
"ރަސްއޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ މާލޭގައި ފެން ރައްކާކުރާނެ ނިޒާމެއް ގާއިމް ކުރުމަކީ އެ ކުންފުނިން ކުރަން ނިއްމައި ޕްލޭން ކޮށްފައިވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ޝާހު ވިދާޅުވީ ސަރުކާރުން މިހާރު ކުރީގެ އެސްޓީއޯ ރެޑީމިކްސް ހިންގި ބިން، މާލޭގައި ފެން ރައްކާކުރާނެ ނިޒާމެއް ގާއިމް ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށާއި، އަދި މިހާރު އެ ބިމުގައި ފެން ރައްކާކުރާނެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން ފެން ރައްކާކުރާ ނިޒާމް ގާއިމް ކުރުމަށް މާލެ ގެންނަ ތާނގީ ތަކަށް އެޑްވާންސް ޕޭމަންޓް ވެސް މިހާރު ދައްކާފައިވާ ކަމަށާއި، ފެން ރައްކާކުރާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ލަސްވާ މައިގަނޑު ސަބަބަކީ މިހާރު ހަދާފައިވާ ޑިޒައިނަށް ބަދަލުތަކެއް ގެންނަންޖެހުން ކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ.
އަދި މީގެ އިތުރުން ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އިތުރު ބައެއް ސަރަހައްދުތަކުން ފެން އުފެއްދޭނެ ނިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާލޭގެ ހަވީރީ ހިނގުމުގައި ބަހައްޓާފައި ހުރި އެކުންފުނީގެ ފެން ޕްލާންޓަކުންނާއި ކަލާފާނު ސަރަހައްދުގައި ހުންނަ ފެން ޕްލާންޓުގެ އިތުރުން ހުޅުމާލޭގައި ހުންނަ ޕްލާންޓުން ފެން އުފައްދާނެ ކަމަށް ޝާހު ވިދާޅުވިއެވެ.