
މި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުއިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ގައުމީ ފެންވަރެއްގައި ވަޒަން ކުރުމުގެ މަގްސަދުގައި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ކޮންމެ އަހަރަކު ދޭ އެވޯޑެކެވެ.
އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 10 ފެބުރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުސަތު އަދި އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ކުލަބް ޖަމުއިއްޔާ ޖަމާއަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި އެވޯޑަށް އެދި ނަން ހުށަހަޅާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތަފުސީލު ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ހިމަނާފައިވާކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމަތުދެއެވެ.
މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ އުސޫލާއި އެޕްލިކޭޝަން ފޯމު، ޖެންޑަ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.
އަދި މިނިސްޓްރީންނާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑަރަންސް ސާވިސް ސެންޓަރތަކުންވެސް ލިބެން ހުންނާނެއެވެ.
އެޕްލިކޭޝަން ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، މިނިސްޓްރީގެ އީމެއިލް އިންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 9:00އިން މެންދުރުފަހު 14:00އަށް، މިނިސްޓްރީގެ (މ. ސީޓްރެކްސް ބިލްޑިން7 ވަނަ ފަންގިފިލާ، ގުރާބުތުނޑި ހިނގުން)ގެ ކައުންޓަރުންނެވެ.