ads
ށ. ފުނަދޫ
ފުނަދޫއަށް އަރާ ފޭބުން މަނާކޮށްފި
ށ. ފުނަދޫއިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭއިން މިއަދު ފުނަދޫ ކައުންސިލަށް ފޮނުވި އެންގުމުގައި ބުނެފައިވަނީ، މިވަގުތުން ފެށިގެން އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށާއި، އެހެން ކަމުން އެޗްޕީއޭގެ ހުއްދައެއް ނެތި ރަށަށް އަރާ ފޭބުން މަނާ ވާނެ ކަމަށެވެ. މީގެ އިތުރުން އެޗްޕީއޭއިން ބުނެފައިވަނީ، ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

މިކަމާއި ގުޅިގެން ށ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ޒުމްރަތު "ސީއެންއެމް" އަށް ވިދާޅުވީ، ފުނަދޫ ބަންދުކޮށްފައި ވަނީ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު އެރަށުން ފެނުނު ކޭހަށްފަހު، ރެޔާ ހަމައަށް 14 ފުލޫ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކަމަށެވެ.  

އަދި މިވަގުތު ކޮންޓެކް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާކަމަވެސް ޒުމްރަތު ވަނީ ވިދާޅުވެފައެވެ. ފުނަދޫ ހިމެނޭ ހެން މިވަގުތު ރާއްޖޭގެ 12 ރަށެއް މޮނީޓަރިންގެ ހާލަތުގައި ވާކަން ފާހަގަ ކޮށްލެވެއެވެ. 

މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތް ރައްތަށް:

  1. ކ. ތުލުސްދޫ
  2. ހދ. ނައިވާދޫ
  3. ދ. ހުޅުދެލި
  4. ކ. މާފުށި
  5. ހއ. އިހަވަންދޫ
  6. ހދ. ނެއްލައިދޫ
  7. ލ. ފޮނަދޫ
  8. ހދ. ނޮޅިވަރަމްފަރު
  9. ށ. ފުނަދޫ
  10. ބ. ދަރަވަންދޫ
  11. ދ. ބަނޑިދޫ
  12. ލ. ގަން

ފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ބޮޑުތަނުން އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ ވެސް ރާއްޖެއިން ބައްޔަށް 816 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް