އުމުރުން 50 އަހަރުގެ ރަޝީދު އަކީ ބިރުކުޑަ ޖެހިލުމެއް ނެތް ކަނޑު ރޯދިން އޭނާގެ މުޅި ދިރިއުޅުން ބައްޓަންކޮށް ނަމޫނާ ދައްކަމުންދާ ކެޔޮޅެކެވެ. އުމުރުން އެންމެ 13 އަހަރުން ފެށިގެން އާމްދަނީ ހޯދަން ފެށި މަސައްކަތަކީ މަސްވެރިކަމެވެ. ރަޝީދު އާއި އޭނާގެ އޭނާގެ ޓީމުން ވަނީ މަސްވެރިކަން ކޮށްގެން ކުރިއަށް ދެވެން ހުރި ހުރިހާ ހަރުފަތެއް ގިރާ ކޮށްފައެވެ.
ރަޝީދު "ސީއެންއެމް" އަށް ބުނީ، އޭރު ކިޔެވެން ފުރުސަތު ހުރި ވަރަށް ކިޔެވުމަށް ފަހު މަސްވެރި ކަމަށް ނުކުތީ ބައްޕަ އަބްދުﷲ އަކީ ވެސް އޭރު ކެޔޮޅުކަމުގައި ހުވަދު އަތޮޅުގެ ގިނަ ދޯނި ދުއްވި ކައްޕިތާނަކަށް ވާތީ ކަމަށެވެ. ބައްޕަގެ މޭސްތިރި ކަމުގެ ދަށުން ތަމްރީން ވަމުން އައި ރަޝީދު މިއަދު ވަނީ މަސްވެރި ކަމުގެ އެންމެ އުހަށް ވާސިލް ވެފައެވެ. ރަޝީދު ބުނީ މަސްވެރި ކަމުގެ ހަޔާތުގައި އަދި ވެސް އިހުސާސް ވަނީ ފާއިތުވެގެން ދިޔައީ މަދު ދުވަސްކޮޅެއް ކަމަށެވެ.
ކައިވެންޏަށް ފަސް ދަރިން ލިބިފަވާ އިރު، އޭނާގެ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމެކެވެ. ހަފްތާ ދެ ހަފްތާވެ، އެއް މަސް ވަންދެން ދަރިންނާއި އަނބިމީހާ އާ ދުރުގައި ކަނޑު މަތީގައި ހުންނަ އިރު ވެސް ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގައި އަނބި މީހާއަށް އެހީތެރި ވަމުންދާ ކަމަށް އޭނާ ބުންޏެ އެވެ. އަނބިމީހާ އަށް ފުރިހަމަ އަށް އެއްބާރުލުން ދެވިފައިވާ ކަމީ މިއަދު ރަޝީދަށް ލިބޭ އެންމެ ބޮޑު އުފާ ކަމަށް އޭނާ ބުންޏެވެ.
ދިގުދެމިގެން ދިޔަ އޭނާގެ މަސްވެރިކަމުގެ ހަޔާތުގައި ތަފާތު މަރުހަލާތަކާއި ހާދިސާތަކާ އޭނާއަށް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން ކަނޑުމަތީގައި އޭނާއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ބިރުވެރި ހާދިސާއަކީ މާ ކަނޑުގެ މެދަށް ދޯނި ފަޅައިގެން ދިޔަ ހާދިސާ އެވެ.
35 ފަޅުވެރިންނާއި އެކު މާކަނޑު މެދުގައި ރަށާ އެތައް މޭލެއް ބޭރުގައި ދޯނި އަޑިއަށްދާ މަންޒަރު ބަލަން ކެތްކުރީ، މިއީ އެއްމެ ފަހުވަގުތު ކަމަށް ހީކުރަމުން ކަމަށާއި، ނަމަވެސް ހުރިހާ ފަޅުވެރިންގެ ހައްގުގައި، ހިތްވަރު ބަލިނުކޮށް ތެދުވެ، ދިވެހި ސިފައިންގެ އެހީތެރިކަން ލިބެންދެން ފަޅުވެރި ކުދިންނަށް އެހީތެރި ވަމުން ކެތްތެރި ކަން އިސް ކުރަމުން ދިޔައީ ކަމަށް އޭނާ ބުންޏެވެ.
ނުރައްކާތެރި ނޫނަސް އަދިވެސް މިފަދަ އެތައް ހާދިސާއެއް ހިނގާފައިވާ ކަމަށް ބުނެ އޭނާ ބުނީ ލަންކާގެ ބޮޑު ބޯޓެއް ފެނުނު ދުވަސް އެއީވެސް ވަރަށް ބިރުގަތް ދުވަހެއް ކަމަށާއި، އެބޯޓްގައި ބަޔަކު ފެންނަން ނެތުމުން މީހުން މަރުވެފައި ތިބެދާނެ ކަމަށް ހީކޮށް ވަރަށް ބިރުގަތް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ބިރާ އެކުވެސް ދޯނީގެ ކަފުގައި އެބޯޓް ޖަހައިގެން ދަންވަރު ވަގުތެއްގައި ރަށަށް އައީ ކަމަށް އޭނާ ބުންޏެވެ.
ހިތްދަތި ކަމާއި އުފަލާއި ބިރުވެރި ކަމުގެ ތެރެއިން ރަޝީދު އެއްމެ އުފާވަނީ 16 މިލިއަން ރުފިއާ ހަރަދު ކޮށްގެން 100 ފޫޓްގެ ފައިބަރު ދޯއްޏެއް ބަދެ ނިމި، ރަށުގެ ފަޅަށް ބޭނުނު ދުވަސް ކަމަށް އޭނާ ބުންޏެވެ. ހަމަ އެއާ އެކު 2016 ވަނައަހަރު ގެމަނަފުށީގައި ބޭއްވުނު މަސްވެރިންގެ ދުވަހުގެ ހަފްލާގައި އޭނާއަށް ވަނީ އުމުރުން 46 އަހަރުގެ އެއްމެ ޒުވާން ކެޔޮޅުގެ އެވޯޑްވެސް ލިބިފައެވެ.
ހިތި އަދި އުފާވެރި ތަޖުރިބާތަކެއް ކުރެވިފައިވާ ރަޝީދު އަކީ ރާއްޖޭގެ މަސްވެރި ކަމުގެ ދާއިރާގެ އެންމެ އުހުގައި ފިޔަޖަމުން ދާ މަސްވެރިންނަށް ވެސް ނަމޫނާ ކެޔޮޅެކެވެ. ރަޝީދުގެ ހިތްވަރާއި ކެރުން އެއީ މިއަދު ކަނޑުހުޅުދޫގެ އިތުރުން ރާއްޖޭގެ ގިނަ މަސްވެރިން އެކަމަށް ތައުރީފުކޮށް އޭނާ އަށް މަރުހަބާ ކިޔާމުންދާ ކަމަކެވެ. އަދި އޭނާ ނަމޫނާ އަކަށް ވެސް ބަލަމުންދާ ކަމެކެވެ.
މި ހުރިހާކަމެއް އޭނާއަށް ހާސިލްވި ނަމަވެސް މިއަދުވެސް އޭނާ ކަންބޮޑުވާ އެއްކަމެއް އެބައޮތެވެ. އެހެން މަސްވެރީންނާ އެއްފަދައިންނެވެ. މަސް ނުކިރުމުގެ މައްސަލައެވެ. މަސްކިރުމަށްޓަކައި އެތައް ވަގުތެއް ހޭދަކުރަން ޖެހޭ ޖެހުމެވެ. މަސްވެރި ކަމުގައި އޭނާގެ ހަނދާނުން ނުފިލާ އެއްކަމެއް ކިޔައިދިނެވެ. އެއީ އޭނާ މަސްކިރުވަން އުޅުނުގޮތުގެ ވާހަކަ އެވެ.
"ދޯނި ފުރާ ބާރާކޮށްގެން ފެލިވަރަށް މަސްކިރުވަން ދަނީ ވަރަށް އުއްމީދާއެކު. ނަމަވެސް ބޭނި މަސްކޮޅު ނުކިރިގެން އުކާލަން ޖެހުނު ކިތަންމެ ދުވަހެއް ދިޔަ. އޭރުގެ އެ ހަނދާން ތައް މިއަދު ވެސް އިއްޔެ ހިނގި ކަމެއްގެ ގޮތުގައި ހިތުގައި ވަނީ ބިންވަޅު ނެގިފައި،" އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި މިހާރުވެސް ތަކުރާރު ވަނީ މީގެ 20 އަހަރު ކުރިން މަސްތައް ނުކިރިގެން އުކާލަން ޖެހުނު ދުވަސްތަކެވެ. ނަމަވެސް މަސްވެރިކަމުގެ ރޯދި ލިބެނީ ވަކި ދުވަސްވަރެއްގައި ކަމުން މަސް ބާނާ ދުވަސްވަރުގެ ފައިދާ ވީ އެންމެ ބޮޑަކަށް ނަގަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ އެންމެ ފަހުން ވެސް މަސްވެރިކަން ރަނގަޅުވި ދުވަސްވަރު ކޮންމެ ވެސްވަރަކަށް މަސް ނުކިރި އުކާލަން ޖެހި އެތައް ގަޑިއިރު ކިއުގައި ތިބެން ޖެހުނު ކަމަށާއި ނަމަވެސް މީގެ 20 އަހަރު ކުރިއާ ހިލާފަށް މިއަދު ހުރިހާ މަހެއް އުކާލަން ނުޖެހުނީ އައިސް ލިބުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.
ދޭހާ އަތްވަކާއި ވެހޭހާ ވާރެ އެއްގައި ލޯބޯ ފިއްސައިގެން ބާނާ މަސްކޮޅު އުކާލަންޖެހޭ ހިސާބަށް ދިއުމަކީ މަސްވެރި ކަމުގެ ހަޔާތުގެ 37 އަހަރުގެ ތެރޭގައި އޭނާއަށް ކުރެވޭ އެންމެ ހިތި އިހުސާސްވެ. އެ އިހުސާސް އޭނާއަށް ކިޔައިދޭން ވެސް އުނދަގުލެ އެވެ.
ވާނީ ވެސް އެހެންނެވެ. އޭނާގެ މުޅި އުމުރު ކަނޑުމަތީގައި ހޭދަ ކުރަނީ އަމިއްލަ ގެ އެއް ފަދައިންނެވެ. ރެ އާއި ދުވާލު ކުރާ މަސައްކަތުން ލިބޭ ރިޒުގު އަމިއްލަ އަތުން އުކާލަން ޖެހުމަކީ ހިތްދަތިކަން އިންތިހާއަށް ކުރެވޭނެ ކަމެވެ. އެހެންކަމުން މުޅި އުމުރު ކަނޑުމަތީގައި ހޭދަކުރި ރަޝީދުގެ އެދުމަކީ އެ ނޫން ދުވަހެއް މަސްވެރިން ނަށް ފެނިގެން ދިއުމެވެ.