއެކު ވަަޑައިގަންނަވަނީއެވެ. 

އެގޮތުން އެމްއެންޕީގެ ފޯރިގަދަ ޓީމުވެސް މިއަދު ވަނީ އެ ރަށަށް ގޮސްފައެވެ. މިރޭ 21:00ގައި އެމްއެންޕީގެ ބޮޑު ޖަލްސާއެއް އެ ރަށުގައި ފެށުުނުއިރު އެމްއެންޕީގެ ރައީސް ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އާއިއެކު ކެނޑިޑޭޓު އަބްދުލް ހަންނާން އިދުރީސް ބައިވެރިވެއެވެ. 

އެމްއެންޕީގެ މީޑިއާ އޮފިސަރު "ސީއެންއެމް" އަށް ވިދާޅުވީ، ކެމްޕެއިންގެ ކަންކަން ފޯރިއާއެކު އެ ރަށުގައި ކުރިއަށްދާއިރު، ރަށުން އެޕާޓީގެ ކެނޑިޑޭޓަށް ގިނަ ބައެއްގެ ތާއިދު ލިބިފައިވާ ކަމަށެވެ. އަދި ކެމްޕެއިންނަށް ވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި އިރާދަކުރެއްވިއްޔާ އެ އިންތިހާބު މިފަހަރު ކާމިޔާބު ވާނީ އެމްއެންޕީއަށް ކަމަށެވެ. 

your imageއެމްއެންޕީގެ ކޮމަންޑޫ ޖަލްސާ——ފޮޓޯ:ސީއެންއެމް

ހަމައެއާއިއެކު ޕީޕީއެމްގެ ޓީމު މީގެ ދުވަސްކޮޅެއް ކުރިން ކޮމަންޑޫއަށް ގޮސް ކެމްޕެއިން ކޮށްފައިވީނަމަވެސް، ކެނޑިޑޭޓު މުސާ ފަތުހީ ވެސް ވަނީ ކެމްޕެއިން ދަތުރެއްގައި މިއަދު ރަށަށް އަލުން ފުރާވަޑައިގެންފައެވެ. 

ޕީޕީއެމުން ސީއެންއެމްއަށް ބުނިގޮތުގައި އަންނަ ހަފްތާގެ ތެރޭގައި ރައީސް ޔާމީން ވެސް އެރަށަށް ވަޑައިގަންނަވާނެއެވެ. އަދި މިފަހަރުގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓަށް ރަށުން ބޮޑު ތާއީދެއް ލިބިފައިވާ ކަމަށާއި މިފަހަރުގެ އިންތިހާބު ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޕާޓީއަށް އެބައޮތްކަަމަށް ޕީޕީއެމުންވެސް ބުނެއެވެ. 

your imageޕީޕީއެމްގެ ކެނޑިޑޭޓު މިއަދު ކޮމަންޑޫއަށް ވަނީ ފުރާވަޑައިގެންފަ

މީގެ އިތުރުން ކޮމަންޑޫ ދާއިރާގެ ގޮނޑި މިދިޔަ ދެ އިންތިހާބުގައި ވެސް ކާމިޔާބުކުރި އެމްޑީޕީންވެސް މާދަމާ އެ ޕާޓީގެ ކެނޑިޑޭޓާއިއެކު ކޮމަންޑޫއަށް ދާނެއެވެ. އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއިއެކު ގިނަ އަދަދެއްގެ ސަރުކާރުގެ ވަޒީރުން ވެސް މާދަމާ އެ ރަށަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ. 

އެމްޑީޕީގެ ކެޕެއިން މެނޭޖަރު ނިޔާޒް "ސީއެންއެމް"އަށް ވިދާޅުވީ، މާދަމާ އެމްޑީޕީގެ ޓީމުގެ ފަރާތުން 40 ބޭފުޅުން އޮކޮޅަށް މާދަމާ ހަވީރު 16:30ގައި ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެކޮޅުގައި އެމްޑީޕީގެ ފަރާތުން މާދަމާ ރޭ 20:30ގައި ބާއްވާ ހާއްސަ ޖަލްސާއަށް ރެޑީވުމުގެ ކަންކަން މިހާރުވެސް ކޮމަންޑޫގައި ކުރިއަށްދާ ކަމަށެވެ. 

އަނެއް ދެ ޕާޓީއެކޭ އެއްގޮތަށް ނިޔާޒްވެސް ވިދާޅުވީ ރަށުން ބޮޑު ތާއީދެއް އެބައޮތް ކަމަށެވެ. އަދި މިފަހަރުގެ ބައި އިލެކްޝަން ކާމިޔާބު ކުރާނީ އެޕާޓީން ކަމަށެވެ.

your imageއެމްޑީޕީން މާދަމާގެ ޖަލްސާއަށް ރެޑީވަނީ——ފޮޓޯ: ސީއެންއެމް

ކޮމަންޑޫ ދާއިރާގެ އިންތިހާބުތަކުގެ ނަތީޖާތަކަށް ބަލާއިރު މިދިޔަ ދެ އިންތިހާބުގައި ވެސް ކާމިޔާބުރީ އެމްޑީޕީންނެވެ. އެހެންނަމަވެސް ސިޔާސީ މަސްރަހު އެބުރެމުންދާ ގޮތުން މި ނަތީޖާ ބަދަލުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. 

މި އިންތިހާބު ޕާޓީތަކަށް މުހިންމީ ކީއްވެ؟

އެދާއިރާއަށް ނިސްބަތްވާ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވާގޮތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ވެގެންދާނީ ރިޔާސީ އިންތިހާބަށް ވަކަރަށް ޖެހުން ފަދަ ކަމެއްކަމަށެވެ. 

"ސީއެންއެމް"އާއި ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއަކީ 2023 ގެ ރިޔާސީ އިންތިހާބުގެ ކުރީން އޮންނާނެ އެންމެ ބޮޑު އިންތިހާބުކަމަށް ޤަބޫލުކުރާކަމަށާއި ވަކަރަށް ޖެހުމަކީ އާރުލާތޯ ބެލުން ކަމަށެވެ. އާރުލާތޯ ބެލުން ސިފަކޮށްދެއްވަމުން ނިޝާން ވިދާޅުވީ، ރުއް ކަނޑާލުމުގެ ކުރިން ބޭނުމެއް ހިފޭތޯ ބަލަން އެރުކުގައި ހަރުކަމެއް ހުރިތޯ ބެލުމަށް ރުކުގެ ބުޑުދަށުގައި ފުރޯއިން ޖަހައި ބަލާކަމަށެވެ. އެހެންކަމުން ކޮމަންޑޫ ދާއިރާގެ ނަތީޖާއިން މިރާއްޖޭގެ މިއަދުގެ ސިޔާސީ ހާލަތު ސާފުވާނެކަމަށް ނިޝާން ފާހަގަކުރެއްވިއެވެ. 

އިތުރަށް ނިޝާން ވިދާޅުވީ، މި އިންތިހާބު ކާމިޔާބުކުރާ ޕާޓީއެއް ވެގެންދާނެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާއި ގާތުގައި އޮންނާނެ ޕާޓީއަކަށް ކަމަށާއި އެހެންކަމުން ހާއްސަކޮށް އެމްޑީޕީއަށް މިއީ މުހިންމު އިންތިހާބެއް ކަމަށާއި، އެމްޑީޕީ ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ކޮށްދީފައިވާ އަގުހުރި ބޮޑެތި ހިދުމަތްތަކާއި، އެ ތަރައްގީ ރައްޔިތުން މިނެކިރަނީ ކިހާވަރަކަށްތޯ ބަލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދެކޭކަމަށް ވެސް ނިޝާން ފާހަގަކުރެއްވިއެވެ.

ނިޝާން ވިދާޅުވީ، ރައްޔިތުން މަޖުލީހުން ހުސްވެފައިވާ ކޮމަންޑޫ ދާއިރާއަށް، ރަނގަޅު ކެނޑިޓޭޓަކު ދައްކައިގެން ނޫން ގޮތަކަށް އެއްވެސް ޕާޓީއަކަށް އެތަނުގެ ބައި އިކެލްޝަން ކާމިޔާބު ނުވާނެކަމަށް ދެކެވޭ ކަމަށެވެ.

އެމްޑީޕީއަށް ވެސް އަދި އެހެން ޕާޓީއަކަށް ވެސް އިންތިހާބު ކާމިޔާބު ވާނީ އެ ދާއިރާއެއްގެ ރައްޔިތުން ގަބޫލުކުރާ ކެނޑިޓޭޓަކު ދައްކައިގެން ކަމަށެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް