
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ދަތުރުގައި ކޮމަންޑޫއަށް ވަޑައިގެން އެރަށުގައި އިއްޔެ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ އަރިހުގައި ޕީޕީއެމްގެ ކެންޑިޑޭޓް ފަތުހީއަށް ވޯޓުދޭން ނޭދޭނެ ކަމަށާއި ނަމަވެސް ގައުމު ހަމަ މަގަށް އެޅުވުމަށް ޕީޕީއެމްއަށް ފުރުސަތެއް ދެއްވުމަށް އެދޭ ކަމަށެވެ.
ޕީޕީއެމްގެ ކެންޑިޑޭޓު ފަތުހީގެ އިތުރު ތައާރަފަކަށް ބޭނުން ނުވާނެކަމަށާއި، އެބޭފުޅާއަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އެންމެ އެކަށީގެންވާ ބޭފުޅާކަން ފާހަގަކުރައްވާ ފަތުހީގެ މާބޮޑު ތަފްސީލަކަށް ދިއުމެއްނެތި ރައީސް ޔާމީން ފެށީ ދުނިޔެވީ ބައެއް ވާހަކަތައް ދަންނަވާލަން ބޭނުން ކަމަށް ވިދާޅުވެ އެވާހަކައެވެ.
އެމަގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ޔާމީން ވިދާޅުވީ، ބޮޑުތަކުރުފާނުގެ ޖިހާދަށްފަހު އިސްތިއުމާރީ ބާރަކުން ދިވެހިރާއްޖެ ސަލާމަތް ކުރުމުގެ އެންމެ ވަރުގަދަ ހާލަތާއި ދަނޑިވަޅު ކަނޑަތުކުރަމުންދަނީ މިއަދު ކަމަށެވެ. އެކަމުގެ ހިތްދަތި ކަމުގައި ނަމަވެސް ގައުމީ އަޒުމުގައި އިދިކޮޅުން ކުރަމުންދާ މަސައްކަތަކީ މާތްﷲގެ ވާގިފުޅާއިއެކު ގައުމު ދިވެހިންގެ އަތްމަތީގައި އޮތުމަށް ކުރާ މަސައްކަތް ކަމަށާއި، އެއީ އިސްލާމްދީން ފިޔަަޖަހާ ދީނެއްގެ ގޮތުގައި ރާއްޖޭގައި ދެމެހެެއްޓުމަށް ކުރަމުންދާ މަސައްކަތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި 2023ވަނަ އަހަރު އޮންނާނީ ރިޔާސީ އިންތިހާބެއްކަން ޔަގީންކުރެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެން ރައީސް ޔާމީން ވިދާޅުވީ އެގޮތަށް ޔަގީންކުރައްވާއިރުވެސް މާތްﷲގެ ބަސްފުޅަކީ "ކަމެއް ކުރައްވާއިރު، އެކަމަށް ހާލިސް ނިއަތެއް އޮވެގެން އެކަމެއް ކުރެއްވުން" ކަމަށެވެ.
ވޯޓަކީ ގައުމުގެ އިސްތިގުލާލާ ގައުމުގެ ކަރާމާތް ދެމެހެއްޓުމަށްޓަކައި އަމާނާތްތެރިކަމާއިއެކު އަންނަން އޮތް ޖީލުތަކަަށް ހަދިޔާ ކުރާ ވޯޓެއް ކަމަށާއި، އެ ވޯޓު ދެއްވަންވާނީ އިހްލާސްތެރިކަމާއިއެކު އެ ފުރުސަތު ހައްގުވާ ބަޔަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް ފަތުހީއަށް ވޯޓު ދެއްވުމަށް ވިދާޅުނުވާނަން ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ ގައުމު މިއޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށް ދިވެހިންގެ ގައުމު ދިވެހިންނަށް ހޯދައިދިނުމަށް ޕީޕީއެމްއަށް ފުރުސަތެއް ދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި އެފުރުސަތު ދެއްވޭނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އޮންނަ ބައި އިލެކްޝަނުގައި އެ ޕާޓީގެ ކެނޑިޑޭޓަށް އެ ފުރުސަތު ދެއްވުމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި އެކަން ހާސިލުކުރުމަށް މިހާރާއި އިންތިހާބާއި ދޭތެރޭ މިއޮތް މުއްދަތުގައި އަޅާ ފުރަތަމަ ފިޔަވަޅަކީ ފަތުހީ ކޮމަންޑޫ ދާއިރާއަށް އިންތިހާބުކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް އެމަސައްކަތައް އެކިގޮތްގޮތުން ހުރަސް އަޅަން ބަޔަކު މަސައްކަތްކުރައްވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެހެންކަމުން ގައުމު ދިފާއު ކުރުމުގެ މަސައްކަތް ކާމިޔާބު ވާނީ ހާލިސް ނިއަތާއިއެކު އެކަން ކުރަން ކެރިއްޖަނަމަ ކަމަށެވެ.