ads
ލޮނުޕެކެޓް؛ ބޭރަށް ހިންގަންޏާ ބޭނުންކުރަން ވަރަށް ރަނގަޅު
ބޭރަށް ހިންގުމުގެ ފަރުވާއަށް އެންމެ ރަނގަޅީ ލޮނު ޕެކެޓް
ކޮވިޑް-19 އެކޭ އެއްގޮތަށް ރާއްޖޭގައި މިވަގުތު ބޭރަށް ހިންގުމުގެ ބަލި ޖެހޭ މިންވަރު ދަނީ އިތުރު ވަމުންނެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ 2019 އިން ފެށިގެން 2022 އާއި ހަމަޔަށް ބޭރަށް ހިންގުމުގެ ބަލި ރާއްޖޭގައި އޮތް މިންވަރު ދައްކުވައިދޭ ތަފާސް ހިސާބުތަކެއް ހިއްސާ ކުރައްވާފައެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ދެއަހަރުތެރޭ ބޭރަށް ހިންގުން ރިޕޯޓު ނުކުރާ މިންވަރަށް މިއަހަރުގެ ހަފްތާއެއް ތެރޭ ވަނީ ރިޕޯޓު ކޮށްފައެވެ.  

މިބަލި އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފެތުރިގެން ދިޔަ ސަބަބާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޑރ، ފައިސަލް ވިދާޅުވީ، ބައެއް ކަހަލަ ބޭރަށް ހިންގުމުގެ ޖަރާސީމު ތަކަކީ އޭގެ އިންކިއުބޭޝަން ޕީރިއަޑު( އަލާމާތްތައް ފެންނަން ފަށާ މުއްދަތު) ވަރަށް ކުރު ޖަރާސީމު ތަކެއް ކަމަށެވެ.

މިހާރު ރާއްޖޭގައި ހަލުވި ކަމާއެކު ފަތުރެމުންދާ ބޭރަށް ހިންގުމުގެ ބަލި ޝައްކު ކުރެވެނީ ނޯރޯ ވައިރެސްއެއްގެ ގޮތުގައި ކަމަށާއި، ނޯރޯ ވައިރެސްގެ ސަބަބުން ޖެހޭ ބޭރަށް ހިންގުމުގެ ބަލީގެ އަލާމާތްތައް ފެންނަން ފަށާ މުއްދަތު ވަރަށްވެސް ކުރުވާނެ ކަމަށެވެ. 

އެގޮތުން ބަލީގެ އަލާމަތްތައް 12 ގަޑިއިރުގެ ތެރޭގައި ފެންނަން ފަށާނެ ކަމަށާއި، އެ ބަލީގެ އަލާމާތްތައް ހަށިގަނޑުގައި ދެމިހުންނާނީވެސް ވަރަށް ކުރު މުއްދަތަކަށް ކަމަށެވެ. 

"ގާތްގަނޑަކަށް 24 ގަޑިއިރާއި 60 ގަޑިއިރާއި ދެމެދު އާއްމުކޮށް މި ބަލި ޖެހިފައިވާ މީހާ އެއްކޮށް ރަނގަޅުވޭ. އެހެންވީމަ ބައްޔަކީ ވަރަށް ކުރު މުއްދަތަކަށް ޖެހޭ ނަމަވެސް ވަރަށް ބާރަށް ފެތުރޭ ބައްޔެއް." ޑރ، ފައިސަލް ވިދާޅުވިއެވެ.

ބަލީގެ އަލާމަތްތަކީ 

  • ހޮޑުލުން
  • ބޭރަށް ހިންގުން

ޑރ. ފައިސަލް ވިދާޅުވީ، ބަލިޖެހޭ މުއްދަތު ކުޑަނަމަވެސް ބަލިޖެހޭ ދުވަސްތެރޭ މީހާއަށް އަސަރުކުރާ މިންވަރު ވަރަށް ބޮޑު ކަމަށެެވެ. އެގޮތުން ހަށިގަނޑުން ވަރަށް ބޮޑަށް ވަރުދެރަވެ މުޅި ގައިގާ ރިއްސާ ހޮޑުލެވޭތީ އުޅެެންޖެހޭ ކަމަށެވެ. 

މިފަދަ ބަލިތަކަކީ އެކަމަށް ހާއްސަ ފަރުވާއެއް ހުންނަ ބަލިތަކެއް ނޫންކަން ފާހަގަ ކުރައްވަމުން ޑރ. ފައިސަލް ވިދާޅުވީ ބޭރަށް ހިންގުމަށް އޮންނަނީ މައިގަނޑު އެއް ފަރުވާ ކަމަށެެވެ. އެއީ ލޮނު ޕެކެޓު ބޭނުންކުރުންކަމަށެވެ.

"އެހެންވީމަ ބޭރަށް ހިންގުން ޖެހިއްޖެޔާ ވީހާވެސް އަވަހަކަށް ވަރަށް މުހިންމު ކަމެއް އެއީ ލޮނުޕެކެޓު ބޯން ފެށުން. އެއީ އާރުއޯއެސް( ލޮނު ޕެކެޓެއް) އެއް ލީޓަރު ފެނަށް ގިރުވައިގެން ދުވާލެއްގެ މައްޗަށް އެއްފުޅިވަރު ހުސްކޮށްލުން ވަރަށް މުހިންމު" ޑރ، ފައިސަލް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ، ފެތުރެމުންދާ ބޭރަށް ހިންގުމުގެ ބައްޔަކީ ގިނަ މީހުންނަށް އެހާ ބޮޑުވަރުނުވެ ކުރު މުއްދަތެއްގެ ތެރޭ ރަނގަޅުވާ ބައްޔެއް ނަމަވެސް މި ބަލީގައިވެސް ފަސް އަހަރު ނުވާ ކުޑަކުދިންނަށާއި، ދުވަސްވީ މީހުންނާއި ތަފާތު އެކި ބަލިތައް ތަހައްމަލުކުރާ މީހުންގެ އިތުރުން ދިފާއީ ނިޒާމް ބަލިކަށި މީހުން އަދި މާބަނޑު މީހުންނަށް ބޮޑުވަރުވެދާނެ ކަމަށެވެ. 

އެހެންކަމުން އެފަރާތްތަކުން ވީހާވެސް އަވަހަކަށް ލޮނު ޕެކެޓުން ފަރުވާ ހޯދުމަށް ޑރ. ފައިސަލް އިލްތިމާސް ކުރެއްވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް