މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ރައްޔިތުންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރެވޭނެއެވެ. އަދި ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އެވެ.
އެހެން ނަމަވެސް މި އުސޫލަށް އަމަލުކުރަން ފަށާނީ ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން 968 މިލިޔަން ރުފިޔާގެ އެއްބަސްވުމަކާއެކު ޖުމްލަ ފަސް އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން މިއަދު މިއަދު ވަނީ ސޮއި ކޮށްފައެވެ.
އިޤްތިޞާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމަށް ޗައިނާ ސަރުކާރުން 968 މިލިއަން އެއްލައްކަ ނުވަދިހަ ހަތް ހާސް ހަ ސަތޭކަ އެކާވީސް ރުފިޔާ (62.8 މިލިޔަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީ ދިވެހިރާއްޖެއަށް ފޯރުކޮށްދޭނެއެވެ. މި އެހީ އަކީ އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީއަށް ހޭދަކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީއެކެވެ.
ޗައިނާއާއެކު ސޮއެކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްވެސް ހިމެނެއެވެ.
މި އެއްބަސް ވުމުގެ ދަށުން ލޮލުގެ ބަލިތަކަށް ފަރުވާދޭ ހާއްސަ ކްލިނިކެއް/ކޭމްޕެއް ޗައިނާއިން ހިންގާނެއެވެ. މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރެވުނީ 2019 ވަނަ އަހަރުއެވެ. އޭރު ސޮއެކުރެވުނު ދެއަހަރުގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ ލޮލުގެ ފަރުވާދޭ ހާއްސަ ކޭމްޕެއް ހިންގާފައެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ޗައިނާއިން ވަނީ ރާއްޖެއާއެކު، ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުމުގައިވެސް މިއަދު ސޮއި ކޮށްފައެވެ. މީގެ އިތުރުން 5 ރަށެއްގައި މައިކްރޯގްރިޑް ސީވޯޓަ ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކުރުމުގެ އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއި ކޮށްފައެވެ.