ads
އޯޑިއޯން ބިމުގައި ޓާޓާއިން މަސައްކަތް ފަށާފައި——
ނާދީ އާއި އޯޑިއޯން ބިން: މިލުކުވެރިކަން އޮތީ ސަރުކާރަށް، ފްލެޓު ވިއްކާނީ ޓާޓާއިން!
ޓާޓާ އާއެކު ކުރިއަށް ދާން ނިންމީ 3ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ލިބިދާނެތީ
އެޕެކްސް އާ ހަވާލުކުރެވޭ ނާދީ އަދި އޯޑިއޯން ބިމުގެ މިލްކުވެރި ފަރާތަކީ ދިވެހި ސަރުކާރު ކަމަށާއި، ނަމަވެސް މިދެބިމުގައި ފްލެޓް އިމާރާތްކޮށް ދިވެހި ރައްޔިތުންނަށް ވިއްކުމުގެ ހައްޤު އެ ކުންފުންޏަށް ލިބިގެންވާ ކަަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
Advertisement

ގާކޮއްޓާއި އަރަބިއްޔާގައި ފްލެޓް އަޅައިދިނުމުގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކުމަށް 2010ވަނަ އަހަރު ނާދީ އާއި އޯޑިއޯން ބިން ރައީސް ނަޝީދުގެ ސަރުކާރުގައި އެ ކުންފުންޏަށް ދިނެވެ. އެ އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރުމުން ޓާޓާ އިން އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅިއެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އެމައްސަލަ ހައްލުކުރުމަށް މަސައްކަތް ކޮށްފައި ވެއެވެ. އެގޮތުން އެސަރުކާރުން، އެ މައްސަލަ ހައްލުކުރުމަށް އެޕެކްސް އާ ދެމެދު މަޝްވަރާ ކުރުމަށާއި ސެޓްލްމަންޓް އެގްރިމަންޓެއްގައި ސޮއިކުރުމަށް އެއްބަސްވެ، 6 ސެޕްޓެމްބަރު 2018ގައި އޭރުގެ ސަރުކާރާއި އެޕެކްސްއާ ދެމެދު އެމްއޯޔޫ އެއްގައި ވަނީ ސޮއި ކޮށްފައެވެ. އަދި އެއަށް ފަހު ސެޓްލްމަންޓް އެގްރިމަންޓްގައި އޭރުގެ ސަރުކާރާއި އެޕެކްސް އާ ދެމެދު ސޮއިކޮށްފައި ވަނީ 20 ސެޕްޓެމްބަރު 2018 ވަނަ ދުވަހުއެވެ. 

ރައީސް ޔާމީންގެ ސަރުކާރުގައި ހެދި ސެޓުލްމެންޓް އެެއްބަސްވުމުގައި އޮތީ ކީކޭ؟

މިއަދު މިނިސްޓްރީން ނެރުނު ބަޔާނުގައި ވާގޮތުން ރައީސް ޔާމީންގެ ސަރުކާރުން އެފަހަރު އެއްބަސްވެފައިވަނީ،

  • ދެފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި ނާދީ ބިން ތަރައްޤީކުރުމަށް އެޕެކްސްއަށް ދިނުމަށް
  •  އޯޑިއޯން ބިމުގެ ބަދަލުގައި މާލޭ ކޮށި ނަންބަރު (386) ހުރި ބިން ތަރައްޤީކުރުމަށް އެޕެކްސްއަށް ދިނުމަށް
  • އެ ކުންފުންޏަށް ލަގްޒަރީ ވިލާ އެޅުމަށް ދީފައިވާ ޅ. ޅޮއްސަލަފުށީގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުމަށް އެ ރަށް އެޕެކްސްއަށް ދިނުމަށް
  •  އެ އެއްބަސްވުމުގައި، ދެ ފަރާތުގެ ދެމެދު ގައި އިތުރަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އިންޑިޔާގެ އާބިޓްރޭޝަނަށް ހުށަހެޅުމުގެ ބަދަލުގައި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅުމަށް ކަނޑައަޅުމަށް

އެހެން ނަމަވެސް ސެޓްލްމަންޓް އެގްރިމަންޓްގައި ބަޔާންކޮށްފައިވާ ގޮތަށް ސެޓްލްމަންޓް އެގްރިމަންޓްގައި ސޮއިކުރާތާ ހަތް ދުވަހުގެ ތެރޭގައި ސޮއިކުރެވިފައި ނުވާތީ، އެ އެއެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވިފައި ނުވެއެވެ. އަދި މިހެންވުމުން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ މައްސަލަ އެފަހަރު އާބިޓްރޭޝަނުން ނަގާފައެއް ނުވެއެވެ.

ސަރުކާރު ބަދަލުވުމުން މިހާރުގެ ސަރުކާރުން ރުޖޫއަކުރީ 2010 ވަނަ އަހަރުގެ އެއްބަސްވުން

ސަރުކާރު ބަދަލު ވުމާއިގުޅިގެން އަލުން ސެޓެލްމަންޓް އެއްބަސްވުމަކަށް ދިއުމަށް 2019 ވަނަ އަހަރުގެ ފެބުރުއަރީގައި ދައުލަތުގެ ފަރާތުން އެޕެކްސް އާ މަޝްވަރާ ކުރުމަށް ފަހު އެއްބަސް ވެފައިވަނީ، ރައީސް ނަޝީދުގެ ސަރުކާރުގައި، 26 މެއި 2010ގައި ވެފައިވާ އެއްބަސްވުން ރުޖޫއަ ކުރުމަަށެވެ. އެގޮތަށް އެއްބަސްވުން ރުޖޫއަކޮށް މިސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. 

މިއަދު މިނިސްޓްރީން ނެރުނު ބަޔާނުގައި ވާގޮތުން މިސަރުކާރުން އެއްބަސްވެފައިވަނީ،

  • 2010ވަނަ އަހަރުގެ އެއްބަސްވުމުގައި އޮތްގޮތަށް ދެ ފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި ނާދީ ބިމާއި އޯޑިއޯން ބިން ތަރައްޤީކުރުމަށް އެޕެކްސްއަށް ދިނުމަށް
  •  ޅޮއްސަލަފުށި ރިސޯޓަކަށް ބަދަލުނުކޮށް އެ ކުންފުންޏަށް ލަގްޒަރީ ވިލާ ތަރައްޤީކުރުމަށް ޅޮއްސަލަފުށިން ބިމެއް ދިނުމަށް
  • ލަގްޒަރީ ވިލާ އެޅުމަށް ދޫކުރާ 360،000 އަކަފޫޓްގެ އެބިމަށް އަކަފޫޓަކަށް 25 ޑޮލަރުގެ ރޭޓުން ޖުމްލަ ނުވަ މިލިއަން ޑޮލަރު (ގާތްގަނޑަކަށް 138.7 މިލިއަން ރުފިޔާ) ސަރުކާރަށް އެޕެކްސްއިން ދެއްކުމަށް 

މީގެ އިތުރުން މި އެއްބަސްވުމުގައި ވެސް އެއްބަސްވެފައިވަނީ ދެ ފަރާތުގެ ދެމެދުގައި އިތުރަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އިންޑިޔާގެ އާބިޓްރޭޝަނަށް ހުށަހެޅުމުގެ ބަދަލުގައި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅުމަށެވެ. 

މި ކަންތައްތަކާއި މެދު ދެފަރާތުން އެއްބަސްވެ ސަރުކާރުން އެޕެކްސް އާ އެކު ސެޓްލްމަންޓް އެގްރީމަންޓްއެއްގައި ސޮއިކުރުމުން، އެޕެކްސްއިން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންނަން އެކުންފުނިން މިހާރު ވަނީ އެއްބަސް ވެފައެވެ.

މިނިސްޓްރީން ބުނީ އެޕެކްސް އާ ހަވާލުކުރެވޭ ނާދީ އަދި އޯޑިއޯން ބިމުގެ މިލްކުވެރި ފަރާތަކީ ދިވެހި ސަރުކާރު ކަމަށެވެ. ނަމަވެސް އެޕެކްސްއިން މިދެބިމުގައި ފްލެޓް އިމާރާތްކޮށް ދިވެހި ރައްޔިތުންނަށް ވިއްކުމުގެ ހައްޤު އެފަރާތަށް ލިބޭނެ ކަމަށެވެ. 

ރައީސް ނަޝީދުގެ ސަރުކާރުގައި ވީ އެއްބަސްވުން

ސެޓަލްމަންޓް އެއްބަސްވުމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވާގޮތުން، ކަންގަވާލް 18އެސްޖީ ޑިވެލޮޕަސް ޕްރައިވެޓް ލިމިޓެޑާއި އޭރުގެ މިނިސްޓްރީ އާ ދެމެދު 26 މެއި 2010ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން 500 ފްލެޓް މަޝްރޫއުއެއް 2 ފިޔަވައްސަކަށް ބަހައިލައިގެން މާލޭގައި ކުރިޔަށް ގެންދިޔުމަށް ސޮއިކުރެވުނެވެ. އެއެއްބަސްވުމުގެ ދަށުން ކަންގަވާލް 18އެސްޖީ ޑިވެލޮޕަސް ޕްރައިވެޓް ލިމިޓެޑާ ފުރަތަމަ ފިޔަވަހީގެ ދަށުން މަސައްކަތް، އެއްބަސްވުމަށް ގެނެވުނު އިސްލާޙެއްގެ ދަށުން އެޕެކްސް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑް (ޑިވެލޮޕަ) އާ ޙަވާލުކުރިއެވެ. 

މިގޮތުން ފުރަތަމަ ފިޔަވަހީގައި 350 ފްލެޓާއި އަދި 35 ލަގްޒަރީ ވިލާ ފައިނޭންސްކޮށް ޑިވެލޮޕަރު ތައްޔާރު ކުރާގޮތަށް އެއްބަސްވެފައި ވެއެވެ. 

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓް އިމާރާތްކޮށް ތަރައްޤީކުރުމަށް މާލޭގެ ހަތަރު ބިމެއްވަނީ މި މަޝްރޫއުގެ ޑިވެލޮޕަރާއި ހަވާލުކުރެވިފައެވެ. އެ ބިންތަކަކީ:

  1. މއ. ވޭސައިޑް (ކުރީގެ އަރަބިއްޔާ، ބްލޮކް ނަންބަރު 162)
  2. ގ.ގާކޮށި (ބްލޮކް ނަންބަރ 135)، 
  3. ހ.ބްލޫހެވަން (ބްލޮކް ނަންބަރު 58)
  4. މ.އޯޑިއޯން (ބްލޮކް ނަންބަރު 263).

މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ކަންގަވާލް 18 އެސްޖީ ޑިވެލޮޕަސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރެވުނު 150 ފްލެޓް އަދި 15 ލަގްޒަރީވިލާސް ފައިނޭންސްކޮށް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރުމަށް 19 މާރިޗް 2015ގައި ސެންޑަލް މޮރިސަސް ޕްރައިވެޓް ލިމިޓެޑާ އެކުވެސް ވަކި އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ. 

އެއްބަސްވުން އުވާލީ ކީއްވެ؟

ސެންޑަލް މޮރިސަސްއިން ހުޅުމާލޭގައި ސަރުކާރުން ކަނޑައަޅާ އަގެއްގައި ވިއްކުމަށް 120 ފްލެޓް އަދި ލަގްޒަރީ ފްލެޓްގެ ގޮތުގައި 30 ފްލެޓް ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ފަށިއެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން އެޕެކްސް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މަސައްކަތުގެ ތެރެއިން މއ. ވޭސައިޑް އަދި ގާކޮށީގައި އިމާރާތްކުރަން ޖެހޭ 288 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި، އެހައުސިން ޔުނިޓްތައް 19 އޭޕްރީލް 2016 ގައި އޭރުގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗައާއި ހަވާލުކުރި އެވެ. އެހެން ނަމަވެސް، އޯޑިއޯން އަދި ނާދީ ބިމުގައި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާތީ، އޭރުގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން އޭޕްރީލް 2015 ގައި ނޯޓިސް އޮފް ޑިސްސެޓިސްފެކްޝަން އެޕެކްސްއަށް ފޮނުވި އެވެ. 

އެއަށް ފަހު ވެސް މިމަޝްރޫއުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް ކުރިޔަށްނުދާތީ 22 ޑިސެމްބަރު 2016 ގައި ނޯޓިސް އޮފް ބްރީޗް އޮފް ކޮންޓޮރެކްޓް އެޕެކްސް އަށް ފޮނުވިއެވެ. އަދި ނޯޓިސް އޮފް ބްރީޗް އޮފް ކޮންޓުރެކްޓްގައިވާ 90 ދުވަހުގެ މުއްދަތު ހަމަވުމުން، ނޯޓިސް އޮފް ޓާމިނޭޝަން 27 އޭޕްރިލް 2017 ގައި އެޕެކްސްއަށް ފޮނުވިއެވެ.

އެޕްކްސްއިން އާބިޓްރޭޝަންގައި އެދުނީ ކޮން ގޮތަކަށް؟

އެޕްކްސްއިން އެދުނީ އެއްބަސްވުމާ ހިލާފުވުމުން 22 ޑިސެމްބަރު 2017 އަދި 18 އޭޕްރިލް 2017 ގައި މިނިސްޓްރީއިން އެޕެކްސްއަށް ދީފައިވާ ނޯޓިސްތަކާއި، 27 އޭޕްރިލް 2017 ގައި ފޮނުވި ނޯޓިސް އޮފް ޓަރުމިނޭޝަން އަކީ ޤާނޫނާ ހިލާފު ބާޠިލް އެންގުންތަކެއްކަމަށް ކަނޑައަޅައި ދިނުމަށާއި އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރަށް އެންގުމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމުގެ އަމުރެއް ނުނެރެވޭނެ ނަމަ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 200.46 މިލިއަން އެމެރިކާ ޑޮލަރު(ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ) އާއި އަބިޓްރޭޝަނަށް ހިނގާ އެންމެހައި ހަރަދުތައް އެޕެކްސްއަށް ނަގައިދިނުމަށެވެ. 

ސަރުކާރުން ހަތިޔާރު ބަހައްޓާ ޓާޓާއިން ބޭނުންވާ ބިންތައް ދޭން އެއްބަސްވީ ކީއްވެ؟ 

ސަރުކާރުން ބިންތައް ދީ ސުލުހަވާން ނިންމި ސަބަބެއްގެ ގޮތުގައި މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ އާބިޓްރޭޝަން ޓްރައިބިއުނަލުން އެހާތަނަށް އަމަލު ކުރައްވާފައިވާ ގޮތަށާއި ބައްދަލުވުން ތަކުގައި ދައްކަވާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް ދިވެހި ސަރުކާރު ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ ބޭރުގެ ޤާނޫނީ މާހިރުން ދީފަައިވާ ލަފައެވެ. 

ނޫނީ މާހިރުން ލަފާދީފައިވަނީ މި މައްސަލައިގެ ތެރެއިން އާބިޓްރޭޝަން ޓްރައިބިއުނަލްއަށް އެޕެކްސްއިން ހުށަހެޅި ވަގުތީ އަމުރު ނެރެދެއްވައި، އޯޑިއޯން އަދި ނާދީ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ އެޕެކްސްއަށް ދީފައިވާތީ، އެ ވަގުތީ އަމުރު ނެރެދެއްވުމުގެ ނަތީޖާއަކީ 27 އޭޕްރިލް 2017 ގައި މިނިސްޓްރީއިން ފޮނުވި ނޯޓިސް އޮފް ޓަމިނޭޝަންގެ ބާރު ކެނޑިގެން ދިއުންކަމަށެވެ. އަދި މި މައްސަލާގައި ހިލާފު އުފެދިފައިވާ ޤާނޫނީ ނުކުތާތަކަށް ޓްރައިބިއުނަލުން މިހާރު ވެސް ވަކި ގޮތެއް ނިންމަވާފައި ވާކަމަށް ބެލެވޭކަމަށެވެ. މިހެންވުމުން އެއްބަސްވުން ބާޠިލްކޮށްފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ޓްރައިބިއުނަލުން ބުރަވާކަން ފާހަގަ ކުރެވުނު ކަމަށެވެ.

އެޕެކްސްއިން އެދިފައިވާ ގޮތަށް އޯޑިއޯން އަދި ނާދީ ބިމުގައި އިމާރާތް ކުރެވޭ ގޮތަށް ޓްރައިބިއުނަލުން ސަރުކާރުގެ މައްޗަށް ވަގުތީ އަމުރު ނެރެދީފައިވާތީ އާއި، އެޕެކްސްއިން ހުށަހަޅާފައިވާ އަބިޓްރޭޝަންގެ މައްސަލާގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެފަރާތުން އެދިފައިވާ ގޮތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 200.46 މިލިއަން އެމެރިކާ ޑޮލަރު( ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ)ގެ އިތުރުން އާބިޓްރޭޝަނާ ގުޅިގެން ހިނގާ އެންމެހައި ހަރަދުތައް ނަގައިދިނުމުގެ ފުރުސަތު އޮތްކަމަށް ބޭރުގެ ޤާނޫނީ ވަކީލުން ލަފާ ދެއްވާފައިވާތީ، މި މައްސަލަ އަރބިޓްރޭޝަންގެ ބޭރުން ހައްލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ވަނީ ލަފާދީފައިވާތީ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް