
އިއްޔެ ތިނަދޫގައި ބިންގާ އެޅި ޕޮލިސް ސްޓޭޝަނުން ހާއްސަ ބޮޑެތި ކުށްތައް ތަހުގީގު ކުރުމުގެ ގާބިލްކަމާއި، ފޮރެންސިކް ގާބިލްކަން އިތުރުކުރުމާއި، މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޓީމްތައް ސަރަހައްދުގައި އިތުރުކުރުމުގެ އިތުރުން، އެހެނިހެން ސްޕެޝަލިސްޓު ވަސީލަތްތައް ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ އާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެ ވަޑައިގެންނެވި މިރަސްމިއްޔާތުގައި ތިނަދޫއަށް ނިސްބަތްވާ މަޖްލިސް މެމްބަރުންނާއި ގދ. އަތޮޅު ކައުންސިލް ރައީސްގެ އިތުރުން ތިނަދޫ ކައުންސިލް ރައީސް އާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތިނަދޫ ކައުންސިލް ރައީސް ސައުދު އަލީ ވިދާޅުވީ، ތިނަދޫގައި އަމަން އަމާން ކަން ބެލެހެއްޓުމަށް، ފުލުހުން ކުރަމުން އަންނަށް މަސައްކަތް ފުޅާ ކުރުމަށް ފުލުހުންނަށް އެކަށީގެންވާ ތަމްރީނުތައްދީ ފުލުހުންގެ އަދަދު އިތުރު ކުރުމަށް އެދޭ ކަމަށެވެ.
ތިނަދޫގައި ބިންގާ އެޅި ޕޮލިސް ސްޓޭޝަނަކީ ޒަމާނީ ވަސީލަތާއެކު އިމާރާތްކުރެވޭ ހަތަރު ބުރީގެ އިމާރާތެކެވެ.
އަދި ތިނަދޫގައި އަޅާ އާ ޕޮލިސް ސްޓޭޝަނަށް ސަރުކާރުގެ ބަޖެޓުގައި މިއަހަރު ޖުމްލަ ހަ މިލިއަން ރުފިޔާ ހިމަނާފައިވާ އިރު، އެއީ ޕްރޮޖެކްޓުގެ ޕްރީ ޓެންޑަރ މަސައްކަތަށް ހިމަނާފައިވާ އަދަދެވެ. މިއަހަރުގެ ބަޖެޓުގައި އޮތީ އެމަޝްރޫއަށް 11.3 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައެވެ.