ads
މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހްމަދު ޒަމީރު
ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމަކީ އަރަބިއްޔާ ބަދަލުކުރާވަރުގެ ތަނެއްނޫން: ޒަމީރު
ބާޖަމާލުއްދީން ބިމުގައި ޕާކެއް އަަޅަން ހުށަހެޅުއްވީ ސަރުކާރުން އަރަބިއްޔާ ސްކޫލު ބަދަލުކުރަން ނިންމާފައިވާ ބާޖަމާލުއްދީން ބިމަކީ ސްކޫލެއް ބަދަލުކުރާވަރުގެ ތަނެއް ނޫންކަމަށްވުމުންނާއި، މައްޗަންގޯޅި ރައްޔިތުންވެސް ބޭނުންވަނީ އެތަނުގައި ޕާކެއް އޮތުމަށް ކަމަށް ވާތީ ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލްގެ އެމްޑީޕީ މެމްބަރު އަހުމަދު ޒަމީރު ވިދާޅު ވެއްޖެއެވެ.
Advertisement

މިއަދު ކުރިއަށް ދިޔަ މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 35 ވަނަ ރަސްމީ އާއްމު ޖަލްސާގައި މެމްބަރު ޒަމީރު ވަނީ ބާޖަމާލުއްދީން ބިމުގައި އަޅަން ބޭނުންވަނީ ޕާކެއް ކަމަށާއި އެތަނުގައި ބޭސްމަންޓެއްލާފަ އަޑިއަށް ޕާކު ކުރެވޭ ގޮތަށް މަތީގަ ޕާކެއް އިންނަ ގޮތަށް އެތަން ތަރައްގީކުރުމަކީ ސިޓީ ކައުންސިލުގެ ވެސް ވިސްނުން ކަމަށް ވިދާޅުވެ، އެގޮތަށް ކައުންސިލަށް ހުށަހަޅާފައެވެ. 

އެކަމަށް މާލެ ސިޓީ ކައުންސިލްގެ އެމްޑީޕީ މެމްބަރު މުހައްމަދު ސައިފް ފާތިހު އާއި ގަލޮޅު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މަރިޔަމް ނާޒިމާ ތާއީދު ކުރެއްވިނަމަވެސް ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި ނިންމީ މައްޗަންގޯޅި ރައްޔިތުންނާއި އަދި އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާއިވެސް މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމަށެވެ. އެހެންކަމުން އެކަމުގައި އަދި ކައުންސިލުން ގޮތެއް ނުނިންމައެވެ. 

އަރަބިއްޔާ ސްކޫލު ބާޖަމާލުއްދީން ސްކޫލަށް ބަދަލުނުކޮށް އެތަނުގައި ޕާކެއް އެޅުމަށް ހުށަހެޅުއްވި ސަބަބާއި ބެހޭގޮތުން "ސީއެންއެމް"އާއި ވާހަކަދައްކަވަމުން މެމްބަރު ޒަމީރު ވިދާޅުވީ، އެ ހުށަހެޅުއްވުމަކީ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާއެކު މީގެ ކުރިން ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި އެރައްޔިތުން އެދިފައިވާ ގޮތް ކަމަށެވެ.

"މައްޗަން ގޯޅި ރައްޔިތުން ނޭވާލާނެ ހުސް ބިންކޮޅެއް ނެތިގެން އެކަމުގެ ޝަކުވާ އަޅުގަނޑުމެން ކައިރީ ކުރޭ. އެ ރައްޔިތުން އެދޭ ކަމެއް އެއީ އެ ބިމުގައި ހިތްހަމަޖައްސާލުމަށް ތިބެވޭނެ ފަދަ ޕާކެއް ހެދުމަކީ. މި ސަރުކާރުގެ ވެސް އެންމެ މުހިންމު އެއް ޝިއާރެއްގެ ގޮތުގައި މި ގެންގުޅެނީ ލާމަރުކަޒުކުރުން ނޫންތޯ. ލާމަރުކަޒު ކުރަންޏާ ވެސް އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި މިއޮންނަނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން އެރައްޔިތުން ބޭނުން ކަންކަން ކޮށްދިނުން. އެހެންވީމާ އަޅުގަނޑު އިއްވީ ރައްޔިތުންގެ ބަސް" ޒަމީރު ވިދާޅުވިއެވެ.

އެގޮތަށް ހުށަހެޅުއްވި ދެވަނަ ސަބަބެއްގެ ގޮތުގައި ޒަމީރު ފާހަގަކުރެއްވީ، ބާޖަމާލުއްދީން ސްކޫލް ހުރި ސަރަހައްދަކީ ޓްރެފިކް ބޮޑު، ސްކޫލެއް ހުރުމަށް އެކަށީގެންވާ ތަނަކަށް ވުރެ ސްކޫލުގައި ކިޔަވާ ދަރިވަރުންނާއި ބެލެވެރިންނަށް ތަކްލީފުދޭ ތަނަކަށްވުމެވެ. 

ޒަމީރު އެގޮތަށް ފާހަގަކުރެއްވީ ބާޖަމާލުއްދީން ސްކޫލުގައި ދަރިވަރުން ކިޔަވަމުންދިޔައިރުވެސް އެތަނުގެ ޓްރެފިކްގެ ސަބަބުން ސްކޫލުތައް ނިމޭ ވަގުތު ބާރުބޮޑުވާ ބޮޑުވުމަށް އިޝާރާތްކޮށެވެ. ޒަމީރު ވިދާޅުވީ، އެކަން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ތަހަންމަލުކޮށްފައި ކަމަށާއި އެގޮތުން ބަލާއިރުވެސް އެއީ ސްކޫލެއް ހުރުން އެންމެ އެކަށީގެންވާ ތަނެއް ނޫންކަމަށް ދެކޭ ކަމަށެވެ. 

އަދި ކުރިއަށް އޮތްތާގައި ބަސް ދަތުރުތައް ސްކޫލަށް ފެށުމުން އެ ސަރަހައްދުގައި އަރަބިއްޔާ ސްކޫލު ހުރެއްޖެނަމަ އެ ސްކޫލު ދަރިވަރުން ބަސް ދަތުރުގެ ފަސޭހަ ކަމުންވެސް މަހްރޫމް ވާނެ ކަމަށާއި ސްކޫލެއް އިމާރާތް ކުރަންވާނީ ހުޅުވާލެވިފައިވާ އެފަދަ މާހައުލަކަށް އެކަށީގެންވާ ބިމެއްގައި ކަަމަށެވެ. އެކަމަށްޓަކައި މާލޭގައި ބޮޑެތި ރަނގަޅު ބިންތައް އެބަހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އަރަބިއްޔާ ސުކޫލަކީ 2011 ވަނަ އަހަރުގެ ތެރޭގައި އިމާރާތްކޮށް 2013 ގައި ހުޅުވި ސުކޫލެކެވެ. މިހާރު އެއިމާރާތް ހުރީ ބޮޑު ބައެއްގައި ރެނދުލައި ދަރިވަރުންނަށް އެކަށީގެންވާ ތަނެއްގެ ގޮތުގައެއް ނޫނެވެ. 

އެކަމާއި އެސްކޫލްގެ ބެލެނިވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވަނިކޮށް މިހާރު ހުރި އަރަބިއްޔާ ސްކޫލް އިމާރާތުގެ ބަދަލުގައި އާ އިމާރާތެއް އަޅަން ބާ ޖަމާލުއްދީން ބިން ދިނުމަށް، މިދިޔަ މަހުގެ ފަހުކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވިއެވެ.

މިހާރު ވަގުތީގޮތުން އަރަބިއްޔާ ކުދިން ކިޔެވުމަށް ތައްޔާރު ކުރަމުން ދަނީ ފޮރިން މިނިސްޓްރީ ހިންގި ސޯމިލް އިމާރާތެވެ. އެދަރިވަރުންގެ ކިޔެވުން އާދިއްތަ ދުވަހު ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް