ads
ކަސްޓަމްސް ބިލްޑިންގް-- ފޮޓޯ: ޕީއެސްއެމް ނިއުސް
ކަސްޓަމްސްގެ ބައެއް ހިދުމަތްތައް އޮންލައިންކޮށްފި
މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ދޭ ބައެއް ހިދުމަތްތައް އޮންލައިން ކޮށްދިނުމަށް ފަށައިފި އެވެ.

ބައިނަލްއަގްވާމީ ކަސްޓަމްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް އޮންލައިންކޮށް ތައާރަފުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. 

ކަސްޓަމްސްއިން އަލަށް އޮންލައިން ކޮށްފައިވަނީ އޮންލައިން އޮފްޝޯ އެޕްލިކޭޝަން ބަލައިގަތުމާއި އިމްޕޯޓާ އެކްސްޕޯޓާ އޮންލައިން ރެޖިސްޓްރޭޝަނުގެ ހިދުމަތެވެ. މި ހިދުމަތްތަކަކީ ކުރިން އެތަނުގެ އޮފީހުން ދިން ހިދުމަތްތަކެކެވެ.

ކަސްޓަމްސް އިން ބުނީ މި ހިދުމަތްތައް އޮންލައިންކުރުމާއެކު ކަސްޓަމްސްގެ ހިދުމަތްތައް ހޯދަން ކަސްޓަމަރުންނަށް ފަސޭހަވާނެ ކަމަށެވެ. އަދި ރާއްޖެއަށް މުދާ އެތެރެކޮށް ބޭރުކުރުމުގައި ނަގަންޖެހޭ ހުއްދަތަކާއި ފުރިހަމަ ކުރަން ޖެހޭ ފޯމުތައް ހުށަހެޅުމުގައި އަވަސް ވެގެންދާނެ ކަމަށެވެ. 

އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ކަސްޓަމްސްގެ މަސައްކަތްތައް ފުޅާވެ ޒިންމާތައް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް އެތެރެ ކުރެވޭ މުދަލާއި ބޭރުކުރެވޭ މުދާ ބަލައި ފާސްކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކަސްޓަމްސް އިން ކުރަމުންދާ މަސައްކަތް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގައި ކަސްޓަމްސްގެ ދައުރު ބޮޑުކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަލަމާތާއި ރައްކާތެރި ކަމަށް ތަފާތު ގޮންޖެހުންތައް މި ދަނޑިވަޅުގައި ކުރިމަތިވެފައިވާއިރު ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކަސްޓަމްސްގެ މިދިޔަ އަހަރު އެންމެ ރަނގަޅަށް ހިދުމަތްދިން މުވައްޒަފުންނަށް ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ދެއްވާ ހާއްސަ ސެޓްފިކެޓް ވެސް ދީފަ އެވެ. އެ ސެޓްފިކެޓް ކަސްޓަމްސްގެ 13 ޑިވިޝަނެއްގެ 19 މުވައްޒަފަށް ލިބިފައިވެއެވެ.

މިއަހަރުގެ ކަސްޓަމްސް ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "މީހުންނާއި ދުނިޔޭގެ ފާގަތިކަން ދަމަހައްޓައިދޭ ފަރާތެއްގެ ގޮތުގައި ކަސްޓަމްސް" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް