ads
އަނގޮޓި
އާއިލީ މީހަކު އެޅުވި އަނގޮޓި އާއި ހެދި ސިހުރުން ދިރިއުޅުން ހަލާކުވި ޒުވާނެއްގެ ވާހަކަ!
މިއީ އުތުރު ރަށެއްގައި ދާދި ފަހުން ދިމާވި ހާދިސާއެކެވެ. އާއިލީ މީހަކު އޭނާގެ އަންހެން ދަރިއަކު އަތުގައި އަޅުވައިދިން ރަން އަގޮޓިއެއްގައި ސިހުރާއެކު ފޮރުވިފައިވާ ފަސް ޖިއްނި، އެ އަންހެން ކުއަޖާއަށް ކުރިމަތި ކުރުވި އުނދަގޫ ތަކެކެވެ.

އަނާ ގެ އުމުރުން 24 އަހަރު ފުރުނު އިރު އޭނާ ވަނީ ދެ ވަނަ ކައިވެއްޏެއް ކޮށްފައެވެ. ފުރަތަމަ ކައިވެނި އުމުރުން 18 އަހަރުގައި ކުރެވުނީ އަނާ ބުނާ ގޮތުން ސިހުރު ލޯތްބެއްގެ ތެރެއިންނެވެ. އެކަން އެގޮތަށް ވެގެން ދިޔަކަން ފުރަތަމަ ނޭނގުނަސް ކައިވެނީގެ ގުޅުމުގެ ތެރެއިން އެކަން ފާހަގަ ވާން ފެށިއެވެ. ގިނަ މައްސަލަ ތަކެއް ޖެހި ދަރިއަކު ވެސް ލިބުނު ފަހުން ފިރިމީހާ ފިލައިގެން ދިޔައީކަމަށް އަނާ ބުންޏެވެ.

ނަމަވެސް އެގޮތުގައި މާގިނަ ދުވަހު އަނާ މަޑު ކުރާކަށް ބޭނުމެއް ނުވިއެވެ. ދެވަނަ ކާވެއްޏަކަށް އަނާ އެދިގެން ހުއްޓާ ހިތް އެދޭ ފަދަ ބައިވެރިއަކު އަނާ އަށް ލިބުނެވެ. ލޯބިވެ ގިނަ ދުވަހު އުޅުމަށް ފަހު ކައިވެނި ކުރެވުނެވެ. މިއީ އަނާގެ ދެވަނަ ކާވެއްޏަށް ވި ނަމަވެސް ކައިވެއްޏަށް އާއިލާގެ ރުހުމެއް ނުލިބުނެވެ. 

އާއިލާގެ ރުހުން ނުލިބުނު ކަމުގައި ވިޔަސް ގޭގެ ވަކިން ހަދާފައި ހުންނަ ބައެއްގައި އަނާ ދިރިއުޅެމުން އައީ ފިރިމީހާ އެކު އުފާވެރި ދިރިއުޅުމެއް އުޅުމަށެވެ. ދުވަސްތައް ފާއިތުވެ އަނާގެ ދެމެފިރިންނަށް ދަރިއަކު ލިބިއްޖެއެވެ. ދަރިފުޅުގެ ކަންކަމާއި އެހެނިހެން ކަންކަންމުަގައި ފިރިމީހާގެ ލޯބި ލިބުނު ކަމުގައި ވިޔަސް ދިރިއުޅުމުގެ ބައެއް ކަންތަކަށް ފިރިމީހާ ފޫހިވެ ދުރުވާން ފެށިއެވެ.

އޭރު ވެސް ގޭތެރޭގެ ހަމަނުޖެހުން ދިޔައީ އިންތިހާއަށް ބޮޑު ވަމުންނެވެ. އާއިލާގެ ނުރުހުމާއި ގޭތެރެއިން އިވެމުންދާ ވިހަ ބަސްތަކުން ކަންތައްތަށް އޮތީ ބޮޑު ހައިޖާނު ގަނޑެއްގެ ތެރޭގައެވެ. ނަަމަވެސް ކައިވެނި ރޫޅާލާ ތިން ވަނަ ކައިވެއްޏެއް ކުރުމުގެ ވިސްނުމެއް ނުގެންގުޅުނީ ކުރެވުނު ދެ ކައިވެނިން ތިން ދަރިން ލިބިފައި ވާތީ އެވެ. 

ނަމަވެސް ދިރިއުޅުމުގެ މިހާލަތު އާއިލާ އަށް ނޭނގޭތީ އަނާ ކަރުނަ އަޅާ ރޯ އެތައް ރެ އެއް ދިޔަ ކަމަށާއި، ހާލަތު ބަދަލުވެގެން ދިޔަގޮތް އަނާ އޭނާގެ ރައްޓެހިންނާއި ހިއްސާކޮށްފައި ވިއެވެ. ނަމަވެސް ދުވަހެއް ދުވަކަށް ހާލަތު ގޯސްވެ ގޭގެ މައްސަލަ ބޮޑުވެ ވަރިވާން ވެސް ބައެއް ފަހަރު ހިތަށް އަރާ ރޭ ރޭ ވެސް ދާކަމަށް އަނާ ވަނީ ބުނެފައެވެ. 

މިގޮތުގައި ދުވަސްތަށް ފާއިތުވެ ގޭތެރޭގެ ހާލަތު އެއްކޮށް އަމާންވެގެން ދިއެވެ. ނަމަވެސް މީދުވަސްކޮޅެއްގެ ހަމަޖެހުމެއް ކަމަކަށް އަނާ ހިތަކަށް ވެސް ނާރަ އެވެ. އެދުވަސް ކޮޅުު އަނާގެ ދައްތަ 15 ވަރަކަށް ދުވަހަށް އެހެން ރަކަށް ދިޔަ އެވެ. ދަތުރު ނިންމާލާފައި ދައްތަ ހުރިހާ ކުދިންނަށް ހަދިޔާ ގެނައެވެ. އަނާ އަށް ގެނައީ އެންމެ އަގުބޮޑު ހަދިޔާ އެވެ. އެކަމާ އަނާ ހުރީ އުފަލުންނެވެ.

ހަދިޔާ ދީފައި ވެސް އަނާ ދެކެ ލޯބިވާ ކަމަށް އެ ދައްތަ ބުންޏެވެ. އެއީ ރަން އަގޮޓި އެކެވެ. ދައްތަގެ އެ ހަދިޔާ އިނގިލީގައި އަޅައިގެން އެ ރޭ ނިދީ ވަރަށް އުފަލުންނެވެ.

ނިދާފައި އޮތް ވަގުތު ބިރުވެރި ހުވަފެންތަކެއް ފެންނަމުން ދިޔަ އެވެ. ނަމަވެސް ޝަހާދަތް ނުކިޔާ ނިދުނީމަ ފެނުނު ހުވަފެނެއް ކަމަށް ވެސް  އަނާ ހިތަށް އެރި އެވެ. ނަމަވެސް އެރޭގެ ފަހުން ކޮންމެ ރެއަކު އެ އުނދަގޫ ކުރިމަތިވަމުން ދިޔަ އެވެ. ހުވަފެނުގައި ހަރުފަ ފެނުމާއި ސިއްސައގެން ހޭލެވުމާއި، ބިރުވެރި އުނދަގޫ ތަކެއް ކުރިމަތި ވިއެވެ.

ނަމަވެސް އެއީ މާބޮޑަށް ކަންކަމާއި ވިސްނާތީ ދިމާގޮތެއް ކަމަށް އަނާ އަށް ހީކުރެވުނެވެ. އެގޮތުން ހިޖާމާ ޖެހުމާއި އެކި ޑޮކްޓަރުންނަށް އެކި ފަހަރުމަތިން ދެއްކުނެވެ. ނަމަވެސް ހައްލެއް ނުލިބުނެވެ. އަނާ އަށް ވިސްނުނީ ރުގްޔާގެ ފަރުވާ ހޯދުމަށެވެ. އޭރު އަނާގެ ދިރިއުޅުން އެއްކޮށް ވިއްސި ވިހާލިވެ، ކައިވެނި ރޫޅިއްޖެއެވެ. 

ދުވަސްތަށް ފާއިތުވެ ރުގްޔާގެ ފަރުވާ އަނާ ހޯދަމުން ދިޔަ އެވެ. ބެލި ބެލުމަށް ފަހު ރުގްޔާގެ މާހިރެއް ކަމަށްވާ އަކްރަމް ބުންޏެވެ. 

އަނާ އަށް ޖިއްނި ތަކެއް އުނދަގޫ ކުރާ ކަމަށެވެ. އަދި އަތުގައި އޮތް އަގޮޓި އާއި ގޭގެ ފެންވަރާ ވަޅަށް ސިހުރު ހަދާފައި ހުރި ކަމަށްް ވެސް އަކްރަމް ބުންޏެވެ. އަނާގެ ހަށިގަނޑުގެ ތެރޭގައި ފަސް ޖިއްނި އުނދަގޫ ކުރަމުން ދާ ކަމަށް ވެސް އަކްރަމް ބުންޏެވެ. ފުރަތަމަ ކައިވެނީގައި ވެސް ސިހުރު ހަދާފައި ހުރިކަމަށާއި، ދެވަނަ ކާއިވެއްޏަށް ވެސް ސިހުރު ހަދާފައި ހުރީ ހަމަ އެކަކު ކަމަށް އަކްރަމް ބުންޏެވެ. 

އަނާއަށް ސިހުރު ހަދާފައިވަނީ ކާކުތޯ ތަކުރާރުކޮށް އަނާ ހަދަމުންދިއުމާއެކު އެންމެ ފަހުން އަކްރަމްއަށް ޖެހުނީ ސިހުރު ހެދި މީހާ ބުނެ ދޭށެވެ. އެކަމެއް ކޮށްފައިވަނީ އަނާގެ ވަރަށް ގާތް މީހެއްކަމަށާއި އެ މީހަކީ އަނާ އާ ވަކިނުވެވޭނެ މީހެއްކަމަށް ބުންޏެ އެވެ. އެ ވަރުން ވެސް އަނާއަށް އެ މީހަކު ނޭނގުމުން އެންމެ ފަހުން އެއީ ކާކުކަން ވަރަށް ސާފުކޮށް ބުންޏެ އެވެ.

އަކްރަމް ބުނީ އެ މީހަކީ އަނާގެ އެނަމެ އިތުބާރު ހިފޭ ދައްތަ ކަމަށާއި ނަމަވެސް ދައްތަ އަށް ދެރަގޮތެއްވާން ދުވަހަކު ވެސް އަނާ އެދިގެން ނުވާނެކަމަށެވެ. އަކްރަމްގެ އެ ވާހަކަ އާއެކު އަނާ ގިއްސަގިއްސާލާ ރޯން ފެށި އެވެ. ހުއްޓާނުލާ އެތައް އިރަކު އަނާ ރޮމުންދިޔަ އެވެ. އެންމެ ފަހުން އަކްރަމް އަށް ޖެހުނީ އަނާ އަށް ވިސްނައިދޭށެވެ. ގަބޫލުކުރަން ކިތަންމެ ދަތިވިޔަސް އެންމެ ފަހުން އަކްރަމްގެ ވާހަކަ ގަބޫލުކުރި އެވެ.

އަކްރަމް ވަރަށް ރަނގަޅަށް ރުގްޔާގެ ތެރެއިން އަނާ އަށް ދެވެން ހުރި ފަރުވާތައް އަނާ އަށް ދިނެއެވެ. 

އޭގެ ފަހުން ސިހުރުގެ އުނދަގޫ އަނާއަށް ކުރިމަތި ނުވާނެ ކަމަށް ބުންޏެވެ. ނަމަވެސް އޭގެ ފަހުން އަނާ އަކީ ބޮޑެތި ވޭންތަކާއި އެކި އެކި އުނދަގޫ ތަހައްމަލް ކުރަން ޖެހި ރަށުން ފަރުވާ ނުލިބޭތީ މިއަދު މާލޭގައި ދިރިއުޅުމަށް މަޖްބޫރު ވެފައިވާ އަންހެނެކެވެ. އެހުރިހާ ގިލަންވެރިކަމެއް ޖެހުނީ ރަހުމު ކުޑަ ދައްތަގެ އެ އަމަލުންނެވެ.

20%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް