ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތުގެ އެއްބަސްވުމުގައިވާގޮތުން އެ މަސައްކަތް ދެ އަހަރަކު ތެރޭގައި ނިންމަން ޖެހޭނެ އެވެ. އަދި އެ މަޝްރޫއުގެ ދަށުން 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިން ހިއްކުމާއި، 1250 މީޓަރުގެ ބޮޑުހިލައިގެ ތޮށި، 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރުމަށް ކުރާނެ އެވެ.
އެ އެއްބަސްވުމުގެ ދަށުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލުމާއި އެ މަސައްކަތަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ވެސް ތައްޔާރުކުރާނެއެވެ.
ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ހަވާލު ކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަންވަރު އަލީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
ކޮމަންޑޫގެ ބިން މީގެ ކުރިންވެސް ހިއްކާފައި ވާއިރު، އެކިފަހަރު މަތިން ރާޅު އަރައި، ހިއްކާފައިވާ ބިން ރައްޔިތުންނަށް ބޭނުންކުރެވިފައެއް ނުވާކަމަށް ވެ އެވެ.
ދެ ކޮމަންޑޫ ގުޅުވާލުމުގެ ވާހަކަ ސަރުކާރުން އެންމެ ފަހުން ދެއްކީ މިދިޔަ ހަފުތާ ގަ އެވެ. އެ މަސައްކަތުގެ ވާހަކަ ދެއްކެވީ މިހާރު ކެމްޕެއިން ކުރަމުންދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓް ރާޝިދުގެ ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ޖަލްސާގަ އެވެ.
ދެކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް މިއަދު ހަވާލު ކުރި އިރު އިލެކްޝަންސް ކޮމިޝަނުން މިއަދުވަނީ ބަޖެޓް ނުކުރާ މަސައްކަތްތައް ނުފެށުމަށް ގޮވާލާފަ އެވެ.